ENGLISH
11 ޖޫން 2026
ޑިޖިޓައިޒްކުރުމުގެ އިންގިލާބު؛ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ ކޮރަޕްޝަން މަދުކުރަން އަޅާ ބޮޑު ފިޔަވަޅު
11 ޖޫން 2026
|
ޑިޖިޓައިޒޭޝަންގެ ފައިދާތައް ދުނިޔޭގެ ގައުމުތަކުގެ ތަޖުރިބާއިން ސާބިތުވޭ، އާޓްވޯކް؛ އެމްއެމްޓީވީ
އެންމެ މަޤްބޫލު
ޑިޖިޓައިޒޭޝަން ނުވަތަ ސަރުކާރެއްގެ ހިންގުން ސުމޭކު ނިޒާމުތަކަށް ފެއްތުމަށް ހިދުމަތްތައް އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޒަރީއާއިން ފޯރުކޮށްދިނުމާއި، ރަނގަޅު ސުމޭކު އައިޑެންޓިޓީ ނިޒާމުތައް ގާއިމުކުރުމާއި، އޮޓޮމެޓިކް އުސޫލުތަކުގެ ތެރެއިން އިދާރީ ކަންކަން ހިންގުމާއި، ޑޭޓާއަށް ބިނާކޮށް ސަރުކާރު ހިންގުމަކީ 21 ވަނަ ގަރުނުގައި ސިޔާސަތެއްގެ ގޮތުގައި ބޭނުންކުރެވޭ އެންމެ މުހިއްމު އެއް އާލަތެވެ.
މި ސިޔާސަތަކީ އާއްމު ހިންގުމުގެ ނިޒާމުތަކަށް މައިގަނޑު ތިން ދާއިރާއަކުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވޭ ސިޔާސަތެކެވެ. އެއީ ހިންގުން ހަރުދަނާކުރުމާއި، އާއްމު ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި ކޮރަޕްޝަން ކުޑަކުރުމެވެ. ނަމަވެސް އެއީ މި ތިން ދާއިރާގައި ހުރި ހުރިހާ މައްސަލައެއްގެ ހައްލަކަށް ނުވެއެވެ. ދިވެހި ދައުލަތާއި ސަރުކާރަށް ޑިޖިޓަލް ބޮޑު އިންގިލާބެއް ގެންނެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މި ދުވަސްވަރު މި ތިން ދާއިރާއިން މި އިންގިލާބުން ގެނުވާނެ ހެޔޮ ބަދަލުތައް، ދުނިޔޭގެ އެހެނިހެން ގައުމަތަކުގެ ތަޖުރިބާއިން ދެނެގަތުމަކީ މުނާސަބު ކަމެކެވެ.
1- އިދާރީ ހަރަދުތަކާއި އިޖުރާއާތަށް ހިނގާ ވަގުތު ކުޑަކުރެވުން
އީ-ގަވަަނެންސް ނިޒާމަކުން ލިބޭ އެންމެ ބޮޑު ފައިދާއެއްގެ ގޮތުގައި ރެކޯޑުކުރެވިފައި އޮތްކަމަކީ ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ކުޑަވުމާއި، ތަފާތު ހިދުމަތްތައް ހޯދުމަށް ފަރުދުންނާއި ވިޔަފާރިތަކުން ސަރުކާރާއި ދައުލަތުގެ އިދާރާތަކާ މުއާމަލާތްކުރުމުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވުމެވެ. ޑިޖިޓައިޒްކުރުމުގެ ސަބަބުން ޑޭޓާ އެއްކުރުމާއި، ކަރުދާހުން ހިންގާ މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުން އެއްކުރުމާއި، ލިޔެކިޔުން ޕްރޮސެސްކުރުމުގައި ހޭދަވާ ވަގުތުތައް ކުޑަކޮށްދޭކަން ތަޖުރިބާއިން ސާބިތުވެއެވެ.
