ENGLISH

18 ޖޫން 2026

Advertisement

މުވައްޒިފުންގެ ޙައްޤުގައި އެމްޑީޕީން: އެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ

18 ޖޫން 2026

|

އަޙުމަދު ޙަމީދު

ނޫސްތަކުން ފެންނަން ހުރި ބައެއް ސުރުޚީތައް

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު އެމްޑީޕީގެ އިސް ބޭފުޅުންގެ ވާހަކަތަކާއި ވެރިކަމުގައި އެ ޕާޓީ އޮންނައިރު ކަންކުރާ ގޮތާއި ފެންނަ މަންޒަރު ހާސްބައި ތަފާތެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު "ރައްޔިތެއްގެ އަތެއްގައި ނުވަތަ ދަތެއްގައި ރިއްސާލިޔަސް" އެ ވާހަކަ ދައްކަ އެވެ. އެ މީހެއްގެ ދިފާއުގައި ތެދުވެ ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ބުނެ އަޑު އުފުލަ އެވެ. ނަމަވެސް ވެރިކަން ލިބުމާއެކު އެ ހުރިހާ ވާހަކައެއްްގެ މަތީން ހަނދާން ނައްތާލަ އެވެ. ކަންކުރަނީ އެވަގުތަކު ހިތަށް އެރި ގޮތަކަށެވެ. އެ ޕާޓީގެ އިސް ލީޑަރުން ވިދާޅުވާ ފަދައިން "ކޮށްފައި ނުކުރާނެ ކަމެއް ވެސް ނޭންގޭނޭ" ބުނާ ފަދައިންނެވެ.

މިހާރު މި އޮތީ އެމްޑީޕީން ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރާ ދުވަސްވަރެވެ. ވެރިކަން ގެއްލި މަގުމަތިވުމުން އަނެއްކާ ވެސް މި އޮތީ ރައްޔިތުން ފެނިފަ އެވެ. ރައްޔިތުންގެ ޙައްޤުގައި ކަމަށް ބުނެ މަސައްކަތް ކުރާ ދުވަސްވަރު ލައިގެންފަ އެވެ.

މުޒާހަރާ ކުރުމާއި މަގުމަތި ހަލަބޮލި ކުރުމަކީ އެމްޑީޕީން ވަަރަށް ކުރާ ހިތްވާ ކަމެކެވެ. އެ ޕާޓީގެ މާޒީއަށް ބަލާލުމުން އެކަން ވަރަށް ސާފުކޮށް އޮތީ ފެންނާށެވެ. ސިޔާސީ މަޤްސަދެއް ޙާސިލުކުރުމަށް ކިތަންމެ ބޮޑު ހަމަނުޖެހުމަކަށް ޤައުމު ގެންދަން ވެސް ފަހަތަކަށް ނުޖެހޭނެ އެވެ.

އަބަދުވެސް ތިބެނީ އެފަދަ ފުރުސަތެއް ލިބޭތޯ ބަލައިލަބަލައިލަ އެވެ. މިރޭ މިއީ އެމްޑީޕީން މުޒާހަރާ ކުރަން ރާވާފައި އޮތް ރެ އެވެ.

އެމްޑީޕީން މިރޭ މުޒާހަރާއަށް ނިކުންނަނީ "މުވައްޒިފުންގެ ޙައްޤުގައި" ކަމަށް ބުނެ އެވެ. ސިޔާސީ ބޭނުމަށް މުވައްޒިފުން ވަކިކުރާތީ އެކަމާ ދެކޮޅު ކަމަށް ބުނެ އެވެ.

މިރޭގެ މުޒާހަރާއަށް ނިކުތުމުގެ ކުރީން އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ދެ ފަހަރު ކަންކުރި ގޮތާމެދު ވިސްނާލުން ރަނގަޅެވެ. އެކަން ނުވާނަމަ ނިމިދިޔަ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅަށް އެކަނި ބަލައިލާށެވެ.

ނޫސްތަކުގެ ބައެއް ސުރުޚީތަކަށް އެކަނި ބަލާލުމުން ވެސް "މުވައްޒިފުންގެ ޙައްޤުގައި" ކަމަށް ބުނެ ވާހަކަދައްކަން އެމްޑީޕީން ލަދުގަންނަން ޖެހެ އެވެ. 2023 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު ކުރާކަން ހާމަކޮށްލި ކިތަންމެ މުވައްޒިފަކު ވަގުތުން ވަޒީފާއިން ވަކިކޮށް އެއްލާލި އެވެ.

އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ހިމެނެ އެވެ. އަދި ސަރުކާރުގެ އެކި ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި އެތައް މުވައްޒިފަކު ވަޒީފާއިން ވަކިކުރި އެވެ. އެ މީހުންގެ ހަމައެކަނި ކުށަކީ ރައީސް މުޢިއްޒަށް ތާއީދު ކުރުމެވެ. އެމްޑީޕީއަށް ތާއީދު ނުކުރާ ކަމަށް ބުނުމެވެ.

މީގެ އިތުރުން ބައެއް ރަށްރަށުގައި އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދިޔަ އެންމެން، އެއް ދުވަހާއި ވަޒީފާއިން ވަކިކުރި އެވެ. ދެތީން ކަމެއް ފާހަގަކޮށްލާނަމެވެ. ސިޔާސީ ބަދަލު ހިފުމެއްްގެ ގޮތުން ފެނަކަ، ހދ. ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒިފުން އެއްދުވަހާ ވަޒީފާއިން ވަކިކުރި އެވެ. ހަނިމާދޫ މަގު ހެދުމުގެ މަސައްކަތުގައި އުޅުނު ހުރިހާ ދިވެހީން އެއް ދުވަހާއި ވަޒީފާއިން ވަކިކުރި އެވެ. މާމިގިލީ އާރުޑީސީގެ 16 މުވައްޒިފަކު އެއް ދުވަހާއި ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލި އެވެ. ޖެންޑާ މިނިސްޓްރީގެ 21 މުވައްޒިފަކު ވަޒީފާއިން ވަކިކޮށް މަގުމަތިކޮށްލި އެވެ. ސެޕްޓެންބަރު 25، 2023 ގެ ތާރީޚުގައި ރައީސް މުޢިއްޒަށް ތާއީދުކުރި ގިނަ އަދަދެއްގެ މުވައްޒިފުން ވަޒީފާއިން ވަކިކުރި އެވެ. ރައީސަށް ތާއީދު ކުރުމުން ނައިފަރުގެ ފެނަކާއިގެ މުވައްޒިފުންތަކެއް ވަޒީފާއިން ވަކިކުރި އެވެ.

ޕީޕީއެެމަށް ސޮއިކުރުމުން ފަރެސްމާތޮޑާ އެއާޕޯޓްގެ އޭއެމް ވަޒީފާއިން ވަކިކުރި އެވެ. ސަރުކާރަށް ފާޑުކިޔާތީ އެސްޓީއެލްގެ މުވައްޒިފަކު ވަޒީފާއިން ވަކިކުރި އެވެ.

މިހެން ގޮސް ކިތަަންމެ ސުރުޚީއެއް، ނޫސްތައް ހާވާލުމުން އެެ ހުރީ ފެންނާށެވެ. މިއަދު ސިޔާސީ ވަކި މަޤްސަދެއް ހާސިލުކޮށް މަގުތަކަށް މީހުން ނެރެ އަލުން ވެރިކަން ހޯދުމުގެ ދަހިވެތި ކަމުގައި "މުވައްޒިފުންގެ ޙައްޤުގައި" ކަމަށް ބުނެ އެމްޑީޕީން މަގުމައްޗަށް ނިކުންނަން ލަދު ގަންނަން ޖެހެ އެވެ.

ކުރީން މި ފާހަގަކުރި ހުރިހާ ކަމެއް ހިނގަމުންދިޔައިރު ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މިއަދު މަގުމައްޗަށް ނިކުމެ ތިމަންނާމެން މި ތިބީ މުވައްޒިފުންގެ ޙައްޤުގައި ކަމަށް އެ ބުނަނީ އެއްވެސް އިޚްލާސްތެރިކަމެއް އޮވެގެނެއް ނޫނެވެ. ބޭނުންވަނީ އަލުން ސިޔާސީ ގޮތުން މަންފާ ހޯދުމެވެ. މަގުތައް ހަަލަބޮލި ކުރާށެވެ. ރައްޔިތުންގެ ޙައްޤޭ ކިޔައި އެ ދޮގު ވިއްކައިގެން އަލުން ވެރިކަމަށް އާދެވޭނެ ގޮތެއް ހޯދުމެވެ. ޤައުމާއި ރައްޔިތުން އަދި މުވައްޒިފުންގެ ޙައްޤު ހިމާޔަތްކުރަން އެބައިމީހުން ކުރާނެ ކަމެއް ނޯންނާނެ އެވެ. ވެރިކަން ލިބުމުން ދެންވެސް ކަންކުރާނީ ކުރީން ކުރިގޮތަށެވެ. ނޫންނަމަ އެއަށްވުރެވެސް ގޯސްކޮށެވެ.

ކިޔުންތެރިންގެ ހިޔާލު