ENGLISH

04 ޖުލައި 2026

Advertisement

ބީއެމްއެލް ކާޑު މެޝިނަށް ދޫކުރާ ފައިނޭންސިން ފަސް ދުވަހުގެ ތެރޭ ލިބޭ ގޮތް ހަދައިފި

04 ޖުލައި 2026

|

އައިމިނަތު ޝަފާ

ބީއެމްއެލް އިން މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ހިދުމަތަށް ގެނައި ބަދަލުތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސް 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. 

ބޭންކުން ބުނީ މިއީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވީހާވެސް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށެވެ. 

މިގޮތުން މި ހިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ އިތުރަށް ފަސޭހަކޮށް ފަސް ދުވަހުގެތެރޭގައި ފައިނޭންސިންް ލިބޭނެ ގޮތަށް ބަދަލުކޮށް ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ އިންޒާމު ފަހިކޮށްދީފައިވެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެއްކަމަށެވެ. 

"ފައިނޭންސިންއަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދީ ފައިނޭންސިން ގެ ސްކޯޕް އިތުރަށް ފުޅާކޮށް އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ މާޗަންޓުންގެ ވިޔަފާރިއަށް ބޭނުންވާ މާލީ އެހީތައް ފަސޭހަހަމާއެކު ހަމަޖައްސައިދީ ވިޔަފާރިތައް އިތުރަށް ކުރިއެރުވުން،". ޝަރީފް ވިދާޅުވިއެވެ.

މި ފައިނޭންސަށް އެދި ހުށަހެޅޭނީ ބީއެމްއެލް މާޗަންޓް ހިދުމަތް މެދުވެރިކޮށް މަދުވެގެން ހަ މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށެވެ. އަދި މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20،000 ރުފިޔާގެ ވިޔަފާރިކޮށްފައިވުމާއެކު އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާނެއެވެ. މި ފައިނޭންސިން އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ބޭންކުން ހަމަޖައްސާފައިވެއެވެ. އެގޮތުން ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން މި ފައިނޭންސިންއަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ގާއިމުކޮށްފައިވެއެވެ. 

މި ހިދުމަތަށް އެދި ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް އެޕްގެ މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި ބަދަލުތަކަކީ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް އެހީތެރިވެ ވިޔަފާރިތައް ދިގުމުއްދަތަކަށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުގެ ތެރެއިން ކުރި މަސައްކަތެއްކަމަށް ބޭންކުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު