ENGLISH
11 ޖޫން 2026
ހިސާބުތަކުން ސަލީމު ސާބިތުކޮށްދެއްވީ މި ސަރުކާރުގެ ދަރަންޏާމެދު އިދިކޮޅުން ފަތުރަނީ ދޮގުކަން
11 ޖޫން 2026
|
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހްމަދު ސަލީމު
އެންމެ މަޤްބޫލު
ދިވެހި ދައުލަތުގެ ދަރަނީގެ މާޒީ ހިސާބުތަކުން ވިދާޅުވެދެއްވައި، މި ސަރުކާރުން ނެގި ދަރަންޏާ ގުޅޭ ގޮތުން އިިދިކޮޅު ލީޑަރުން ދައްކަވާ ވާހަކަފުޅަކީ ދޮގެއްކަން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ސާބިތުކޮށްދެއްވައިފިއެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ފާއިތުވި އަންގާރަދުވަހުގެ ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތުގެ ދަރަނި 124 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
މާޒީގައި ދަރަނީގެ ކަންކަން އޮތް ގޮތަށް އަލިއަޅުވައިލައްވަމުން ސަލީމު ވިދާޅުވީ 2008 ވަނަ އަހަރު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ރާއްޖޭގެ ވެރިކަމުން ވަކިވެވަޑައިގަތްއިރު، އެމަނިކުފާނުގެ ޒައާމަތުގެ ޖުމްލަ 30 އަހަރުގެ ތެރޭގައި އުފެދިފައި އޮތް ދަރަންޏަކީ 400 މިލިއަން ޑޮލަރު ކަމަށެވެ. އެއިރުގެ ޑޮލަރު ރޭޓުން ބަލާނަމަ ރައީސް މައުމޫނުގެ ޒައާމަތުގައި އުފެދިފައި އޮތީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާގެ ދަރަނި ކަމަަށެވެ.
"ދެން އަޅުގަނޑު ދާނީ ރައީސް މައުމޫނުގެ ދައުރަށް. ރައީސް މައުމޫނުގެ ދައުރުގައި ދަރަނި އޮތީ ކިހާ ވަރަކަށްތޯ؟ އެންމެ 400 މިލިއަން ޑޮލަރު. އޭގެ މާނައަކީ އެއިރުގެ 12 ރުފިޔާ 75 ލާރީގެ ރޭޓުންނަމަ އެއީ ގާތްގަނޑަކަށް 5.1 ބިލިއަން ރުފިޔާ. ދެން ކޮން ސަރުކާރުތަކުންތޯ 124 ބިލިއަނާ ހަމައަށް މިގެނައީ ކޮން ބައެއްތޯ؟،" ސަަލީމު ވިދާޅުވިއެވެ.
ސަަލީމު އިތުރަށް ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި 5.1 ބިލިއަން ރުފިޔާއަށް ދަރަނި އެރީ 2004 ވަނަ އަހަރު ސުނާމީ އެރުމާ ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަރަންޏަށް ފައިސާ ނަގަންޖެހުމުގެ ސަބަބުން ކަމަށެވެ.
މިވެރިކަން ފެށުނުއިރު 126 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަން ފާހަގަކުރައްވަމުން ސަލީމު ވިދާޅުވީ ރައީސްގެ ޒައާމަތުގައި ފާއިތުވި މުހުލަތުގައި ދަރަނި އަރާފައިވަނީ 150 ބިލިއަނުގައި ކަމަށާއި، މި ވެރިކަމުގައި ފާއިތުވި މުހުލަތުގައި ނަގާފައިވާ ދަރަންޏަކީ 24 ބިލިއަން ކަމަށެވެ.
"މިސަރުކާރު ހަވާލުވިއިރު ދައުލަތުގެ ދަރަނި 126 ބިލިއަން ރުފިޔާ އޮތް. މިއަދު މިހާ ހިސާބަށް ދައުލަތުގެ ދަރަނި ހުރީ 150 ބިލިއަނުގައި. އޭގެ މާނައަކީ ގާތްގަނޑަކަށް މިދިޔަ ހުރިހާ ދުވަހެއްގެ ތެރޭގައި 24 ބިލިއަން ރުފިޔާއޭ މި ސަރުކާރަށް ދަރަނި ނެގިފައި. އެއީ ބަޖެޓު ޑެފިސިޓު މައިގަނޑު ގޮތެއްގައި. އިދިކޮޅު ފަރާތްތަކުން އެބަދައްކާ މި ސަރުކާރުގެ 60 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފިއޭ. ހަގީގަތް މިއޮތީ ފެންނަން.،" ސަލީމު ވިދާޅުވިއެވެ.
އަދި ދަރަނި އުފެދިފައި އޮތް ގޮތަށް ބަލާއިރު މި ސަރުކާރުން ދަރަންޏަށް ނެގީ ހަމައެކަނި 24 ބިލިއަން ރުފިޔާކަން ފެންނަން އޮންނާނެކަމުގައި ވިދާޅުވެ ސަލީމު ފާހަގަކުރެއްވީ މި އަހަރާއި ކުރިއަށް އޮތް ދެ އަހަރުވެސް އެތައް ބިލިއަން ރުފިޔާ ސަރުކާރުން ދައްކަންޖެހޭ ކަމަށެވެ.