ENGLISH

23 ޖޫން 2026

Advertisement

މެސީ ރިކޯޑު މުގުރާލިއިރު، އާޖެންޓީނާ ދެވަނަ ބުރަށް

23 ޖޫން 2026

|

ސުވެއިދާ ހުސެއިން

ވޯލްޑް ކަޕުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖޭގައި މިރޭ ކުޅުނު ލިއޮނެލް މެސީގެ ރިކޯޑު ލަނޑުތަކާއެކު އޮސްޓްރިއާ ބަލިކޮށް، އާޖެންޓީނާއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާޖެންޓީނާގެ ދެ ލަނޑުވެސް މެސީ ޖަހައިދިންއިރު، ފުރަތަމަ މެޗުގައި އަލްޖީރިއާއާ ދެކޮޅަށް އޭނާ ވަނީ ހެޓްރިކެއް ހަދާފައެވެ. އެއާއެކު މެސީ މިހާރު ވަނީ ވޯލްޑް ކަޕްތަކުގައި 18 ލަނޑު ކާމިޔާބުކޮށް، ވޯލްޑް ކަޕްތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު މުގުރާލާފައެވެ. މީގެ ކުރިން މި ލިސްޓުގެ އެއްވަނައިގައި އޮތް ޖަރުމަނުގެ ލެޖެންޑަރީ ފޯވާޑް މިރޮސްލާވް ކްލޯސާއަށް ކާމިޔާބުކުރެވިފައިވަނީ 16 ލަނޑެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތް ބްރެޒިލްގެ ލެޖެންޑަރީ ފޯވާޑް ރޮނާލްޑޯ 15 ލަނޑު ޖަހާފައިވާއިރު، ހަތަރުވަނައިގައި އޮތް ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ވެސްޓް ޖަރުމަނުގެ ލެޖެންޑް ގާޑް މުލާ ވަނީ 14 ލަނޑު ކާމިޔާބުކޮށްފައެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މިރޭ ކުޅުނު މެޗު ފަށައިގެން އާޖެންޓީނާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒަށް ކުރި ފައުލަކާ ގުޅިގެން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. އެކަމަކު މެޗުގެ ނުވަވަނަ މިނެޓުގައި މެސީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ، އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އެކަމަކު މެޗުގެ 38 ވަނަ މިނެޓުގައި މެސީ ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ފަކުންޑޯ މެޑީނާ ހުރަސްކޮށްދިން ބޯޅައަކުންނެވެ. މި އާއެކު ވޯލްޑް ކަޕުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު މެސީ މުގުރާލިއިރު، މި ލަނޑާއެކު ވޯލްޑް ކަޕުގެ ތާރީޚުގައި ޖެހިޖެހިގެން ހަ މެޗުގައި ލަނޑުޖެހި ތިންވަނަ ކުޅުންތެރިޔާގެ ޝަރަފުވެސް އޭނާއަށް ވަނީ ލިބިފައެވެ. މެސީގެ ކުރިން މި ލަނޑުދަނޑު ހާސިލުކޮށްފައިވަނީ 1958 ވަނަ އަހަރު ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި، 1970 ވަނަ އަހަރު ބްރެޒިލްގެ ޖައިރްޒީނިއޯއެވެ.

ވޯލްޑް ކަޕުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު މެސީ --- ފޮޓޯ: އޭޕީ

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ކައުންޓަރ އެޓޭކަކުން އުފެއްދި ފުރުސަތެއްގައި އާޖެންޓީނާާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބުކޮށްދިނީ މެސީއެވެ.

މި ނަތީޖާއާއެކު އާޖެންޓީނާ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ދެން ކުޅެން ޖެހޭނީ ޖޯޑަން އާއެވެ. މި މެޗުން ބަލިވި ނަމަވެސް އޮސްޓްރިއާ އޮތީ ފުރަތަމަ މެޗުން ހޯދި 3 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. އެ ޓީމަށް ދެން އޮތީ އަލްޖީރިއާގެ ކުރިމަތިލުމެވެ.

ކިޔުންތެރިންގެ ހިޔާލު