ENGLISH
18 ޖޫން 2026
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް 150 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިއަށްގެންދަނީ
18 ޖޫން 2026
|
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް -- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިތުރަށް ތަރައްގީކޮށް، ހިދުމަތްތައް ފުޅާކުރުމަށްޓަކައި 150 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުތަކެއް ފަށައިފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމްއަކަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި، އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރު ވިދާޅުވީ، ހޮސްޕިޓަލުގެ އުމްރާނީ އޮނިގަނޑަށާއި ހިދުމަތުގެ ފެންވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރަމުން އަންނަ ކަމަށެވެ.
"ގިނަ ބޭފުޅުން އެންމެ ބޭނުންފުޅުވާ އެއް ހިދުމަތަކީ ޕްރައިވެޓް ރޫމްގެ ހިދުމަތް. އެހެންކަމުން މިހާރު ބީއެމްއެލް ޕްރޮޖެކްޓެއްގެ ދަށުން އެމަސައްކަތް އެބަކުރިއަށްދޭ. ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބިން ހަވާލުކުރާނެ" ސީއީއޯ ޑރ. އަދީލް ވިދާޅުވިއެވެ.
އަދީލް ވިދާޅުވީ، އޭއީއެޗްގެ މަޝްރޫއުގެ ތެރެއިން، އާންމުން އެންމެ ބޮޑަށް އިންތިޒާރުކުރާ ކުރާ އެއް ކަމަކީ ހޮސްޕިޓަލްގައި ޕްރިވެޓް ރޫމްތައް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަމާއެކު، 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްޤީކުރާ ތިން ފަންގިފިލާގެ އާ އިމާރާތެއްގައި 10 ޕްރައިވެޓް ކޮޓަރި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް އަދީލް ވިދާޅުވިއެވެ. އިތުރަށް ޑރ. އަދީލް ފާހަގަކުރެއްވީ، މި މަޝްރޫއަށް ބޭނުންވާ ބިން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެ ކަމަށެވެ.
ސީއީއޯ އިތުރަށް ފާހަގަކުރެއްވީ ، ހޮސްޕިޓަލްގައި މިހާރު ހުރި އެގްޒެކެޓިވް ރޫމްތައް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމަށް 20 މިލިއަން ރުފިޔާގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވާ ކަމަށެވެ.
ކަނޑުގެ އަޑީގައި ދިމާވާ ހާދިސާތަކުގައި ފަރުވާދޭނެ "ހައިޕާބެރިކް ޗެމްބާ" އެއް ގާއިމުކުރުމުގެ މަސައްކަތްވެސް އޭއީއެޗް އިން އަންނަނީ ބާރުސްޕީޑުގައި ކުރަމުންނެވެ. އަދި ތެރަޕިއުޓިކް ފަރުވާތައް ފުޅާކުރުމަށްޓަކައި އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން އަދީލް ފާހަގަކުރެއްވިއެވެ.
ސަރުކާރުން އަންނަނީ ދެކުނުގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަޝްރޫއުގެ ސަބަބުން ދެކުނުގެ ރައްޔިތުން ބޮޑެތި ފަރުވާތަކަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، އަމިއްލަ ސަރަޙައްދުގައި ތިބެގެން ފެންވަރު ރަނގަޅު ހިދުމަތް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ހަމައެކަނި އައްޑޫ ސިޓީގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލްއެއް ނޫނެވެ. އެހެންނަމަވެސް ފުވައްމުލައް ސިޓީއާއި ހުވަދޫ އަތޮޅުގެ ރައްޔިތުންވެސް ކުއްލި ފަރުވާގައި ބަރޯސާވާ މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ހޮސްޕިޓަލެކެވެ.