ENGLISH
11 ޖޫން 2026
ހިދުމަތުގައި ހުންނަވަނިކޮށް ނިޔާވި އާސިފުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
11 ޖޫން 2026
|
ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް
އެންމެ މަޤްބޫލު
ފުލުހުންގެ ހިދުމަތުގެ ޑިއުޓީގައި ހުންނަވަނިކޮށް މިއަދު ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު އާސިފުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އާސިފު ނިޔާވުމާ ގުޅިގެން މީސްމީޑިޔާގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށް ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު އާސިފު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ރައީސްވަނީ އާސިފުގެ އާއިލާއަށް ކެތެރިކަން ދެއްވުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުޢާކުރެއްވުމާއެކު، އޭނާގެ އާއިލާއަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ތައުޒިޔާ ވިދާޅުވެފައެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ މާތްﷲގެ ތަނަވަސް ރަހުމަތްފުޅުގައި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމު އާސިފު ލެހެއްޓެވުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުއާ ދަންނަވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އާސިފު ނިޔާވީ ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި "ޕޮލިސް ލޯންޗް 57" ގައި ހަރަކާތްތެރިވަނިކޮށެވެ. އެ ލޯންޗުގައި ހަރަކާތްތެރިވުމުގެ ތެރޭގައި އާސިފު ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ފެނުނީ ކަނޑު އަޑިންކަމަށް ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ފުލުހުން ބުނި ގޮތުގައި އާސިފުގެ ހަށިގަނޑު އއ.މަތިވެރީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ނިޔާވިއިރު ސީނިއާ ސާޖެންޓުގެ މަގާމުގައި ހުންނެވި އާސިފަށް ޕްރޮމޯޝަނެއް ދީ އޭނާގެ މަގާމު ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ގިންތިއަށް މަތިކޮށްފައިވެއެވެ. ފުލުހުން ދަނީ އާސިފު ނިޔާވި ހާދިސާ ތަހުގީގުކުރަމުންނެވެ.