އެސްޓޯނިއާއަކީ މިދެންނެވި ފައިދާތައް އެންމެ ރަނގަޅަށް ފެންނަ އެއް ގައުމެވެ. އެގައުމުގައި ޑޭޓާ ބަދަލުކުރުމަށް ގާއިމުކޮށްފައިވާ އެކްސްރޯޑް އިންފްރަސްޓްރަކްޗާގެ ސަބަބުން ސަރުކާރުގެ އެކި އިދާރާތަކުގެ ޑޭޓާ ބޭސްތަކުގެ މެދުގައި މަރުކަޒީ އިންތިޒާމެއް ނެތި މުއާމަލާތްކުރެވުމުގެ ސަބަބުން ސަރުކާރަށް އިސްނަގައިގެން ހިދުމަތްތައް ހަމަޖައްސައިދެވެއެވެ.
މިސާލަކަށް ކުއްޖަކު އުފަންވުމާއެކު އެކުއްޖާއާ ގުޅުންހުރި ޗައިލްޑް-ސަޕޯޓު އެހީތައް ހޯދުމަށް ފުރަންޖެހޭ މައުލޫމާތުތައް ޑިޖިޓަލް ވިއުގައިގެ ތެރެއިން އަމިއްލައަށް ފުރިގެންދެއެވެ. އަދި އެކުއްޖާގެ މައިންބަފައިންނަށް ވިހެއުމާ ގުޅިގެން ބެލެނިވެރިންނަށްް ލިބެންޖެހޭ ޗުއްޓީތައް ހަމަޖެހުމުގެ ކަންކަންވެސް ބެލެނިވެރިންގެ ދައުރެއް ނެތި ނިޒާމުގެ ތެރެއިން ހަމަޖެހެއެވެ.
މިނިޒާމުގެ ތެރެއިން ތިން މިނިޓަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓެކްސް ފޯމުތައް ފުރައިލެވެއެވެ. އަދި އެކްސް-ރޯޑް ނިޒާމުން އަހަރެއްގެ މައްޗަށ 2.7 ބލިއަން އެޕްލިކޭޝަން ކުރިއަށްގެންގޮސް ހިދުމަަތް ހަމަޖައްސައިދެއެވެ.
އެސްޓޯނިއާއަށްވުރެ އެތައް ތަނެއް އާބާދީގެ ގޮތުން ބޮޑު ދެކުނު-ކޮރެއާގެ ތަޖުރިބާވެސް ފެންނަނީ ދާދި އެއްގޮތަށެވެ. އެގައުމުގައިވެސް ސަރުކާރުގެ ގިނަ ހިދުމަތްތައް ވަރަށް ފަސޭހައިން ހަލުއިކޮށް ހަމަޖެހެއެވެ. އެގައުމުގައި ހެދުނު ސާވޭތަކުން ދައްކާ ގޮތުން ދެކުނު-ކޮރެއާ ރައްޔިތުންގެ 90.6 އިންސައްތަ މީހުން ހުރިހާ ހިދުމަތް ހޯދަނީ ޑިޖިޓަލް މަންސަތަކުގެ ޒަރީއާއިންނެވެ. 93 އިންސައްތަ ރައްޔިތުން ބުނަނީ އެ ހިދުމަތްތަކާމެދު ހިތްހަމަޖެހޭ ކަމަށެވެ.
