ENGLISH

06 ޖޫން 2026

Advertisement

ބަޖެޓުގެ އަދަދުތައް ދިމާވުމަކީ ކާމިޔާބެއް، ނަތީޖާ ނެރުނީ އުނދަގޫ ފިޔަވަޅުތަކެއް އަޅައިގެން: ތަރުޖަމާނު

06 ޖޫން 2026

|

ޢަލީ ޝަހީމް

ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާން ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓު ސަޕްލިމެންޓުނުކޮށް، ދައުލަތުގެ ހަރަދުތައް މެނޭޖްކުރިއިރު، ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތަށް އަދަދުތައް ދިމާވުމަކީ ކާމިޔާބީއެއް ކަމަށާއި، ނަތީޖާ ނެރުނީ އުނދަގޫ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. 

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި "ބަޖެޓް ނަތީޖާގެ ބަޔާން 2025" ގައިވާ ގޮތުން، މިދިޔަ އަހަރު ސަރުކާރުން މާލީ އަހަރު ނިންމާލީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ހަމަޖައްސައިގެންނެވެ. މިއީ 2021 ވަނަ އަހަރުން ފެށިގެން ސަޕްލިމެންޓްރީ ބަޖެޓެން ފާސްނުކޮށް އަހަރު ނިންމާލި ފުރަތަމަ ފަހަރެވެ. 

މިދިޔަ އަަހަރު ޖުމްލަ ހަރަދު ހުންނާނެ ކަމަށް ލަފާކުރީ 49.2 ބިލިއަން ރުފިޔާގައެވެ. އަހަރު ނިމުނުއިރު ހަރަދު ހުރީ 44.2 ބިލިއަން ރުފިޔާގައެވެ. މިއީ އަންދާޒާކުރި އަދަދަށްވުރެ 5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. 

މިދިޔަ އަހަރުގެ ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާ ކުރީ 39.8 ބިލިއަން ރުފިޔާ އެވެ. އަހަރު ނިމުނުއިރު ވަނީ 39.9 ބިލިއަން ރުފިޔާ ލިބިފަ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ބަޖެޓް މެނޭޖްކުރި ގޮތާއި ގުޅޭގޮތުން ސުވާލުކުރުން ތަރުޖަމާނު ވިދާޅުވީ، އެކަންކަން ކުރެއްވީ ޕޮލިސީތަކެއްގެ ތެރެއިން ކަމަށާއި، މިދިޔަ އަހަރުތަކުގައި ބަޖެޓުގައި ހިމަނާ އަދަދުތަކާ ހަގީގީ އަދަދުތަކާ ދިމާނުވާ ކަމަށެވެ. އެހެންވެ "ރިއަލިޓީ" އާ ދިމާވުމަކީ ކާމިޔާބީއެއްކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. 

"އެންމެ ބޮޑު ކާމިޔާބީއަކީ މި އަދަދުތައް ދިމާވުން. ވަރަށް ގިނަ އަހަރުތަކަށް ފަހު އަޅުގަނޑުމެން ރާއްޖޭގަ އަންދާޒާ ކުރި އަދަދަށް ނުވަތަ އަދަދާ ކައިރިއަށް އަޅުގަނޑުމެންނަށް ލިބުނު އާމްދަނީ ހިފެހެއްޓުން، ދިމާވުން، ހަމަ އެގޮޮތަށް އަޅުގަނޑުމެންގެ ހަރަދުތައްވެސް ވަރަށް ބޮޑަށް ހިފަހައްޓައިގެން ވަރަށް ގިނަ ގޮތްގޮތުން ހިފަހައްޓައިގެން އެ ހަރަދުތައްވެސް ބަޖެޓާ އެއްވަރަށް މެނޭޖްކުރެވުން" ތަރުޖަމާނު ވިދާޅުވިއެވެ. 

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން މިދިޔަ އަހަރު ގެނައި މުހިއްމު އެއް ބަދަލަކީ ޓެކުހާ ގުޅޭ ސިޔާސަތުގެ ބަދަލު ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ތެރެއިން ނަގަމުން އައި ޓެކުހަށް ގެނައި ބަދަލުގެ މުހިއްމުކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. 

ބައެއް ފިޔަވަޅުތަކަކީ ދުރު މުސްތަގްބަލަށް ވިސްނައިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަމަށާއި، މި ސަރުކާރުން އެކަންކުރީ އެގޮތަށް ވިސްނައިގެން ކަމަށް ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ. އެއީ ރައްޔިތުންގެ މެދުގައި މަގުބޫލު ފިޔަވަޅުތަކަކަށް ނުވިޔަސް، އެ ފިޔަވަޅުގެ ސަބަބުން މިއަދުގެ ޙާލަތު ރަނގަޅުވެފައިވާކަން ފާހަގަކުރެއްވިއެވެ. 

"އުނދަގޫ ފިޔަވަޅުތަކެއް އަޅައިގެން ނެރުނު ނަތީޖާތަކެއް. އަބަދުވެސް އަޅުގަނޑު ދަންނަވާ ވާހަކައެއް. ސަރުކާރެއް ހިންގާއިރު ހުރިހާ ފިޔަވަޅަކީ އެންމެ ހިތްހަމަޖެހޭގޮތަށް އަޅާ ފިޔަވަޅަށް ނުވެދާނެ." ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ. 

ތަރުޖަމާނު ވިދާޅުވިގޮތުގައި، މިއަދު ފިޔަވަޅުތައް ނޭޅިނަމަ މާދަމާ ރައްޔިތުންނަށް އޮތީ އުނދަގޫ ދުވަސްތަކެކެވެ.

އެއް ސަރުކާރުން އަނެއް ސަރުކާރަށް ކަންކަން ބަދަލުވާއިރު، ރާއްޖޭގައި އޮތީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރަން އުނދަގޫ ޙާލަތެއްކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ބަޖެޓުގެ ކަންކަން މެނޭޖްކުރުމުގައި މި ސަރުކާރުން ދުރު މުސްތަގްބަލަށް ވިސްނައިގެން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަން ތަރުޖަމާނު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު