ENGLISH

06 ޖޫން 2026

Advertisement

ކޮމިއުނިޓީ އެމްޕަވަރމަންޓް ހަބަށް ޕާކިސްތާނުގެ ބޮޑު އެހީތެރިކަމެއް

06 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

އެމްޕަވަރމެންޓް ހަބަށް ބޭނުންވާ އެހީތެރިކަން ޕާކިސްތާނުން ފޯރުކޮށްދިނުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުނަރުތައް ދަސްކޮށްދީ، އެފަރާތްތައް ބާރުވެރިކުރުވުމަށްޓަކައި ގާއިމުކުރާ "ކޮމިއުނިޓީ އެމްޕަވަރމަންޓް ހަބް" އަށް ބޭނުންވާ އައި.ސީ.ޓީ އިކުއިޕްމަންޓް ހޯދުމަށްޓަކައި ޕާކިސްތާނު ސަރުކާރުން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަސާސީ ތައުލީމާއި، މަސައްކަތްތެރިކަމުގެ ތަމްރީނުތަކުގެ އިތުރުން، އަމަލީ ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގާއިމުކުރާ ތަނަކެވެ.

މިއީ އެފަރާތްތަކަށް ވަޒީފާގެ މާހައުލާއި އިޖުތިމާއީ ދިރިއުޅުމުގައި ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރާ ހަބެކެވެ.

މި ހަބް މެދުވެރިކޮށް މަސައްކަތުގެ މާހައުލާއި، އަމިއްލަ މަސައްކަތްތެރިކަމަށް ބޭނުންވާ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ.

އޭގެ ތެރޭގައި ކޮމްޕިއުޓަރުގެ އަސާސީ ހުނަރުތަކާއި، ޑިޖިޓަލް މީޑިއާ އަދި ކްރިއޭޓިވް ސޮފްޓްވެއަރ ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ހިމެނެއެވެ.

މީގެ އިތުރުން ފޮޓޯގްރަފީ، ޑިޖިޓަލް އާޓް، އަދި މުއާސަލާތު ކުރުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ހާއްސަ "އޯލްޓަނޭޓިވް އެންޑް އޯގްމެންޓެޓިވް ކޮމިއުނިކޭޝަން" (އޭ.އޭ.ސީ) ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެންނަށް ބައިވެރިވެވޭ ފަދަ އުނގަންނައިދޭ މާހައުލެއް ބިނާކުރުމުގެ ގޮތުން، މި ހަބްގައި އެހީތެރިކަން ފޯރުކޮށްދޭ ޒަމާނީ ޓެކްނޮލޮޖީއާއި އައި.ސީ.ޓީ ވަސީލަތްތައް ގާއިމުކޮށް، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ "ސްކްރީން ރީޑަރ" ސޮފްޓްވެއަރ، ޚާއްސަ ކީބޯޑު، ޓަޗް-ސްކްރީން މޮނިޓަރު، އޭ.އޭ.ސީ ސޮފްޓްވެއަރ އަދި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވެދޭ "އެފް.އެމް ސިސްޓަމް" ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

ސއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދޭ މި އެހީތެރިކަމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ހުރަހެއްނެތި ތައުލީމާއި ތަމްރީނު ހާސިލުކުރެވޭނެ، ހުރިހާ އެންމެން ޝާމިލުވާ ފަދަ މާހައުލެއް މި ހަބްގައި ގާއިމުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު އެއްބާރުލުމެކެވެ.

މި ހަބް ތަރައްޤީކުރުމާއި އިމާރާތްކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށްގެންދާއިރު، މިއަހަރުގެ ތެރޭގައި ހަބް ހުޅުވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު