ENGLISH
16 ޖޫން 2026
ހުރާ ބަލިކޮށް ދިއްދޫ އެއްވަނައަށް
16 ޖޫން 2026
|
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ހުރާ އާއި ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ކ. ހުރާ ބަލިކޮށް ތާވަލުގެ އެއްވަނައަށް ހއ. ދިއްދޫ ޖެހިލައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ދިއްދޫން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކަކީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ.
ކޮލިފައިންގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ 12 މިނެޓު ތެރޭ ދިއްދޫން ވަނީ ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބެނާޑެވެ. އޭގެ ތެރެއިން ފުރަތަމަ ލަނޑަކީ މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭރިއާ ތެރެއިން ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ސެއިންޓް ގުމްބާރީއަށް ހުރާގެ ގޯލްކީޕަރު މުހައްމަދު މާއިލް މޫސާ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
އެކަމަކު މި މެޗުގެ ފުރަތަމަ ހާފުގައި ހުރާއިން ފަރަގު ކުޑަކުރިއިރު، މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ސާދު އަބްދުލްއަޒީޒް އިބްރާހީމެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ހަވަނަ މިނެޓުގައި ދިއްދޫގެ ޖެރީ އޮމްބެބޭއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ހުރާގެ ސާދުއަށް ކުރި ފައުލަކާ ގުޅިގެންނެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ދިއްދޫން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖަހައި، މެޗުގައި ހެޓްރިކް ހެދީ ބެނާޑެވެ.
މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ. މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި މި ވަގުތު އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކު ދިއްދޫއެވެ. ދެވަނައިގައި އޮތް ބިސް ބުރާއި، ތިންވަނައިގައި އޮތް ޓީސީއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ގައްދުއަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ފަސްވަނައިގައި އޮތް ހުރާ އާއި ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް ޕޮއިންޓެއް ލިބިފައިވާއިރު، ހުރާއިން މިހާތަނަށް ވަނީ ތިން މެޗު ކުޅެފައެވެ. ގްރީން ސްޓްރީޓްސްއިން އަދި މިހާތަނަށް ކުޅެފައިވަނީ ދެ މެޗެވެ.
ކޮލިފައިންގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ގްރީން ސްޓްރީޓްސް އާއި ޓީސީއެވެ.