ENGLISH

06 ޖޫން 2026

Advertisement

ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އިބްރާހީމް ރަޝާދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

06 ޖޫން 2026

|

ޢަލީ ޝަހީމް

ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އިބްރާހީމް ރަޝާދު.

ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް އަރުވާފައިވާ އަދި ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ މައްޗަންގޮޅީ އަލިތަރި އިބްރާހީމް ރަޝާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިބްރާހީމް ރަޝާދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އިބްރާހީމް ރަޝާދަކީ އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި، ތެދުވެރިކަމާއި، ރޭވުންތެރިކަމާއެކުގައި އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށާއި، ޙިކްމަތްތެރި، ހިންގުންތެރި ޝަޚްޞިއްޔަތެއް ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި ޤައުމަށް ގެއްލިގެން އެދިޔައީ، ބޭނުންތެރި، އަގުހުރި ތަޖުރިބާކާރެއް ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.

މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް، ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި އުޞޫލުތަކާއި ހަމަތައް ހިފެހެއްޓެވުމާއި، އަމާނާތްތެރިކަމާއެކުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު، އިބްރާހީމް ރަޝާދު ހޯއްދަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

އަލްމަރްޙޫމް އިބްރާހީމް ރަޝާދަކީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ އަދި ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވާފައިވާ ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، ކޮޅުމަޑުލު އަތޮޅުވެރިކަން ހިމެނެއެވެ. އަދި ކޮމިޝަނަރ އޮފް އިލެކްޝަންސް ކަމުގެ މަގާމު، 6 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވާފައި ވެއެވެ. އޭގެފަހުން، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

އަލްމަރްޙޫމް އިބްރާހީމް ރަޝާދު އަވަހާރަވިއިރު، އަނބިކަނބަލަކާއި، ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު