ENGLISH

07 ޖުލައި 2026

Advertisement

މެކްސިކޯ މެޗަށްފަހު ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕުގައި ހެންޑަސަންއަށް ދެން ނުކުޅެވޭނެ

07 ޖުލައި 2026

|

އިސްމާއިލް ޝާހު

އިންގްލެންޑުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން --- ފޮޓޯ: ގެޓީ

އިންގްލެންޑުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަންއަށް ލިބުނު އަނިޔާއަކާ ގުޅިގެން،  ވޯލްޑް ކަޕް 2026 ގައި އޭނާއަށް ދެން ނުކުޅެވޭނެކަން ކަށަވަރުވެފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ހެންޑަސަންއަށް މި އަނިޔާ ލިބުނީ އަޒްޓެކާ ސްޓޭޑިއަމްގައި ރޭ މެކްސިކޯއާ ދެކޮޅަށް ކުޅެ 3-2 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވި ފޯރިގަދަ މެޗަށްފަހު، ދަނޑު ވަށައިގެން ހުރި އިސްތިހާރު ބޯޑުތަކުގެ މަތިން ފުންމާލަން އުޅުމުގެ ތެރޭގައި ވެއްޓުނު ގޮތަކުންނެވެ.

ބްރެންޓްފަޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ސްޓްރެޗަރުގައި އޮކްސިޖަން ދެމުން އުފުލައިގެން ގެންދިޔަ މަންޒަރު ފެނިފައިވާއިރު، އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މެޗަށްފަހު ހެންޑަސަން ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ކަށަވަރުކޮށްދީފައެވެ.

ހެންޑަސަންއަށް އަނިޔާވުމާއެކު ދަނޑުމަތީގައި ފަރުވާ ދެނީ --- ފޮޓޯ: ގެޓީ

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހެންޑަސަން މިވަގުތު މެކްސިކޯ ސިޓީގައި މަޑުކޮށްފައިވަނީ އިންގްލެންޑް ޓީމުގެ ސަޕޯޓް ސްޓާފަކާ އެކުގައެވެ. އެހެންކަމުން މިއަދު އެމެރިކާގެ ކެންސަސް ސިޓީގައި ހުންނަ ޓީމުގެ ޓްރޭނިންގ ބޭސްއަށް އެނބުރި ދިޔަ ޓީމާއެކު އޭނާ ދަތުރުކޮށްފައެއް ނުވެއެވެ.

އުމުރުން 36 އަހަރުގެ ހެންޑަސަން މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅެފައިވަނީ އެންމެ ހަ މިނެޓެވެ. އެއީ ގްރޫޕް އެލްގައި ޕެނަމާ އަތުން 2-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވި މެޗުގެ ފަހު ވަގުތުކޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު