ENGLISH
18 ޖޫން 2026
މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ މޫދު ފެސްޓް ހޮނިހިރު ދުވަހު ހުޅުމާލެ ބީޗުގައި ބާއްވަނީ
18 ޖޫން 2026
|
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެގޮތުން "މޫދު ފެސްޓް 2026"ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް--ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެގޮތުން "މޫދު ފެސްޓް 2026"ގެ ނަމުގައި ހާއްސަ ހަރަކާތެއް ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ، "މޫދު ފެސްޓް 2026" އަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށާއި، ދިވެހި މުޖުތަމައުތަކުގެ މެދުގައި ކަނޑުފަޅުތަކަށް އޮންނަ ލޯތްބާއި، އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ރޫހު އާލާކުރުމަށް އިންތިޒާމުކުރާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ފެސްޓިވަލްގެ މަގުސަދަކީ ދިވެހިންނާއި، ދިވެހި ގައުމުގެ ދެމިއޮތުމުގެ އަސްލު ކަމުގައިވާ ކަނޑުގެ މާހައުލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުންކަމަށްވެސް ބުނެފައިވެއެވެ.
ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް އޮންނާނީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 17:30 އަށެވެ.
ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ވޭތުވެދިޔަ ދެ އަހަރެކޭ އެއް ފަދައިން މިއަހަރުގެ ފެސްޓިވަލްވެސް ކުރިއަށްދާނީ ކުޑަކުދިންނަށް ތަފާތު މޫދު ކުޅިވަރުތަކާއެކުއެވެ. އަދި އޮފީސް ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކުދިންނާ ގުޅޭގޮތަށް ދައްކުވައިދޭ ސްޓޯލްތައް ހުންނާނެއެވެ.
މިދިޔަ އަހަރުގެ އޯޝަން ޑޭ ހަރަކާތްތަކަށްވެސް އާންމުންގެ ބޮޑުތަރުހީބެއް ލިބިފައިވެއެވެ.
މިއަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވަރ ބަބުލް" ގެ ނަމުގައި ފީނުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ. މިއީ ޑައިވް ކޮށްގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ. މި ހަރަކާތުގައި ބައިވެރިވެވެނީ އުމުރުން 10 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށެވެ.
މީގެއިތުރުން އެ ދުވަހުގެ ހަވީރު 15:00 އިން ފެށިގެން މޫދު ފެސްޓުގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި ހަރަކާތަކީ ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، ދިރާސާކުރާ އިދާރާތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ގްރޫޕްތަކުގެ އިތުރުން އަމިއްލަ ކުންފުނިތައް ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި ފެސްޓިވަލްގެ މަގުސަދަކީ ކަނޑުފަޅުތަކާ ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތްތައް ދައްކާލުމާއި، މަޖާ އަދި މައުލޫމާތުން މުއްސަނދި ހަރަކާތްތަކެއްގެ ތެރެއިން އާންމުން މިކަމަށް ހޭލުންތެރިކުރުވުންކަމަށް ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި ފެސްޓިވަލަކީ އާއިލާތަކަށް އެކުގައި ބައިވެރިވެވޭނެ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ، ދިވެހިންނާއި ކަނޑާ ދެމެދު އޮތް ހާއްސަ ގުޅުން ފާހަގަކުރާ ހަރަކާތެކެވެ.
ކަނޑުގެ މައްޗަށް ބިނާވެފައިވާ ގައުމެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ކާނާގެ ރައްކާތެރިކަމާއި، އާމްދަނީ ހޯދުމުގެ މަގުތަކާއި، ސަގާފަތާއި އަދި މުސްތަގުބަލުގެ ތަނަވަސްކަން ގުޅިފައިވަނީ ދުޅަހެޔޮ ކަނޑުގެ ނިޒާމަކާއެވެ.
ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ، "މޫދު ފެސްޓް 2026" ގެ އަމާޒަކީ، ހާއްސަކޮށް ޒުވާނުންގެ ހިތްތަކުގައި ކަނޑުފަޅުތަކަށް އޮންނަ ލޯބި އިތުރުކޮށް، އެތަންތަން ހޯދާ ބެލުމަށާއި ރައްކާތެރިކުރުމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި މި ފެސްޓިވަލްގެ ސަބަބުން ރާއްޖޭގެ މުއްސަނދި ކަނޑުގެ ތަރިކައިގެ ފައިދާ ކުރިއަށް އަންނަ އޮތް ޖީލުތަކަށްވެސް ލިބޭނެކަން ކަށަވަރުވެގެންދާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.