2- ހުރަސްތައް ނައްތާލައި، ހިދުމަތްތައް ސްޓްރީމްލައިންކުރުން
ސަރުކާރުގެ ހިދުމަތްތަކުގެ އެފިޝިއަންސީ އިތުރުކުރުމާއެކު، ޑިޖިޓައިޒޭޝަނުން ގެނެސްދޭ އެންމެ ބޮޑު ބަދަލަކީ އާއްމު ހިދުމަތްތަކަށް ވާސިލުވުމުގައި ރައްޔިތުންގެ ތަޖުރިބާއަށް ގެނެސްދޭ ހެޔޮ ބަދަލެވެ. ކެމްބްރިޖް ޔުނިވަސިޓީން ޝާއިއުކުރި "ގަވްޓެކް އަގެއިންޓްސް ކޮަރަޕްޝަން 2022"ގައި ބުނެފައިވާ ގޮތުން ޑިޖިޓައިޒޭޝަނުގެ ތެރެއިން ސަރުކާރުގެ ހިދުމަތްތަކުގެ އިޖުރާއާތްތައް އެއް އުސޫލެއްގެ ތެރެއިން ފަސޭހަމަކަމާއެކު ކުރިއަށްގެންދެވޭނެ މަގުފަހިވެއެވެ. އަދި މީހުންނާ މުއާމަލާތްކުރަންޖެހޭ މިންވަރު މަދުކޮށް، ޓެކްސްގެ އިދާރީ ކަންކަމާއި، ޕްރޮކިއުމެންޓު ފަދަ ކަންކަމުގެ ތެރޭގައި ހުންނަ ނާޒުކުކަން ޑިޖިޓައިޒޭޝަނުން ފިލުވައިދެއެވެ.
ބޮޑެތި ބައިނަލްއަގުވާމީ ޖާނަލްތަކުގައި ޝާއިއުކުރެވިފައިވާ ދިރާސާތަކުން ސާބިތުވެފައިވާ ގޮތުން ރަނގަޅަށް ސަރުކާރު ޑިޖިޓައިޒްކުރުމުން ތަފާތު ޑިޕާޓުމެންޓުތަކާއި އިދާރާތަކުގެ މެދުގައި މުއާމަލާތްކުރަން ފަސޭހަވެއެވެ. އަދި ރައްޔިތުންނާއި ސަރުކާރާ ދެމެދުގައި މުއާމަލާތްތައްކުރުން ފަސޭހަކޮށްދީ، ހެކީގެ މައްޗަށްް ބިނާކޮށް އަވަސް ނިންމުންތައް ނިންމަން ޑިޖިޓައިޒްކުރުމުން ފަސޭހަވެއެވެ.
ސަރުކާރުގެ ހިދުމަތްތައް ހަރުދަނާކުރުމުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ޑިޖިޓައިޒޭޝަން މެދުވެރިކޮށް ހާސިލުކުރެވިދާނެ ކާމިޔާބުގެ އެންމެ ވަރުގަދަ ނަމޫނާއަކީ ސަބްސަހަރަން އެފުރިކާގެ ގައުމެއްކަމަށްވާ ރުވަންޑާއެވެ. 2015 ވަނަ އަހަރު އެގައުމުން އިފުތިތާހުކުރި އިރެމްބޯ އީ-ގަވަމެންޓު މަންސަ މެދުވެރިކޮށް 100 އަށްވުރެ ގިނަ ހިދުމަތަށް އޮންލައިންކޮށް އެދެވެއެވެ. އަދި 2022 ވަނަ އަހަރަށް އައިއިރު އެ މަންސަ މެދުވެރިކޮށް 2.7 މިލިއަން މުއާމަލާތް ހިންގާފައިވެއެވެ. ރުވަންޑާގެ ޑިޖިޓަލް ރިވީއުއެއް 2025 ވަނަ އަހަރު އާއްމުކުރިއިރު އެ ރިވީއުގައި ފާހަގަކުރި ގޮތުން އެ ނިޒާމުގެ ސަބަބުން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހޭދަވި މުއްދަތު ކުރުވެ، ސަރުކާރުގެ ހިންގުމާމެދު އޮތް ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް އިތުރުވިއެވެ.
1- ކޮރަޕްޝަން މަދުކުރުމަށް ޑިޖިޓަލައިޒޭޝަން މަގުފަހިކުރާ އިންތިޒާމު
ކޮރަޕްޝަނާއި ޑިޖިޓައިޒޭޝަނާ ގުޅޭ ގޮތުން ހެދިފައިވާ ދިރާސާތަކުގައި ސަރުކާރެއްގެ އިދާރީ ފަސާދަ މަދުކުރުމަށް ޑިޖިޓައިޒޭޝަނުން މަގުފަހިވާ ތަފާތު ގޮތްތަކެއް ފާހަގަކޮށްފައިވެއެވެ. 2024 ވަނަ އަހަރު ކުއަންޓޭޓިވް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓް ސްޓަޑީސް ޖާނަލުގައި ޝާއިއުކުރި ދިރާސާއެއްގައި ޑިޖިޓައިޒޭޝަނުން ކޮރަޕްޝަން މަދުވުމަށް މަގުފަހިކުރާ މައިގަނޑު ތިން ގޮތެއް ފާހަގަކޮށްފައިވެއެވެ.
ފުރަތަމަ ކަމަކީ ޑިޖިޓައިޒޭޝަނުގެ ސަބަބުން ހިދުމަތް ފޯރުކޮށްދިނުމުގައި އިންސާނުން އަދާކުރާ ދައުރު ކުޑަވުމާއެކު، ހިދުމަތްތައް ފޯރުކޮށްދިނުމަށް ނުފޫޒު ފޯރުވުމަށާއި، ރިޝްވަތު ނަގައިގެން ކަންކަން ކުރުމަށް އޮންނަ ޖާގަ ހަނިވެއެވެ. މަސްއޫލުވެރިއަކާ ސީދާ މުއާމަލާތްކުރުމެއް ނެތި، ޑިޖިޓަލް ވަސީލަތެއްގެ ޒަރީއާއިން ހިދުމަތް ހޯދުމަށް ރައްޔިތުންނަށް މަގުފަހިވުމަކީ ފަސާދައިގެ ތެރެއިން މުއާމަލާތްކުރުމަށް އޮނިގަނޑުގެ ތެރޭގައި އޮންނަ ޖާގަތައް މަދުވެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި މި ދިރާސާގައި ފާހަގަކުރީ ޑޖިޓައިޒޭޝަނުގެ ސަބަބުން ހާމަކަންބޮޑުވުމާއި ޖަވާބުދާރީވުން އިތުރުވުމެވެ. ސަރުކާރުގެ ނިންމުންތައް އިލެކްޓްރޯނިކް ވަސީލަތްތަކުން ބެލެހެއްޓުމަކީ އެ މައުލޫމާތު އޮޅުވައިލުމަށާއި ފޮރުވުމަށް އޮންނަ ޖާގަ ހަނިވުމާއެކު، ނޫސްވެރިންނާއި ޖަވާބުދާރީކުރުވާ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތަކަށް މިފަދަ މުއާމަލާތްތަކާ ގުޅުންހުރި މައުލޫމާތުތަކަށް ވާސިލުވާން ފަސޭހަވާ ކަމެކެވެ. ކްމްބްރިޖް ކޯ ސްޓަޑީގައި ފާހަގަކުރި ގޮތުގައި ޑޖިޓައިޒޭޝަނަކީ ޓެކް-ސްމާޓު މުއައްސަސާތަކާއި ޑޭޓާއަށް އަހުލުވެރި ނޫސްވެރިންނާއި މަދަނީ ޖަމްއިއްޔާތަކަށް ސަރުކާރު ޖަވާބުދާރީކުރުވުން ފަސޭހަކޮށްދޭ ކަމެކެވެ.
