ENGLISH
11 ޖޫން 2026
ހަނގުރާމައިގެ ސަބަބުން މޭ މަހުގެ އާމްދަނީ ދަށަށް؛ މުޅި އަހަރުގެ އާމްދަނީ %14 މައްޗަށް
11 ޖޫން 2026
|
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހިސާބުތަކުން ފެންނަ ގޮތުގައި ހަނގުރާމައިގެ ސަބަބުން މޭ މަހު ލިބުނު އާމްދަނީ ދަށްވި ނަމަވެސް މުޅި އަހަރުގެ އާމްދަނީ ކުރީ އަހަރަށްވުރެ މަތި
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން މޭ މަހު ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ މޭ މަހާ އަޅާބަލާއިރު ދަށްވި ނަމަވެސް ޖަނަވަރީން ފެށިގެން މޭ މަހުގެ ނިޔަލަށް ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ 14 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމުކޮށްފައިވާ މޭ މަހުގެ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު އެ މަހުގައި ދިވެހި ރުފިޔާއިން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ އިތުރެވެ. މި އަހަރުގެ މޭ މަހު 552.8 މިލިއަން ރުފިޔާ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނުއިރު ނިމުނު އަހަރުގެ މޭ މަހުގައި ލިބުނީ 448.7 މިލިއަން ރުފިޔާއެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރުގެ މޭ މަހު ދިވެހި ރުފިޔާއިން 117.6 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ މޭ މަހުގައި 134.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޖުމްލަ ގޮތެއްގައި މޭ މަހު ދިވެހި ރުފިޔާއިން 687.8 މިލިއަން ރުފިޔާ ލިބުނެވެ. ނިމުނު އަހަރުގެ މޭ މަހުގައި ދިވެހި ރުފިޔާއިން ލިބުނު އަމްދަނީ 566.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ މޭ މަހު ލިބުނު އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު 21.4 އިންސައްތަ އިތުރުވިއެވެ.
މޭ މަހުގައި ލިބުނު އާމްދަނީ ދަށްވީ ބޭރުފައިސާއިން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ. ޓެކުހުގެ ގޮތުގައި ބޭރު ފައިސާއިން ފާއިތުވި މޭ މަހު ލިބުނީ 73.5 މިލިއަން ޑޮލަރެވެ. ނިމުނު އަހަރުގެ މޭ މަހުގައި 92 މިލިއަން ޑޮލަރު ލިބުނެވެ. އެހެންކަމުން ޓެކުހުގެ ގޮތުގައި ލިބުނު ޑޮލަރުގެ އަދަދު ނިމުނު އަހަރަށްވުރެ 20 އިންސައްތަ ދަށްވެފައިވެއެވެ.
ޓެކުހުގެ ގޮތުގައި ލިބުނު ބޭރުފައިސާ ދަށްވި ނަމަވެސް ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާ މި އަހަރުގެ މޭ މަހުގައި އިތުރުވިއެވެ. ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރުފައިސާގެ އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރުގެ މޭ މަހުގައި 12.6 މިލިއަން ޑޮލަރު ލިބުނުއިރު، ފާއިތުވި މޭ މަހުގައި 14.9 މިލިއަން ޑޮލަރު ލިބުނެވެ. އެއީ 18.2 އިންސައްތައިގެ އިތުރުވުމެކެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ މޭ މަހުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ އިތުރެވެ.
ދިވެހި ރުފިޔާއިން ޓެކުހުގެ ގޮތުގައި ޖަނަވަރީ މޭގެ ނިޔަލަށް 4.1 ބިލިއަން ރުފިޔާ ލިބުނެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނީ 3.4 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ރުފިޔާއިން ލިބުނު އާމްދަނީ 22.9 އިންސައްތަ ނިމުނު އަހަރަށްވުރެ އިތުރުވިއެވެ.
ޓެކުސް ނޫން ގޮތްގޮތުން ރުފިޔާއިން ލިބުނު އާމްދަނީއަށް ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި 653.9 މިލިއަން ރުފިޔާ ލިބުނެވެ. ނިމުނު އަހަރު ލިބުނީ 608.9 މިލިއަން ރުފިޔާއެވެ. އެހެންކަމުން ޓެކުސް ނޫން ގޮތްގޮތުން ރުފިޔާއިން ލިބުނު އާމްދަނީ 7.3 އިންސައްތަ އިތުރުވެފައިވެއެވެ.
ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީވެސް ނިމުނު އަހަރަށްވުރެ އިތުރުވެފައިވެއެވެ. ނިމުނު އަހަރު ޓެކުހުގެ ގޮތުގައި 532.6 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 588.4 ބިލިއަން ޑޮލަރަށް އަރާފައެވެ. އެއީ އަހަރުން އަހަރަށް 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓެކުސް ނޫން ގޮތްގޮތުން ޑޮލަރުން ލިބުނު އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުން ނިމުނު އަހަރު 141 މިލިއަން ޑޮލަރު ޓެކުސް ނޫން ގޮތްގޮތުން ލިބިފައިވެއެވެ. މި އަހަރުގެ އެ މުއްދަތުގައި ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވަނީ 160.9 މިލިއަން ޑޮލަރަށް އަރާފައެވެ. އެއީ 14.1 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަ އާމްދަނީއަށް ބަލާއިރު މި އަހަރުގެ ޖަނަވަރީން މޭ މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ޖުމްލަ 13.2 ބިލިއަން ރުފިޔާ އަދި ޓެކުސް ނޫން ގޮތްގޮތުން 3.1 ބިލިއަން ރުފިޔާ ލިބުނެވެ. ޖުމްލަ 16.3 ބިލިއަން ރުފިޔާ އެ މުއްދަތުގައި މި އަހަރު ލިބިފައިވާއިރު، ނިމުނު އަހަރު ލިބުނީ 14.3 ބިލިއަން ރުފިޔާއެވެ. ޖުމްލަ ދެ ބިލިއަން ރުފިޔާގެ މި ކުރިއެރުމަކީ 13.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު މަންޒިލުތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާއި، ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫނާރާ ގައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.