ENGLISH

07 ޖުލައި 2026

Advertisement

މެރީނޯގެ ލަނޑާއެކު ސްޕެއިން ކުއާޓާއަށް، ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ނިމުމަކަށް

07 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ޕޯޗުގަލް ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ މެޗުގައި، ފަހު ވަގުތު މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށް، ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ނަތީޖާއާއެކު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު މިވަނީ ނިމުމަކަށް އައިސްފައެވެ.

ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން ދެން ނުކުންނާނީ އަންނަ ހުކުރު ދުވަހުގެރޭ އެމެރިކާގެ ލޮސް އެންޖެލިސްގައި އެމެރިކާ ނުވަތަ ބެލްޖިއަމްއާ ދެކޮޅަށެވެ.

އެމެރިކާގެ ޑަލަސް ސްޓޭޑިއަމުގައި 70،649 ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅުނު މެޗަކީ ވަރުގަދަ ކުރިމަތިލުމަކަށް ވާނެ ކަމަށް ބެލެވުނު ނަމަވެސް، އުއްމީދުކުރި ފަދަ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުމަށް ދާން ތައްޔާރުވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ފެރާން ޓޮރޭސް ދިން ބޯޅައަކުން މެރީނޯ ވަނީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ލަނޑު ޖަހައި، ސްޕެއިން މޮޅުކޮށްދީފައެވެ.

މިއީ އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް ވަރަށް ހިތްދަތި ނިމުމެކެވެ. މިހާރު ސައުދީ އަރަބިއްޔާގައި ކުޅެމުން އަންނަ ރޮނާލްޑޯ ވަނީ، މިއީ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި އޭނާ ފެންނާނެ ފަހު ފަހަރު ކަމަށް މެޗުގެ ކުރިން ބުނެފައެވެ.

ވޯލްޑް ކަޕުގައި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ --- ފޮޓޯ: އޭޕީ

މި ދެ އަވައްޓެރި ޤައުމު މި މެޗާ ކުރިމަތިލީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ނަމަވެސް ޕޯޗުގަލްގެ ކުޅުން އެހާ އިތުބާރު ހުރި ގޮތަކަށް ފެނިފައި ނުވާއިރު، ސްޕެއިން ވަނީ މިހާތަނަށް މުބާރާތުގައި އެންމެ ލަނޑެއްވެސް ބައިކޮޅަށް ވަނަނުދީ ހިފަހައްޓާފައެވެ. މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމުގެ ގޮތުގައި އޮތް ސްޕެއިން އަދިވެސް އޮތީ އެ ރިކޯޑާއެކުގައެވެ.

ސްޕެއިންގެ ފުޓްބޯޅައިގެ ތާރީޚަށް ބަލާއިރު، އެ ޤައުމަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2010 ވަނަ އަހަރެވެ. ޕޯޗުގަލަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވަނަ އަހަރު ހޯދި ތިންވަނައެވެ.

މި މެޗަކީ ފުޓްބޯޅަ ކެރިއަރުގެ ދެކޮޅުގައި ތިބި ދެ ތަރިން ކަމަށްވާ ރޮނާލްޑޯ އާއި ސްޕެއިންގެ 18 އަހަރުގެ އުއްމީދީ ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިއެވެ.

މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ސްޕެއިނަށް ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޑެނީ އޮލްމޯ ދިން ބޯޅައަކުން މިކޭލް އޮޔާޒަބާލަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ކީޕަރު ޑިއޯގޯ ކޯސްޓާ އެކަނި ހުއްޓާ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ވޯލްޑް ކަޕުގައި ޕޯޗުގަލް ކޮޅަށް ސްޕެއިންގެ މެރީނޯ ލަނޑު ކާމިޔާބުކުރަނީ --- ފޮޓޯ: އޭޕީ

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯއަށްވެސް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ ދިފާއުކޮށްފައެވެ. ލުއިސް ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕެއިންގެ ޕްރެޝަރު ބޮޑުވެ، ޔަމާލް އާއި އެލެކްސް ބައޭނާ ފޮނުވާލި ހަމަލާތައް ކީޕަރު ކޯސްޓާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ކެރިއަރުގެ ފަހު ދުވަސްތައް ގުނަމުންދާ ރޮނާލްޑޯ، މި މެޗުގައި ފެނުނީ މެދުތެރެއިން މާ ބޮޑު ނުފޫޒެއް ފޯރުވޭ ގޮތް ނުވެފައި ހުއްޓައެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ޕޯޗުގަލަށް ލީޑު ނެގުމާ ގާތަށް ދެވުނެވެ. ނަމަވެސް ނޫނޯ މެންޑޭޒް ފޮނުވާލި ބޯޅަ، ސްޕެއިންގެ ފުލްބެކް ޕެޑްރޯ ޕޯރޯގެ ބޮލުގައި ޖެހިފައި ގޮސް ޖެހުނީ ގޯލުގެ ހުރަސް ދަނޑީގައެވެ.

ޔަމާލަށް މި މެޗުގައި މެންޑޭޒްގެ ފަރާތުން ބޮޑު ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، މެޗުގެ 56 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން މެންޑޭޒް ބޭލުމަކީ ޕޯޗުގަލަށް ލިބުނު ބޮޑު ގެއްލުމެކެވެ. މެޗުގެ ފޯރިގަދަވަމުން ދިޔަ ވަގުތު، ޕާހެއް ނުލިބުމުން ރޮނާލްޑޯ ހިތްހަމަނުޖެހުން ފާޅުކުރި މަންޒަރު ފެނިގެންދިޔައެވެ. ކޯޗު ރޮބާޓޯ މާޓިނޭޒް މެޗުގެ 71 އަދި 83 ވަނަ މިނެޓުގައި ބަދަލުތަކެއް ގެނައި ނަމަވެސް، ރޮނާލްޑޯއަށް ވަނީ މެޗު ފުރިހަމަކުރުމުގެ ފުރުސަތު ދީފައެވެ.

ދެ ޓީމުންވެސް ރައްކާތެރިކަމާއެކު ކުޅެމުންދިޔަ މި މެޗު ސްޕެއިނުން ކާމިޔާބުކުރީ، އާސެނަލްގެ މިޑްފީލްޑަރު މެރީނޯ ވަރަށް ހަމަޖެހިލާފައި ފޮނުވާލި ހިތްގައިމު ލަނޑުންނެވެ.

ކިޔުންތެރިންގެ ހިޔާލު