އެންމެ ފަހު ކަމެއްގެ ގޮތުގައި ދިރާސާގައި ފާހަގަކުރީ މަސްއޫލުވެރިންގެ އިހުތިޔާރަށް ކުރިން ދޫކޮށްފައި ހުރި ވަރަށް ގިނަ ނިންމުންތައް އޮޓޮމެޓިކުން ނިމިގެންދާ ގޮތަށް ޑިޖިޓައިޒޭޝަނުގެ ސަބަބުން ނިޒާމު ބަދަލުވެއެވެ. ނަތީޖާއަކަށްވަނީ ލިބޭ މަންފާއެއްގެ މުގާބިލުގައި ބޭނުންހައި ގޮތަކަށް ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުމަށް މަސްއޫލުވެރިންނަށް އޮންނަ ބާރު ހަނިވުމެވެ. މިސާލަކަށް އާސަންދައަށް އެދި ހުށަހެޅުމުން އަލްގަރިދަމެއްގެ އެހީގައި އޮޓޮމެޓިކުން އެ ހުށަހެޅުމެއް ވަޒަންކުރުމަށްފަހު ކަނޑައެޅިފައި އޮތް އުސޫލުގެ ތެރެއިން އެހީތެރިކަން ހަމަޖެއްސޭނަަމަ އެކަމުގައި އެހެން މީހެއް މެދުވެރިނުކޮށް ނިޒާމުގެ ތެރެއިން އެމީހަކަަށް ހައްގުވާ އެހީ ހޯދުމަށް މަގުފަހިވާނެއެވެ.
ހ- އިންޑިޔާއާއި ދައުލަތުގެ އެހީތައް ދިނުމުގެ ނިޒާމު ހަރުދަނާކުރުން
އިންޑިޔާއިން ތައާރަފުކުރި ޖީއޭއެމް ޓްރިނިޓީ ނިޒާމަކީ އީ-ގަވަމެންޓު ނިޒާމެއްގެ ތެރެއިން ކޮރަޕްޝަނާއި އިދާރީ ފަސާދަ މަދުކުރެވުމުގެ އެންމެ މުހިއްމު އެއް މިސާލެވެ. އިޖުތިމާއީ ރައްކާތެރިކަމުގެ އެހީތެރިކަން އާދާރް ބައޯމެޓްރިކް އައިޑެންޓިފިކޭޝަން ނިޒާމާ ގުޅުވައިލުމުގެ ތެރެއިން، އެގައުމުން ފޯރުކޮށްދޭ އެހީތައް ލިބެމުންއައި 100 މިލިއަނެއްހައި ފޭކު ޝަހުސިއްޔަތަށް ދެމުންއައި އެހީތައް ދޫކުރުން ހުއްޓި އެތައް ބިލިއަން ރުޕީސްއެއް ސަލާމަތްކުރެވުނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މިބަދަލުގެ ސަބަބުން ނުހައްގުން އެހީތައް ލިބެމުންއައި މީހުންނަށް ފޯރުކޮށްދެމުންއައި 33 ބިލިއަނެއްހައި ޑޮލަރު ސަލާމަތްކުރެވުމެވެ. ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ޕަބްލިކް ޑިސްޓްރިބިއުޝަން ސިސްޓަމުން އެކަނި 3.84 ލަކް ކްރޯ ރުޕީސް 2024 ވަނަ އަހަރު ސަލާމަތްކުރެވުނެވެ.
ށ- ރުވަންޑާގެ އިރެމްބޯއާއި ކޮރަޕްޝަނާ ދެކޮޅު މަސައްކަތް
ރުވަންޑާއިން އިރެމްބޯ މަންސަ ފަރުމާކޮށްފައިވަނީ ހިދުމަތް ފޯރުކޮށްދޭ ނިޒާމަކަށްވުމުގެ އިތުރަށް ކޮރަޕްޝަން މަދުކުރުމަށް މަގުފަހިކުރާ އާލަތެއްގެ ގޮތުގައެވެ. އެކަަޑެމިއާގައި 2025 ވަަނަ އަހަރު ޝާއިއުކުރި ރުވަންޑާއާއި ކެންޔާ އަދި ގާނާގެ އީގަވަނެންސް ތަޖުރިބާއާ ބެހޭ ރިޕޯޓެއްގައި ފާހަގަކުރި ގޮތުގައި 2022 ވަނަ އަހަރު އިރެމްބޯ މަންސަ މެދުވެރިކޮށް ޖުމްލަ 2.7 މިލިއަން މުއާމަލާތްކުރެވުނުއިރު، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން އަންދާޒާކުރާ ގޮތުގައި އެ މަންސައިގެ ސަބަބުން ރިޝްވަތު ދިނުމާއި ނެގުން 90 އިންސައްތަ މަދުވެފައިވާ ކަމަަށެވެ.
ރުވަންޑާގެ ކަރޮންގީ ޑިސްޓްްރިކްޓުގައި ކުރިއަށްގެންދިޔަ ސާވޭއެއްގެ ނަތީޖާއަށް ބަލާއިރު އެ ސަރަހައްދުގެ 85.9 އިންސައްތަ މީހުން ދެކޭ ގޮތުގައި އިރެމްބޯގެ ސަބަބުން ދެފުށްފެންނަ މިންވަރު އިތުރުވެ، ޖަވާބުދާރީވާ މިންވަރު މަތިވެ، އާއްމު ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެފައިވެއެވެ.
ނ- އެސްޓޯނިއާ؛ އޮނިގަނޑުގައި ދެފުށްފެނުން
އެސްޓޯނިއާގެ ޑިޖިޓައިޒޭޝަން މަންސައަކީ ކޮރަޕްޝަން މަދުކުރުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ އެންމެ މުއައްގަދު (ސޮފިސްޓިކޭޓެޑް) ނިޒާމެވެ. އެނިޒާމުގައި އެމީހެއްގެ ޒާތީ މައުލޫމާތު ބެލީ ކާކުކަމާއި ސަބަބަކީ ކޮބައިކަން ބެލުމުގެ ގާނޫނީ ހައްގު ކޮންމެ ރައްޔިތަކަށް ލިބިފައިވެއެވެ. އަދި އެފަދަ ޑޭޓާއެއް މަސްއޫލުވެރިޔަކު ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ ހަރުކަށި އަދަބުތައް ދެވެއެވެ.
އެސްޓޯނިއާގެ އެކްސް-ރޯޑް ނިޒާމުގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމެންޓު ނުވަތަ ދައުލަތުގެ އިދާރާތަކަށް ހިދުމަތްތަކާއި ވަސީލަތްތައް ގަތުމުގެ މަރުހަލާތައް ނިޒާމީ ގޮތެއްގައި ތަރުތީބުކޮށްފައި އޮންނަނީ ރައްޔިތުންނަށް ވާނުވާ ސާފުވާނެ ގޮތަށެވެ. ނަތީޖާއަކީ ކަރުދާހުގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެއްގައި ކޮރަޕްޝަން ހިންގުމަށްވުރެ ޑިޖިޓައިޒްކުރެވިފައިވާ މަންސައެއްގައި ކޮަރަޕްޝަން ހިންގުމުގެ ފުރުސަތު ކުޑަވެއެވެ.
ދުނިޔޭގެ ޓްރެންޑު؛ ޑިޖިޓައިޒޭޝަނާއި ކޮރަޕްޝަން ކުޑަވުމުގެ ގުޅުން
ދުނިޔޭގެ ގައުމުތަކުގެ ކޮރަޕްޝަން މަދުވާ މިންވަރާއި ޑިޖިޓައިޒޭޝަންގެ މެދުގައި އޮންނަ ގުޅުން ދެނެގަނެވޭ އެއްގޮތަކީ އދ.ގެ އީ-ގަވަމެންޓް ޑިވެލޮޕްމެންޓު އިންޑެކްސް، ނުވަތަ ސަރުކާރުގެ ހިދުމަތްތައް ޑިޖިޓައިޒްކުރެވިފައިވާ މިންވަަރު ވަޒަންކުރާ މިންގަނޑުގައި ގައުމަކަށް ލިބޭ ދަރަޖަ މަތިވާ މިންވަރާއި އެ ގައުމެއްގައި ކޮރަޕްޝަން ދަށްވާ މިންވަރުގެ މެދުގައި އޮންނަ ގުޅުމެވެ.
