ENGLISH
23 ޖޫން 2026
ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީ، އިމިގްރޭޝަން އަދި އެފްއެސްއެމް ފެށީ މޮޅަކުން
23 ޖޫން 2026
|
ކްލަބް މޯލްޑިވްސް ކަޕުގައި އިމިގްރޭޝަން އާއި ކުލަބު ފެން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ފެށުން އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ)، ކުލަބު އިމިގްރޭޝަން އަދި ޓީމު އެފްއެސްއެމްއިން ރަނގަޅުކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގައި 17 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ފަސް ޓީމެވެ.
މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުން މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވަނީ އާރްއާރްސީ މޮޅުވީ ކުލަބު ވެމްކޯ އަތުން 2-1 ގެ ނަތީޖާއަކުންނެވެ. ވެމްކޯ އަކީވެސް ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. މި މެޗުގައި އާރްއާރްސީގެ ލަނޑުތައް ޖަހައިދިނީ އަލީ ހާފިޒު އަދި އިބްރާހީމް އަސްވަދެވެ. އަދި ވެމްކޯގެ ލަނޑު ޖަހައިދިނީ މުޙައްމަދު ފާސިރެވެ.
މި ގްރޫޕުގެ އަނެއް މެޗުން އިމިގްރޭޝަން މޮޅުވީ ކުލަބު ފެން އަތުން 9-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އިމިގްރޭޝަންގެ އަޙްމަދު އައިހަމް ފަސް ލަނޑު ޖެހިއިރު، އެ ޓީމުގެ ހައިސަމް ރަޝީދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ބިކްރާންތު ނަރްސިންގް ރާނާ އަދި ހުސައިން ނިޔާޒެވެ. ކުލަބު ފެންގެ ސަނާއު ރަޝީދު ލަނޑެއް ޖެހިއިރު، އަނެއް ލަނޑަކީ އިމިގްރޭޝަންގެ އަޙްމަދު ވިސާމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ކްލަބް މޯލްޑިވްސް ކަޕުގައި އެފްއެސްއެމް އާއި ޑީއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން ގްރޫޕް ސީގައި މިރޭ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ ރެކްރިއޭޝަން ކުލަބާއި، ކުލަބު އެމްޓީސީސީ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި އަޙްމަދު ރާހިލް ރަޝީދު އެސްޓީއޯއަށް ލީޑު ނަގައިދިން ނަމަވެސް، ޖުމައިލް ޖަމީލް ވަނީ އެމްޓީސީސީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ގްރޫޕުގެ އަނެއް މެޗުން އެފްއެސްއެމް ވަނީ 5-1 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބަލިކޮށްފައެވެ. މި މެޗުގައި އެފްއެސްއެމްގެ ލަނޑުތައް ޖަހައިދިނީ އިޒާން ޝާހިދު، ޚަލީލް ގަމާލް، މުޙައްމަދު ޖުމާން އަދި ހުޒައިފާ އިބްން ހުސައިނެވެ. މީގެ ތެރެއިން ހުޒައިފާ ދެ ލަނޑު ކާމިޔާބުކުރިއިރު، އެއް ލަނޑު ޖަހާފައިވަނީ ޕެނަލްޓީއަކުންނެވެ. މި މެޗުގައި ޑީއެސްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު މުއާދެވެ.
މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ. އެރޭ ދެ މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.