ENGLISH
10 ޖުލައި 2026
ޤުރުއާން ތިލާވަތުކުރާ ކޮންމެ މީހަކަށް، ބަރަކާތާއި މަތިވެރިކަން ލިބޭނެ: ހުކުރު ޚުޠުބާ
10 ޖުލައި 2026
|
އެންމެ މަޤްބޫލު
ކީރިތި ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް ފޮތެއް ކަމަށާއި، އިޚުލާޞްތެރިކަމާ އެކު އެ ފޮތް ތިލާވަތުކުރާ ކޮންމެ މީހަކަށްމެ، އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތަކީ ކީރިތި ޤުރްއާން ކަމަށާއި، އެއީ ކޮންމެ ހެއުކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު ކަމަށެވެ. ހުރިހައި ކާމިޔާބީއެއްގެ ސިއްރަކީވެސް އެއީ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއް ކަމަށެވެ.
"ކީރިތި ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެކެވެ. ބަލިތަކަށް އޮތް ޝިފާއެކެވެ. މި މާތް ފޮތް ކިޔަވައި، އެއަށް ޢަމަލުކުރާ މީހާއަށް ޤިޔާމަތް ދުވަހު އެ ފޮތް ޝަފާޢަތްތެރިވާނެއެވެ. އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށްމެ ދިހަ ހެއުކަމުގެ ޘަވާބު މާތް ﷲ ދެއްވާނެއެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގައި ހިމެނޭ އާޔަތްތަކުގެ މާނަތަކާ މެދު ތަދައްބުރުކޮށް ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގެން، އެބައިމީހުންނަށް ޓަކައި ހެއު ދުޢާކުރައްވައި، ޝައިޠާނާގެ ނުބައިކަމުންނާއި ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެ ކަމަށެވެ.
އަދި މާތް ﷲގެ ތަނަވަސްވެގެންވާ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން އެކަލާނގެ އެބައިމީހުންނަށް މިންވަރުކުރައްވާނެ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
ކީރިތި ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހަށިގަނޑަށާއި، ރޫޙަށާއި، ހިތަށް ނުހަނު ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެއް ކަމަށާއި، މާތް ﷲގެ މަތީން ހަނދުމަކޮށް، ޒިކުރުކުރުމުގެ މަތިވެރި މަޤުޞަދުގައި ކިޔެވޭ މި މުޤައްދަސް ފޮތަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލު ކަމަށް ޚުޠުބާގައި ބުންޏެވެ.
"ކީރިތި ޤުރްއާން ތިލާވަތުކުރުމުގައި ދެމިހުރުމަކީ، މާތް ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް އޮތް އެންމެ މަތިވެރި އަދި އެންމެ ހެޔޮވެގެންވާ އެއް މަގެވެ. އެއީ މުސްލިމެއްގެ ހިތްވަރާއި ހީވާގިކަން އާލާކޮށްދީ، އިންސާނާގެ ތަޞައްވުރަށް ވުރެ ބޮޑެތި ކަންކަން ޙާޞިލުކުރުމުގެ ބާރާއި ޤާބިލުކަން ލިއްބައިދޭ އަޅުކަމެކެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ކީރިތި ޤުރުއާނާ މެދު ތަޤުވާވެރިވުމަށް ގޮވާލައިފައެވެ. ހުރިހައި ހެއުކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމާއި، އެ ފޮތް މަތިވެރިކުރުމުގައި ކަމަށާއި، އަދި ހުރިހައި ނުބައިކަމެއް ވަނީ އެ ފޮތް ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައިކަމަށްވެސް ޚުޠުބާގައި ބުންޏެވެ.