ކުއަންޓޭޓިވް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓު ޖާނަލްގައި 2024 ވަނަ އަހަރު ޝާއިއުކުރި ގިނަ ގައުމުތަކެއްގައި މި ދާއިރާއިން ހެދިފައި ހުރި އެތައް ދިރާސާއެއް އެއްކުރުމަށްފަހު ތަހުލީލުކޮށް ފާހަގަކުރި ގޮތުގައި ޑިޖިޓައިޒޭޝަން ކުރިއެރުވި މިންވަރަކަށް އަދި އީ-ގަވަނެންސް ނިޒާމުތައް ގާއިމުކުރި މިންވަރަަކަށް ކޮރަޕްޝަން މަދުވެއެވެ.
ޑިޖިޓައިޒޭޝަނުގެ އެންމެ ބޮޑު އެއް ފައިދާއަކީ އާއްމު ހިދުމަތްތަކަށް އާބާދީގެ އެކި ބައިތަކުގެ ރައްޔިތުން ވާސިލުވުމަށް ހުރި މަގުތައް އިތުރުވުމެވެ. ނުވަތަ ފުޅާވުމެވެ. ހާއްސަކޮށް ރަށްފުށުގައި ދިރިއުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުރި މީހުންނަށް ފަސޭހައިން ހިދުމަތަށް ވާސިލުވެވޭނެ މަގުފަހިވުމެވެ. ޑިޖިޓައިޒޭޝަނުގެ ސަބަބުން ސަރުކާރުގެ ހިދުމަތްތައް ހޯދުމަށް ސަރުކާރުގެ އޮފީސްތަކާއި އިދާރާތައް ހުންނަ ތަންތަނަށް ދަތުރުކުރަންނުޖެހި ހިދުމަތް ހޯދުމަށް މަގުފަހިވެއެވެ. ކެންޔާ ފަދަ ގައުމުތަކުގައި މޯބައިލް ފޯނުން ފަސޭހައިން ވާސިލުވެވޭ ގޮތަށް ޑިޖިޓަލް މަންސަތައް ފަރުމާކުރުމުގެ ސަބަބުން އެންމެ ރަނގަޅު އިންޓަނެޓު ނުލިބުނަސް ހިދުމަތްތަކަށް ވާސިލުވާނެ މަގުތައްވަނީ ފަހިކުރެވިފައެވެ.
ޑިޖިޓައިޒޭޝަނުގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭ އެއްގޮތަކީ ހިދުމަތްތައް ރައްޔިތުންގެ ވަށައިގެން ބިނާކުރުމެވެ. ނުވަތަ "ސިޓިޒެން ސެންޓަރޑް" ވައްޓަފާޅިއަށް ހިދުމަތް ބައްޓަންކުރުމެވެ. މާނައަކީ އެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ލާމެހިފަައިވާ ނިޒާމެއްގެ ތެރެއިން ހަމަޖެއްސުމުގެ ސަބަބުން ރައްޔިތުން ބޭނުންވާނެ ހިދުމަތްތައް ކުރިއާލައި ދެނެގަނެ، އެ ހިދުމަތަށް އެދެންނުޖެހި ހިދުމަތަށް ވާސިލުވެވޭނެ ގޮތަށް މަގުފަހިކުރެވުމެވެ.
ދެކުނު ކޮރެއާގެ "ޑިޖިޓަލް ޕްލެޓްފޯމް ގަވަމެންޓް" މަފުހޫމަކީ މިދެންނެވުނު ވިސްނުމުގެ މަތީގައި ބިނާކުރި މަފުހޫމކެވެެ. މި މަފުހޫމުގެ ދަށުން ދެކުނު ކޮރެއާގެ ސަރުކާރުގެ ޑިޖިޓަލް މަންސަތަކުން އިސްނަގައިގެން ރައްޔިތުންނަށް ހިދުމަތް ދެވޭ ގޮތަށް ކަންކަން ބައްޓަންކޮށްފައިވެއެވެ. ކުރިން ފާހަގަކުރި ގޮތަށް އެސްޓޯނިއާގައިވެސް ބައެއް ހިދުމަތްތަކަކީ ރައްޔިތުން އެދުމަކާ ނުލައި އެ ހިދުމަތް ލިބޭ ގޮތަށް ބައްޓަންކޮށްފައިވާ ހިދުމަތްތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ "މޯލްޑިވްސް 2.0"އަކީ މަތީގައި ބަޔާންކުރެވުނު މަންފާތައް ދިވެހިންނަށް ހޯދައިދެއްވަން އެމަނިކުފާނު ފެއްޓެވި މުހިއްމު މަސައްކަތްޕުޅެކެވެ. އެ މަސައްކަތްޕުޅުގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ ވީހާވެސް ގިނަ ހިދުމަތެއް ޑިޖިޓައިޒްކުރުމާއި ހިދުމަތްތައް ޑިޖިޓައިޒްކުރުމުގެ މަސައްކަތް އެކަށައަޅާފައިވާ ވަކި އުސޫލުތަކެއްގެ ތެރެެއިން ކުރިއަށްގެންދިއުމެވެ.
އެގޮތުން ހުރިހާ ހިދުމަތްތަކެއް އެއް އޮނިގަނޑުގެ ތެރެއިން ގުޅުވައިލާ ލާމެހިގެންދާނެ ގޮތަށް ކަންކަން ތަރުތީބުކުރުމާއި، ހިދުމަތް ފޯރުކޮށްދިނުމަށް އެކި އިދާރާތަކުން ގާއިމުކޮށްފައިވާ ތަފާތު ނިޒާމުތަކުގެ މެދުގައި އަމިއްލައަށް މުއާމަލާތްކުރެވި، ރައްޔިތުން ހިދުމަތަށް އެދުމުގައި ގިރާކުރަންޖެހޭ މަރުހަލާތައް މަދުކުރުމަކީ ޑިޖިޓައިޒޭޝަން މަސައްކަތުގެ އަމާޒުތަކެވެ. އެ އަމާޒުތައް ހާސިލުވާނެ ގޮތަށް ނިޒާމުތައް ބައްޓަންކުރެވުމުން ސަރުކާރުގެ ގިނަ ހިދުމަތްތަކެއް ފަސޭހައިން ރަނގަޅު ގޮތުގައި ލިބިގެންދާނެއެވެ.
މި ނިޒާމުތަކުގެ ތެރެއިން އުސޫލުތައް ސާފުކޮށް ކަނޑައެޅި އެ އުސޫލުތަކުގެ ތެރެއިން ހިދުމަތް ހައްގުވާ ކޮންމެ ރައްޔިތަކަށް ސަރުކާރުގެ މަސްއޫލުވެރިއެއް މެދުވެރިނުކޮށް ހިދުމަތް ލިބޭނެ ގޮތް ފަހިވާނެއެވެ. މިހާރުވެސް ވަން-ގަވް ނިޒާމުގެ ތެރެއިން މިދެންނެވުނު އުސޫލުގެ ތެރެއިން ގިނަ ހިދުމަތްތަކެއް އަންނަނީ ލިބެމުންނެވެ. އާސަންދައިގެ ޕޯޓަލުގެ ތެރެއިން ކުރިން ދެމުންއައި ހިދުމަތްތައް މި ނިޒާމުގެ ތެރެއިން ލިބޭނެ މަގުތައްވަނީ ފަހިކުރެވިފައެވެ.
"މޯލްޑިވްސް-2.0" ވާނީ ރާއްޖޭގައި ދައުލަތުގެ ހިންގުމާއި، އާއްމު ހިދުމަތްތަކުގެ ނިޒާމާއި، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް މިފަހުގެ ތާރީހުގައި އެޅޭ އެންމެ މުހިއްމު ފިޔަވަޅަށެވެ. އެ ބަދަލާއެކު އުފެދިގެންދާ ނިޒާމުވާނީ މިހާރު ހިދުމަތްތައް ފޯރުކޮށްދެމުންދާ ގޮތާމެދު ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ބޮޑެތި ހައްލުތަކެއް ގެނެސްދޭ "އީ-ގަަވަނެންސް"ގެ ހަރުދަނާ ނިޒާމަކަށެވެ.