ENGLISH
11 ޖޫން 2026
ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ބަންދުކޮށްފައި އޮތް ސަރަހައްދު ކައިރީ ބަނދަރަށް ފެރީއަށް ލެފޭ ގޮތަށް ހަމަޖައްސައިފި
11 ޖޫން 2026
|
ބޮޑުތަކުރުފާނު މަގު ކައިރީ ޖެޓީ ސަރަހައްދުން ފެރީ ލެފުމަށް ހާއްސަކުރި ސަރަހައްދު
އެންމެ މަޤްބޫލު
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރަައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިހާރު ބަންދުކޮށްފައި އޮތް ސަރަހައްދު ކައިރީ ބަނދަރަށް ފެރީ ލެފޭ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފިއެވެ.
އެމްޓީސީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޕޯސްޓު އޮފީހާއި ބާސެލޯ ނަސަންދުރައާ ދެމެދުގައިވާ ޖެޓީ ސަރަހައްދަށް ފެރީ ލަފައި، ފަސިންޖަރުން އެރުމަށާއި ފޭބުމަށް ވަގުތީ ގޮތުން ހުއްދަދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
މިހާރު ކުރިއަށްދަނީ މި ސަރަހައްދު ހިމެނޭހެން މާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ތާރުއެޅުމާއި މަގު ފުޅާކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާއިރު އެ ސަރަހައްދުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ދުވާރު ފުޅާކޮށް، މަގުގައި ހަތަރު ލޭނު ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ކުރިން އެމްއެމްއޭއިން ފެށިގެން މާލޭ ނޯތު ހާބަރާހަމައަށް އޮންނަ ސަރަހައްދުގައި މަގުގައި ތާރުއެޅުމާއި މަގު ފުޅާކުރުމުގެ މަސައްކަތް ނިންމާފައިވެއެވެ.
އެމްޓީސީސީގެ އިއުލާނާއެކު އެ ކުންފުނިންވަނީ އެސަރަހައްދުން ފެރީ އޮޕަރޭޓުކުރުމަށް ހާއްސަކޮށްފައިވާ ތަނަަކީ ކޮބައިކަން އެނގޭނެ ޗާޓެއް އާއްމުކޮށްފައެވެ. ފެރީ އޮޕަރޭޓުކުރުމަށް ވަކި ސަރަހައްދެއް ހާއްސަކޮށް ވަގުތީ ގޮތުން ފެރީ ލެފުމަށް ހުއްދަދިން ނަމަވެސް، މަގު ހެދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދަށް އެއްގަމު އުޅަނދުފަހަރު ވަނުމުގެ ހުއްދައެއް ނުދެއެވެ.
އެކުންފުނިން އެދިފައިވަނީ ފެރީ ކައިރިކޮށް އަރައި ފޭބުމުގެ ހުއްދަ ފަސިންޖަރުންނަށް ދީފައިވުމާއެކު އެ ސަރަހައްދު ބޭނުންކުރަމުންދާއިރު އެ ކުންފުނީގެ މުވައްޒަފުން ދޭ އިރުޝާދާއި ލަފައާ އެއްގޮތަށް އަމަލުކުރުމަށް އެންމެނަށް އިލްތިމާސްކޮށްފައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ހަލުއިކަމާއެކު ކުރިއަށްދާއިރު މިހާތަނަށް މި މަޝްރޫއުގެ ދަށުން ނިމިފައިވާ ސަރަހައްދު ނިމުމާއެކު މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިފައިވެއެވެ. މުޅި މަގު ހަދައި ނިމުމުން މާލޭގެ ކާރޫބާރޫ ބޮޑުވުމާއި ތޮެއްޖެހުމަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމުގައި ސަރުކާރުން ބުނެއެވެ.
ނިމުނު އަހަރުގެ އޯގަސްޓު 21 ވަނަ ދުވަހު ފެށި ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން ތިން ސެގްމެންޓަކަށް ބަހާލައިގެން، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ފުޅާކުރުމާއި، 830 މީޓަރުގެ މަގުގައި ތާރުއެޅުމާއި، ދުވާރުތައް ހެދުމުގެ އިތުރަށް ފެން ހިންދާ ނިޒާމު ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.