ENGLISH
04 ޖުލައި 2026
މި އަހަރު ނިމެންވާއިރަށް ކެލާގެ ލިލީ ހައުސްގެ މަޝްރޫއު ނިންމަނީ
04 ޖުލައި 2026
|
ކެލާ ލިލީ ހައުސް
އެންމެ މަޤްބޫލު
މި އަހަރު ނިމެންވާއިރަށް ހއ. ކެލާ ލިލީ ހައުސް މަރާމާތުކުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބުދަ ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގެން ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
ވަޒީރު ވިދާޅުވީ ކެލާގެ އާސާރީ ތަނެއް ކަމަށްވާ ލިލީ ހައުސް ތަރައްގީކުރުމުގެ މަޝްރޫއަކީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށެވެ. ފާއިތުވީ ދުވަސްތަކުގައި މި މަޝްރޫއުގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވީނަމަވެސް އައު ޕްލޭނެއްގެ ދަށުން އަލުން މަސައްކަތް ފެއްޓުމަށް ހަމަޖެހިފައިވާކަމަށެވެ.
" ވުޒާރާގެ ޓީމެއް ދިޔަ މަހުގެ ތެރޭގައި ކެލާއަށް ޒިޔާރަތްކޮށް ކުރަންޖެހޭ މަސައްކަތަށް އިތުރަށް ބަލައި ދިރާސާކޮށް އެސެސްމެންޓް ޕްލޭނެއް ހަދައި މިހާރު އެ ޕްލޭނުގެ ދަށުން އަލުން މަސައްކަތް ފެއްޓުމަށް މިހާރު ހަމަޖެހިފައިމިވަނީ. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި، މި އަހަރު ނިމެންވާއިރަށް ކެލާ ލިލީ ހައުސްގެ މަޝްރޫއު ނިމޭނެކަމަށް އަޅުގަނޑުމެންނަށް މި ލަފާކުރެވެނީ،". ހީނާ ވިދާޅުވިއެވެ.
ރަށްރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އިހުގެ ބިނާތައް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމެވެ.
ކެލާ ލިލީ ހައުސް އަކީ ކުރީ ޒަމާނުއްސުރެ މައުލޫދުގެއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެކެވެ. އަދި ކުދިންނަށް ކިޔަވައި ދިނުމަށް ވެސް އެތަން ބޭނުންކުރިއެވެ. ގާތްގަނޑަކަށް 80 އަހަރުވެފައިވާ މި އިމާރާތަކީ އުވައިން ރާނާ އުވަޖަހާ ތަނބުތައް ފަރުމާކޮށްފައިވާ އިމާރާތެކެވެ. މި އިމާރާތުގައި 1700 އަކަފޫޓު ހުރެއެވެ.