ENGLISH

10 ޖުލައި 2026

Advertisement

އައްޑޫ ސިޓީގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓް 2028 ގައި ހިދުމަތް ފެށުމަށް ތައްޔާރުވަނީ

10 ޖުލައި 2026

|

އާމިނަތު ނުޒްލާ

އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ކުނިން ހަކަތަ އުފައްދާ ޕްލާންޓް - ފޮޓޯ: ޕީއެސްއެމް

އައްޑޫ ސީޓީގައި ގާއިމްކޮށްފައިވާ ކުނިން އުފައްދާ ނިޒާމު "ވޭސްޓް ޓު އެނަރޖީ" ޕްލާންޓު 2028 ވަނަ އަހަރުގެ ތެރޭގައި ހިދުމަތް ދޭން ފެށޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވަޒީރުގެ ނައިބު އަހުމަދު ނިޒާމު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ނިޒާމު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން އަންނަނީ ސަރަހައްދީ ފެންވަރުގައި ތަފާތު މަޝްރޫޢުތައް ހިންގަމުން ކަމަށެވެ. އެގޮތުން އައްޑޫގައި ގާއިމުކުރާ ޕްލާންޓުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

ނިޒާމު ވިދާޅުވީ އައްޑޫގައި ގާއިމްކުރާ ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ ކުނި އަންދައިގެން، 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެއް ކަމަށެވެ. އިތުރަށް ނިޒާމު ފާހަގަކުރެއްވީ ހަމައެކަނި ޕްލާންޓެއް ހުރެގެން ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒެއް ފުރިހަމަ ނުވާނެކަމެވެ. އެހެންކަމުން، އެ ފެސިލިޓީގެ މަސައްކަތްތައް އެންމެ މަތީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް، އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ އެހީގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިތުރަށް ނިޒާމު ފާހަގަކުރެއްވީ، މިހާރު މަސައްކަތްތައް ކުރަމުންދާ ސްޕީޑްގައި ކުރެވެމުންދާނަމަ 2028 ވަނަ އަހަރުގެ ތެރޭގައި މި މަރުކަޒު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ލަފާ ކުރައްވާ ކަމަށެވެ.

"މިހާރު މަސައްކަތް ދާގޮތުން އަޅުގަނޑުމެން އުންމީދު މިކުރަނީ މި މަޝްރޫޢު ގާތް ގަނޑަކަށް 2028ގެ މެދަކާއި ހަމައަށް ނިންމާލެވި އެ ފެސިލިޓީވެސް އޮޕަރޭޝަނަށް ގެނެވޭނެކަމަށް. މިވަގުތު ވޭސްޓް މެނޭޖްމަންޓު ޕްލާންޓު ޤާއިމްކުރެވިފައި ހުރިކަމުގައިވީނަމަވެސް އޮޕަރޭޓެއް ނުކުރެވޭ. އޮޕަރޭޓް ނުކުރެވޭ ސަބަބަކީ އެ ފެސިލިޓީ ފުރިހަމަކުރަން ބޭނުންވާ އިތުރު ކޮންޕޯނަންޓުތައް މިހާރު ކުރިއަށް މިދާ މަޝްރޫޢުގެ ތެރެއިން ލޭންޑް ފިލްއާއި ސޯޑިން ފެސިލިޓީ އަންނާނެ. އެފުރިހަމަވެގެން އަންނައިރު ފުރިހަމަ ސިސްޓަމަކަށް ވެގެން އަންނާނެ." ނިޒާމު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ކުނި އަންދައިގެން ހަކަތަ އުފައްފާ ވޭސްޓް ޓު އެނަރޖީ ޕްލާންޓް ގާއިމުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މި ޕްރޮޖެކްޓަކީ މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގާއިމުކޮށްފައިވާ މަޝްރޫއެކެވެ. މި ޕްލާންޓު ޕަބްލިކް ޕްރައިވެޓް ޕާޓްނާރޝިޕްގެ ދަށުން ހިންގުމަށް ހުޅުވާލުމަށް ނިންމާފައިވާކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު