ENGLISH

11 ޖޫން 2026

Advertisement

ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ އެމްއެންޔޫގެ މަލްޓިޕާޕަސް ބިލްޑިންގެ ބިންގާ އަޅައިފި

11 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އެމްއެންޔޫ މަލްޓިޕާޕޯސް ބިންގާ އެޅުމުގެ ރަސްމިއްޔާތު، ފޮޓޯ: އެމްއެންޔޫ

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރާ މަލްޓި ޕާޕަސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. 

މި އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ.މަހުމޫދު ޝައުގީއާއި ވައިސް ޗާންސެލާ ޑރ.ޢާއިޝަތު ޝެހެނާޒެވެ. 

އެމްއެންޔޫއިން ބުނި ގޮތުގައި މި އިމާރާތަކީ އެ ޔުނިވަސިޓީގެ ވަސީލަތްތައް ފުރިހަމަކޮށް، އިންސާނީ ވަސީލަތް ބިނާކުރުމަށާއި އިލްމު ފެތުރުމަށާއި، ގައުމީ ތަރައްގީގައި ޔުނިވަސިޓީގެ ހިއްސާ އިތުރުކުރުމަށް ކުރާ މުހިއްމު އިންވެސްޓުމެންޓެކެވެ. 

މި އިމާރާތުގައި ގާއިމުކުރާ ވަސީލަތްތަކުގެ ތެރޭގައި ދަރިވަރުންނާއި، މުވައްޒަފުންނަށް ބޭނުންވާ ކެންޓީނާއި، ރެސްޓޯރެންޓެއްގެ އިތުރަށް، ދަރިވަރުންގެ އިޖުތިމާއީ ހަރަކާތްތައް ބޭއްވުމަށް ބޭނުންވާ ޖާގަތަކާއި، މަލްޓިޕާޕަސް ހޯލަކާއި، ކިލާސްތަކާއި، ސެމިނާ ބާއްވާ ކޮޓަރިތަކީ، ދިރާސާ ހެދުމަށް ބޭނުންވާ ލެބޯޓަރީތަކާއި، އަމަލީ ތަމްރީނުތައް ކުރިއަށްގެންދާ މަރުކަޒުތައް ހިމެނޭނެއެވެ. 

ޔުނިވަސިޓީން ބުނެފައިވަނީ މިތަނުގައި ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީސްއަށް ބޭނުންވާ ހާއްސަ ޖާގައެއްވެސް ހުންނާނެއެވެ. އަދި ޖާގައިގެ ދަތިކަން މިހާރު ކުރިމަތިވެފައިވާ ފެކަލްޓީތަކަށް މި އިމާރާތުގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެކަމަށް އެ ޔުނިވަސިޓީން މައުލޫމާތު ދެއެވެ. 

މި އިމާރާތް ފަރުމާކޮށްފައިވަނީ ޔުނިވަސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން، އުނގަންނައިދިނުމާއި، ލީޑާޝިޕް ހުނަރުތައް ތަރައްގީކުރުމާއި، ދިރާސާތައް ހެދުމަށް ފުރުސަތު ފަހިވާނެ ގޮތަށްކަމަށްވެސް ޔުނިވަސިޓީން ބުނެފައިވެއެވެ. އަދި މިއީ ގައުމަށް ހިދުމަތްކުރުމުގެ ގާބިލުކަން އިތުރުކޮށްދޭނެ މަޝްރޫއެއްކަމަށް ޔުނިވަސިޓީން ބުންޏެވެ. 

އިތުރަށް ޔުނިވަސިޓީން ފާހަގަކުރީ އެ ޔުނިވަސިޓީން އިއުލާނުކޮށްފައިވާ މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެން މި އިމާރާތުގެ ސަބަބުން ހުއްޓައިނުލައި ޔުނިވަސިޓީގެ މެޑިކަލް ސްކޫލު ކުރިއަށްގެންދިއުމަށް އެހީއަކަށްވާނެ ކަމަށެވެ. 

މި އިމާރާތުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށް ޔުނިވަސިޓީން ބުނެފައވެއެވެ. ސަބަބެއްކަމަށް ފާހަގަކުރީ މި މަޝްރޫއަކީ ވަރަށް ބޮޑު މަޝްރޫއަކަށްވުމެވެ. 

ކިޔުންތެރިންގެ ހިޔާލު