ENGLISH

04 ޖޫން 2026

Advertisement

ދިވެހިންނަށް ފަހުރެއް؛ ވޯލްޑް ކަޕްގެ އައިޓީ އިންތިޒާމުތަކުގެ މުގުލުގައި ދިވެހި ދަރިއެއް

04 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އައިޓީ އިންތިޒާމުތައް ތަރުތީބުކުރެއްވުމުގައި މުހައްމަދ ޝާހީން

މިމަހުގެ 11 ވަނަ ދުވަހުގައި ފެށިގެންދާ ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު އީދުކަމަށްވާ ވޯލްޑް ކަޕަކީ އެކި ދާއިރާތަކުގެ ގިނަ އަދަދެއްގެ ފަންނީ މާހިރުންގެ ޝާމިލުވުމާއި ބައިވެރިވުމާއެކު ކުރިއަށްގެންދެވޭ މުބާރާތެކެވެ. ދަނޑުމަތީ ކުޅުންތެރިން ކުޅޭ މަންޒަރު ދުރަށް ދެއްކުމާއި، ދަނޑުތަކުގެ ސަލާމަތީ ކަންކަން އިންތިޒާމުކުރުމާއި، މީހުން ދަނޑުތަކަށް ވަނުމާއި ނުކުތުމުގެ ހުރިހާ ކަމެއް ތަރުތީބުކުރުމުގެ ފަހަތުގައި އޮންނަނީ ދަނޑުތަކުގައި ގާއިމުކުރެވިފައިވާ ޓެކްނޮލޮޖީގެ އެކި ނިޒާމުތައް ބަރާބަރަށް މަސައްކަތްކުރުމާއެވެ. 

މި ސަބަބަށްޓަކައި، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްބަޔަކީ މެޗުތައް ކުރިއަށްގެންދާ ދަނޑުތަކުގެ އައިޓީ ކަންކަން ބަލަހައްޓާ މީހުންނެވެ. "ފީފާ ވޯލްޑް ކަޕް 2026"ގެ ފައިނަލް މެޗު ކުޅޭ ދަނޑު ހިމެނޭހެން މުހިއްމު ބައެއް ދަނޑުތަކުގައި އައިޓީ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓެވުމުގެ ހުތޫރަތްތެރި ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި އެއް ބޭފުޅަކީ ދިވެއްސެކެވެ. 

އައިޓީ ދާއިރާގެ މާހިރެއް ކަމުގައިވާ މުޙައްމަދު ޝާހީނަކީ އެމެރިކާގައި ދިރިއުޅުއްވާ އައިޓީ ދާއިރާގެ ތަޖުރިބާކާރު ދިވެހި މާހިރެކެވެ. އެމެރިކާއަށް ހިޖުރަކުރައްވައި އެގައުމުގައި ދިރިއުޅުއްވަން ފެއްޓެވިފަހުން އެމެރިކާގެ އެންމެ ކާރުބާރޫ ބޮޑު އިގުތިސާދީ ގޮތުން އެންމެ މުހިއްމު އަދި ޓެކްނޮލޮޖީއާއި މާލީ ހިދުމަތްތަކުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ނިއުޔޯކު ސިޓީގައި ވަޒަންވެރިވެވަޑައިގެން ވިޓް ސޮލިއުޝަންސްގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، ކްލައުޑް އިންފްރަސްޓްރަކްޗާއާއި ސަައިބާ މާހައުލުގެ ސަލާމަތްތެރިކަމާއި، ވިޔަފާރިތަކަށް ބޭނުންވާ ވިއުގަތައް ގާއިމުކުރުމާއި، އައިޓީގެ ބޮޑެތި އޮޕަރޭޝަންތައް ހިންގުމުގައި އެދާއިރާތަކުގައި ހަރަކާތްތެރިވާ ނިއުޔޯކުގެ އެހެނިހެން ކުންފުނިތަކާ ފައިހަމަކުރައްވާފައެވެ. 

ގާބިލުކަން ސާބިތުކޮށްދީފައިވާ "ވިޓް ސޮލިއުޝަންސް"ގެ އީމެއިލަށް ފީފާ ވޯލްޑް ކަޕް އިންތިޒާމުކުރާ ފަރާތުން އެ މުބާރާތުގެ މެޗުތައް ބާއްވާ ބައެއް ދަނޑުތަކުގެ އައިޓީ އޮޕަރޭޝަންތައް ބަލަހައްޓައިދޭން ހުށަހެޅުން ވެގެންދިޔައީ ޝާހީނަށްވެސް ސިހުން ލިބުނުކަމެއް ކަމަށެވެ. އޮންލައިން ނޫސް "ފިޔެސް"އަށް މައުލޫމާތު ދެއްވަމުން ޝާހީނު ވިދާޅުވި ގޮތުގައި، ފުރަތަމަ އޭނާ ނިންމެވީ އެ އީމެއިލަކީ ސްޕޭމް މެއިލެއް ނުވަތަ ސްކޭމެއް ކަމަށެވެ. 

ޝާހީނުގެ ދައުރެއްގެ ގޮތުގައި އޮތީ "ލީޑް ވެނިއު ޓެކްނޮލޮޖީ މެނޭޖަރ"ގެ މަގާމެވެ. އެމަގާމުގެ ޒިންމާތަކުގެ ތެރޭގައި މެޗު ކުރިއަށްދާ ތަންތަނުގައި ބޭނުންކުރާ ޓެކްނޮލޮޖީތައް ފަރުމާކުރެއްވުމާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް އެތަނެއްގައި ގާއިމުކުރާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކުރެއްވުމާއި، އެކި ނިޒާމުތައް ލާމެހިގެންދާނެ ގޮތަށް ތަރުތީބުކުރެއްވުން ނުވަތަ އިންޓަގްރޭޝަންއާއި، ހުރިހާ ނިޒާމުތަކެއް އޮޕަރޭޓުކުރުމަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރެއްވުމާއި، ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސެވުމާއި، މެޗު އޮންނަ ދުވަހު އައިޓީގެ ހުރިހާ އޮޕަރޭޝަނެއް ބުރޫއެރުމެއް ނެތި ކުރިއަށްދާކަން ކަށަވަރުކުރެއްވުން ހިމެނެއެވެ. 

މި މަސައްކަތްތަކާ ގުޅޭ ގޮތުން "ފިޔެސް" ނޫހާ ވާހަކަދައްކަވަމުން ޝާހީނު ވިދާޅުވި ގޮތުގައި އޭނާ ފަދަ ޓެކްނޮލޮޖީ މެނޭޖަރުންގެ ކާމިޔާބު ވަޒަންކުރާ މިންގަނޑަކީ އެއިން އެއްވެސް ކަމެއްގައި މައްސަލައެއް ކުރިމަތިނުވެ ހުރިހާ ކަމެއްވެސް ތަރުތީބުކުރެވުނު ގޮތަށް ހިނގައި ދިއުމެވެ. 

އެގޮތުން ދަނޑަށް މީހުން ވެއްދުމަށް ބޭނުންކުރާ ނިޒާމުތަކާ ހަމައިން ފެށިގެން މެޗުތައް ބްރޯޑްކާސްޓުކުރުމަށް ބޭނުންކުރާ އިންތިޒާމުތަކާއި ދަނޑުގައި ގާއިމުކުރެވިފައިވާ މުވާސަލާތީ ވިއުގަތަކާއި، ރެފްރީން ބޭނުންކުރާ ޓެކްނޮލިޖީގެ އެކި ވަސީލަތްތަކާއި، ދަނޑުގައި އެކި ކަންކަމަށް ގާއިމުކުރެވިފައިވާ ޓެކްނޮލޮޖީގެ އެހެނިހެން ވަސީލަތްތައް އެއްވެސް މައްސަލައެއް ނުޖެހި ބަރާބަރަށް އޮޕަރޭޓުވަމުންދިއުމަކީ ޝާހީނުގެ ނަޒަރުގައި މި މަސައްކަތުގެ ކާމިޔާބެވެ. 

ޝާހީނު ފަދަ ދިވެހި ހުނަރުވެރިޔަކު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކާމިޔާބުކަމާއެކު ކުރިއަށްގެންދަން ކޮންމެހެން މުހިއްމު ގިނަ އިންތިޒާމުތަކެއް ތަރުތީބުކުރެއްވުމުގެ މުގުލުގައި ހުންނެވުމަކީ ކޮންމެ ދިވެއްސަކަށް ލިބޭ ފަހުރެކެވެ. އަދި އޭނާގެ މި ކާމިޔަބަކީ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދިއުމަށް އުންމީދުކުރާ ދިވެހިންނަށް ލިބޭ ނުހަނު ބޮޑު އިލްހާމެއް ނުވަތަ އިންސްޕިރޭޝަނެކެވެ. ހިތްވަރާއި ހިންމަތާއި މަސައްކަތްތެރިކަމާއެކު ކުރިއަށްގޮސް، މަސައްކަތް ދަސްކޮށް، އެ މަސައްކަތުގެ އެންމެ މަތީ ކުރިބޯއްޓަށް ވާސިލުވުމަށް މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ކާމިޔާބަށް ވާސިލުވެވޭނެ ކަމުގެ ދަލީލެކެވެ. 

ކިޔުންތެރިންގެ ހިޔާލު