ENGLISH

06 ޖޫން 2026

Advertisement

ވޯލްޑް ކަޕަށް ތައްޔާރުވަނިކޮށް، ޕެރަގުއޭގެ ތަރި އެންސީސޯއަށް އަނިޔާވެއްޖެ

06 ޖޫން 2026

|

ސުވެއިދާ ހުސެއިން

ޕެރަގުއޭގެ ތަރި ހޫލިއޯ އެންސީސޯ: ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ފަހު މެޗުގައި އެނާއަށް ވަނީ އަނިޔާވެ، މުބާރާތް ކުޅުމުގެ ފުރުސަތު ގެއްލިދާނެކަމާއި މެދު ސުވާލު އުފެދިފަ--

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެއްގައި ޕެރަގުއޭގެ ތަރި  ހޫލިއޯ އެންސީސޯއަށް އަނިޔާވެއްޖެއެވެ.

ނިކަރާގުއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި 4-0 އިން ޕެރަގުއޭ މޮޅުވި އެވެ. އެހެންނަމަވެސް މި މެޗުގައި  ލިބުނު އަނިޔާއަކާ ގުޅިގެން، އެ ޤައުމުގެ ފޯވާޑް ހޫލިއޯ އެންސީސޯއަށް ކުރިއަށް އޮތް ވޯލްޑް ކަޕުގައި ކުޅެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ބްރައިޓަންގެ ކުރީގެ ކުޅުންތެރިޔާ، އުމުރުން 22 އަހަރުގެ އެންސީސޯ އަށް އަނިޔާވީ އޭނާގެ ޤައުމު ވޯލްޑް ކަޕުގެ ކުރިން ކުޅުނު ފަހުމެޗުގެ 25 ވަނަ މިނެޓުގައެވެ. އަނިޔާވެގެން ސްޓްރެޗަރުގައި ދަނޑުން ބޭލިއިރު، އޮތީ ވަރަށް ބޮޑަށް ރޮވިފައެވެ.

ވޯލްޑް ކަޕުގައި ޕެރަގުއޭ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ލޮސް އެންޖެލިސްގައި ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ އެމެރިކާއާ ދެކޮޅަށެވެ.

ޓީމުގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބޭނުންވަނީ 2010 ވަނަ އަހަރުގެ ފަހުން ޕެރަގުއޭ ކުޅޭ ފުރަތަމަ ވޯލްޑް ކަޕަށް ވާތީ،  މުބާރާތުގައި ކުޅުމުގެ ފުރުސަތު އެންސީސޯއަށް ދިނުމަށެވެ.

މިކަމާ ގުޅޭގޮތުން އަލްފާރޯ ބުނީ، އުންމީދަކީ އެންސީސޯއަށް ލިބުނު އަނިޔާ އަކީ  ސީރިއަސް އަނިޔާއަކަށް ނުވުންކަމށެވެ. މިއީ ހަމައެކަނި އެރި ލޮޅުމެއް ކަމަށް ބަލައި، އޭނާގެ ފިޓްނަސް ރަނގަޅުކޮށް ޓީމުގައި ބެހެއްޓޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.

"އޭނާއަށް ދެ ދިމާލަކުން އަނިޔާވި. ފުރަތަމަ އަރިކައްޓަށް، އަދި އޭގެ ފަހުން އުނަގަނޑުގެ ތިރީ ބަޔަށް. މީގެ ސަބަބުން އޭނާގެ ފައިގެ މަތީ މަސްގަނޑަށް ވަނީ އަސަރުކޮށްފައި. އޭނާ ވަރަށް ބިރުގަތް، އެހެންވެ ދަނޑުން ބާލަން ޖެހުނީ."

ވޯލްޑް ކަޕަށް ކޮލިފައިންވުމުގެ މަރުހަލާގައި ޕެރަގުއޭ ކުޅުނު މެޗުތަކުގައި އެންސީސޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭނާވަނީ ތިން ލަނޑު ޖަހައިދީ، އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ވޭތުވެދިޔަ ސެޕްޓެމްބަރު މަހު ބްރައިޓަން ދޫކޮށް ސްޓްރަސްބާގަށް ބަދަލުވި ފަހުން، އެ ކްލަބުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ 12 ލަނޑު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު