ENGLISH

10 ޖުލައި 2026

Advertisement

ޝަހީދު އަލީ ޚާމަނާއީ މަޝްހަދުގައި ފަސްދާނުލައިފި

10 ޖުލައި 2026

|

އައިމިނަތު ޝަފާ

އިރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ފަސްދާނުލައިފިއެވެ.

އަލީ ޚާމަނާއީ ފަސްދާނުލާފައިވަނީ އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާގައި އެމަނިކުފާނު ޝަހީދުކޮށްލިތާ 132 ދުވަސް ފަހުން  މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައެވެ. 

އިއްޔެ މެންދުރުފަހު ޚާމަނާއީގެ ހަށިކޮޅު މަޝްހަދަށް ގެނެދެވުނުއިރު، އީރާނުގެ އެކި ކަންކޮޅުތަކުންނާއި ދުނިޔޭގެ އެކި ގައުމުތަކުން ޖަމާވި މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ އެމަނިކުފާނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް ޖަމާވެފައެވެ. 

މި ވަދާއީ ރަސްމިއްޔާތުގައި އީރާނު ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް، ޝަރުއީ ދާއިރާގެ ވެރިޔާ ޣުލާމް ޙުސައިން މުޙްސިނީ، ކުރީގެ ނައިބު ރައީސް މުޙައްމަދު މުޚްބަރު އަދި މަޝްހަދުގެ ޚަޠީބު އާޔަތުﷲ ސައްޔިދު އަޙްމަދު އާލަމުލްހުދާ ހިމެނިވަޑައިގަންނަވައެވެ.

ޝަހީދުވި ލީޑަރުގެ މައްޗަށް ކުރެވުނު އެންމެ ފަހުގެ ކަށުނަމާދު އިމާމްވެ ކުރެއްވީ އެމަނިކުފާނުގެ ދަރިކަލުން އާޔަތުﷲ ސައްޔިދު މުޞްޠަފާ ޚާމަނާއީއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމަނިކުފާނު ފަސްދާނުލެވިފައިވަނީ އިމާމް ރިޒާގެ ބަގުބަރާގެ ތެރޭގައިވާ "ދާރުލް ޛިކުރު ރަވާގު"ގައެވެ.

ޚާމަނާއީގެ ހަށިކޮޅު މަޝްހަދަށް ގެންދިއުމުގެކުރިން އިރާގުގެ ނަޖަފާއި ކަރުބަލާގައި ވެސް ވަދާއީ ހަރަކާތްތަކެއް ބާއްވާފައިވެއެވެ. އެގޮތުން ނަޖަފުގައި ހުންނަ އިމާމް އަލީގެ މަގުބަރާ ސަރަހައްދަށް ގާތްގަނޑަކަށް 3.8 މިލިއަން މީހުން އެއްވެ، ޚާމަނާއީއަށް އިހުތިރާމް އަދާކޮށްފައިވެއެވެ. އަދި އޭގެ ފަހުން އީރާނުގެ ތެހެރާނާއި ގުމްގައި ބޭއްވުނު ވަދާއީ ހިނގާލުންތަކުގައި ވެސް އެތަައް މިލިއަން ބަޔަކު ބައިވެރިވިއެވެ.

އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ޝަހީދުވީ 28 ފެބުރުވަރީ 2026 ގައި އީރާނާ ދެކޮޅަށް ފެށުނު 40 ދުވަހުގެ ހަނގުރާމައިގެ ކުރީކޮޅު، އެމެރިކާއާއި އިސްރާއީލު ހިމެނޭ ކޯލިޝަނުން ތެހެރާނަށް ދިން ވަރުގަދަ ހަމަލާއެއްގައެވެ. 

ކިޔުންތެރިންގެ ހިޔާލު