ENGLISH
04 ޖުލައި 2026
މަސްތުވާތަކެތީގެ ފަރުވާގެ ވެއިޓިން ލިސްޓުގައި 641 މީހުން އެބަތިބި
04 ޖުލައި 2026
|
ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ؛ ޕީއެސްއެމް.
އެންމެ މަޤްބޫލު
މަސްތުވާތަކެތީގެ ފަރުވާއަށް އެދި މިހާރުވެސް 600 އަށް ވުރެ ގިނަ މީހުން އެބަތިބިކަމަށާއި އެ މީހުންނަށް ވީހާވެސް އަވަހަށް އެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.
"އެމްއެމްޓީވީ"އަށް މައުލޫމާތުދެއްވަމުން އެންޑީއޭއިން ބުނީ މަސްތުވާތަކެތީގެ ފަރުވާއަށް އެދި މިހާރުވެސް 641 މީހުން ވެއިޓިން ލިސްޓުގައި އެބަތިބިކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މުޖުތަމައުގެ ތެރެއިން ފަރުވާ ހޯދާ 360 މީހަކާއި، މަރުކަޒުގައި ތިބެގެން ފަރުވާއަށް ހޯދުމަށް އެދި 142 މީހަކާއި މެތަޑޯން ފަރުވާއަށް ހޯދުމަށް އެދި 139 މީހެކެވެ.
މި ވެއިޓިން ލިސްޓު ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތައް ކުރަމުން އަންނައިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްގީކޮށް، ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
އެންޑީއޭގެ ބެލުމުގެ ދަށުން 1082 މީހުން މިވަގުތުވެސް ފަރުވާގެ އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އިސްލާހުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 12 ރިހެބިލިޓޭޝަން ސެންޓަރެއްގައި އަންނަނީ ފަރުވާދެމުންނެވެ. މި ސެންޓަރުތައް ހުންނަނީ މާލެ، ހުޅުމާލޭގެ އިތުރުން ކ. ހިންމަފުށި ގދ.ތިނަދޫ، ހދ.ހަނިމާދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ އަދި ގއ.ވިލިނގިލީގައެވެ.
މަސްތުވާތަކެތީގެ ފަރުވާދިނުމަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ ގޮތުން ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރުގައި ބިޔަ މަޝްރޫޢެއް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެއް ފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ސެންޓަރެއް އެތަނުގައި ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާނެކަމަށް ދާހީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ ހާމަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
ރިހެބިލިޓޭޝަން ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު މިކަމުގެ ސަބަބުން ޑްރަގްގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ވަށާޖެހޭ ހައްލެއް ލިބިގެން ދާނެކަމަށް ސަރުކާރުން އުއްމީދުކުރެއެވެެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު އެއް މައްސަލަ އެވެ. މިމައްސަލައަށް އެކަށީގެންވާ ހައްލެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.