ENGLISH

23 ޖޫން 2026

Advertisement

މޫސުން ގޯސްވުމުގެ ސަބަބުން ކުޅުމަށް ބުރޫއެރި މެޗުން މޮޅުވެ، ފްރާންސް ދެވަނަ ބުރަށް

23 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި އިރާގު ކޮޅަށް ލަނޑު ޖެހުމަށްފަހު ފްރާންސްގެ ކެޕްޓަން އެމްބާޕޭ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައިގައި ކީލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން އިރާގު ބަލިކޮށް، ދެވަނަ ބުރުގެ ޖާގައެއް ފްރާންސުން ކަށަވަރުކޮށްފިއެވެ. ފިލަޑެލްފިއާގައި މިރޭ ކުޅުނު މެޗުގައި މޫސުން ގޯސްވުމުގެ ސަބަބުން ދެ ގަޑިއިރަށް މެޗު މެދުކަނޑާލަން ޖެހުނު ނަމަވެސް، ފްރާންސުން ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ބާކީ އޮއްވައި، މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

ފުރަތަމަ މެޗުގައި ސެނެގާލް އަތުން ހޯދި މޮޅަށްފަހު، މި މެޗުން މޮޅުވެގެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެކަން އެނގި ތިބެ ކޯޗު ޑިޑިއޭ ޑެޝޯމްޕްގެ ޓީމުން ވަނީ ވަރަށް އިތުބާރާއެކު ކުޅެފައެވެ. އިދިކޮޅު ޓީމުގެ ވަރުގަދަ ޑިފެންސާއި މޫސުމީ ގޮންޖެހުންތަކާ ކުރިމަތިލައި، ފްރާންސުން ވަނީ މުބާރާތުގައި އެ ޓީމުގެ ފުރިހަމަ ރިކޯޑު ދަމަހައްޓާފައެވެ.ވޯލްޑް

ވޯލްޑް ކަޕުގައި ފްރާންސާއި އިރާގު ބައްދަލުކުރި މެޗު؛ ބޯ ވިއްސާރައިގައި ކުޅުންތެރިން ކުޅެނީ --- ފޮޓޯ: އޭޕީ

މި މެޗުގައިވެސް އެންމެ ފާހަގަކޮށްލެވުނީ ފްރާންސްގެ ކެޕްޓަން އެމްބާޕޭގެ ހުނަރެވެ. މެޗުގެ ދެ ހާފުގައި އޭނާ ކާމިޔާބުކުރި ދެ ލަނޑާއެކު، މި މުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.

މީގެ އިތުރުން، އޮސްމާން ޑެމްބެލޭއަށްވެސް މި މެޗަކީ ވަރަށް މުހިންމު މެޗެކެވެ. ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ލަނޑެއް ނުޖެހި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު، ވޯލްޑް ކަޕާއި ޔޫރޯ ހިމެނޭހެން އޭނާ ކުޅުނު 20 ވަނަ މެޗުގައި ޑެމްބެލޭ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.

މެޗު ފެށުނީއްސުރެ ފްރާންސްގެ މޮޅު ކުޅުން ފެނިގެންދިޔައެވެ. އިރާގުގެ ޑިފެންސް ލައިންތަކުގެ މެދުގައި ފްރާންސްގެ ކުޅުންތެރިން ހަލުވިކަމާއެކު ދައުރުވަމުން ދިޔައިރު، މެޗުގެ ފުރަތަމަ ހާފުގެ މެދުތެރެއިން އެމްބާޕޭ ވަނީ 22 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ލީޑު ނަގައިދީފައެވެ.

ވޯލްޑް ކަޕުގައި ފްރާންސާއި އިރާގު ބައްދަލުކުރި މެޗު؛ ބޯ ވިއްސާރައިގައި ސަޕޯޓަރުން ދަނޑުގައި --- ފޮޓޯ: އޭޕީ

ވޯލްޑް ކަޕުގައި ފްރާންސާއި އިރާގު ބައްދަލުކުރި މެޗު؛ ބޯ ވިއްސާރައިގައި ސަޕޯޓަރުން ދަނޑުގައި --- ފޮޓޯ: އޭޕީ

ނަމަވެސް ހާފް ޓައިމްގައި މެޗަށް ކުރިމަތިވީ ހީނުކުރާ ފަދަ ބަދަލެކެވެ. ފިލަޑެލްފިއާ ސަރަހައްދަށް ކުރިމަތިވި ބާރުގަދަ ތޫފާނެއްގެ ސަބަބުން، ކުޅުންތެރިންނާއި ސަޕޯޓަރުންގެ ރައްކާތެރިކަމަށްޓަކައި އެންމެން ހިޔާވަހިކަމެއްގެ ދަށުގައި ތިބުމަށް އޮފިޝަލުން އެންގިއެވެ. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި މޫސުމީ ސަބަބަކާ ހުރެ މެޗެއް މެދުކަނޑާލަން ޖެހުނު ފުރަތަމަ ފަހަރެވެ. އާންމުކޮށް އޮންނަ 15 މިނެޓުގެ ބްރޭކް، ގުގުރުމާއި ވިދުމުގެ ނުރައްކަލާ ހުރެ ދެ ގަޑިއިރަށް ދެމިގެންދިޔައެވެ.

މެޗު އަލުން ފެށުމާއެކު ފްރާންސުން ވަނީ އިރާގުގެ އުއްމީދުތައް ފުނޑުފުނޑުކޮށްލާފައެވެ. އިރާގުގެ ޑިފެންޑަރުންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި އެމްބާޕޭ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރިއެވެ. މި ލަނޑާއެކު ވޯލްޑް ކަޕުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި 16 ލަނޑާއެކު، އޭނާ މިހާރު އޮތީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށްވުރެ އެންމެ ދެ ލަނޑު ފަހަތުގައެވެ.

ވޯލްޑް ކަޕުގައި އިރާގު ކޮޅަށް ލަނޑު ޖެހުމަށްފަހު ފްރާންސްގެ ކެޕްޓަން އެމްބާޕޭ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ޓީމުގެ ތިންވަނަ ލަނޑު އުފެއްދުމުގައި މައިކަލް އޮލީސޭ މުހިންމު ދައުރެއް އަދާކުރިއެވެ. އޭނާ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ދިން ރީތި ޕާހަކުން ޑެމްބެލޭ ވަނީ އެ ލަނޑު ކާމިޔާބުކޮށްފައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ނޯވޭއާ ދެކޮޅަށް ފްރާންސް ނުކުންނައިރު، ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕްގެ އެއްވަނަ ހޯދުމުގެ ވަރަށް ރަނގަޅު ފުރުސަތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު