ENGLISH

10 ޖުލައި 2026

Advertisement

އިންޑިއާ-ރާއްޖެ މަޝްވަރާތަކާއެކު ވިޔަފާރި އާއި އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ

10 ޖުލައި 2026

|

އާމިނަތު ނުޒްލާ

އިގްތިސާދީ ވަޒީރު މުޙައްމަދު ސައީދާއި އިންޑިއާގެ ވިޔަފާރިއާ ބެހޭ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިންޑިއާއާއި ރާއްޖެއާއި ދެމެދު ކުރެވޭ މަޝްވަރާތަކާއެކު ވިޔަފާރި އާއި އިގްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ އުއްމީދު ކުރައްވާކަމަށް އިގްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ އިންޑިއާގެ ވިޔަފާރިއާއި ބެހޭ ވަޒީރުގެ ދަޢުވަތަކަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އިންޑިއާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓަރ، ޕިއުޝް ގޯޔަލްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޒީރު ސައީދު ވިދާޅުވީ، މި ބައްދަލުވުންތަކުގެ ޒަރީއާއިން، ދެ ގައުމުން އެއްބަސްވާ ތަސައްވަރުތައް، އަމަލީ މައިދާނުގައި ފާހަގަކޮށްލެވޭ ފުރުސަތުތަކަށް ބަދަލު ކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ފެށުނު "އިންޑިއާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓް" ކުރިއަށްދާ މިންވަރާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އަދި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ އިތުރު ފުރުސަތުތަކާއި ޕްރައިވެޓް ސެކްޓަރގެ ގުޅުން އިތުރަށް ބަދަހިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެދުންރަ މޯދީގެ ވިސްނުންފުޅާއެއްގޮތަށް ކަންކަން ބައްޓަންކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ކޮންފެޑަރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ އާއި ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އައު އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ ޙަރަކާތްތަކާއެކު އިތުރަށް ކުރިއަރާނެކަމަށް ދެ ވަޒީރުން ބޭއްވެވި ބައްދަލު ކުރެއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު