ENGLISH
04 ޖޫން 2026
އައްޑޫ ގޭދޮށު މަސްޕްލާންޓު؛ އެޑްވާންސަށް ދޫކުރި 1.8 މިލިއަން ނުލިބޭ، މަސައްކަތްވެސް ނުނިމޭ
04 ޖޫން 2026
|
މަރަދޫގައި ހަދަން ފެށި މަސް ފެކްޓަރީ
އެންމެ މަޤްބޫލު
އައްޑޫ ސިޓީގެ ތިން އަވަށުގައި ގޭދޮށު މަސްޕްލާންޓު ގާއިމުކުރުމަށް 2020 ވަނަ އަހަރު ހަވާލުކޮށް އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރި ނަމަވެސް އެފައިސާ އަނބުރާ ސިޓީ ކައުންސިލަށް ނުލިބޭއިރު އެމަސް ފެކްޓަރީތަކުގެ މަސައްކަތްވެސް ނިމިފައިނުވާކަން ކައުންސިލުގެ 2021 އަދި 2022 ވަނަ އަހަަރުގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން އައްޑޫ ސިޓީ ހިތަދޫއާއި މަރަދޫ އަވަށުގައި "ގޭދޮށު މަސްފެކްޓަރީ" ގާއިމުކުރުމަށް ހަވާލުކުރި ދެ ކޮންޓްރެކްޓަރުންނަށް އެޑްވާންސް ޕޭމެންޓުގައި ގޮތުން ކޮންމެ ފަރާތަކަށް 900،000 ރުފިޔާ ދޫކުރިއެވެ. އެއީ ޖުމްލަ 1.8 މިލިއަން ރުފިޔާއެވެ. މަސް ފެކްޓަރީތައް ނޭޅި ލަސްވުމުގެ ސަބަބުން މި ދެ ފަރާތާއެކު ގާއިމުކުރި އެއްބަސްވުންތައް ސިޓީ ކައުންސިލުން ބާތިލުކުރިއެވެ.
އެއްބަސްވުންތައް ބާތިލުކުރި ނަމަވެސް މަސައްކަތްކުރުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި 1.8 މިލިއަން ރުފިޔާ އަނބުރާ ކައުންސިލަށް ހޯދިފައިނުވެއެވެ. ކައުންސިލުން ބުނި ގޮތުގައި ހިތަދޫ އަވަށުގައި ގޭދޮށު މަސްފެކްޓަރީ އެޅުމަށް ހަވާލުކުރި ފަރާތުން އެޑްވާންސް ފައިސާ ނުދެއްކުމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެފައިސާ ތިން މަސްތެރޭ ކައުންސިލަށް ދެއްކުމަށް ފެބްރުއަރީ 11، 2025 ވަނަ ދުވަހު އެފަރާތުގެ މައްޗަށް ކޯޓުން ހުކުމްކުރިއެވެ.
ކައުންސިލުން ތިން އަވަށެއްގައި ގޭދޮށު މަސްފެކްޓަރީ ގާއިމުކުރުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރިއިރު، މިހާތަނަށް މަސައްކަތް ނިމިފައިވަނީ ހިތަދޫގައި އަޅަން ހަވާލުކުރި ފެކްޓަރީގެ މަސައްކަތެވެ. އެ ކާރުހާނާގެ މަސައްކަް ފެބްރުއަރީ 17، 2026 ގެ ނިޔަލަށް ނިމި އެތަަން ރަސްމީކޮށް މިހާރު ހުޅުވާފައިވާކަމަށް ކައުންސިލުން އޮޑިޓު އޮފީހަށް މައުލޫމާތު ދީފައިވެއެވެ.
ނުނިމިހުރި މަސް ކާރުހާނާތަކުގެ ތެރެއިން މަރަދޫ މަސް ކާރުހާނާގެ މަސައްކަތް ހަވާލުކުރީ 22 ޖުލައި 2020 ވަނަ ދުވަހު ޖުމްލަ 27.7 މިލިއަން ރުފިޔާގެ އަގަކަށް 274 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެ މަޝްރޫއަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވި ނަމަވެސް މަސައްކަތް ނުނިމެއެވެ. އެހެންކަމުން އެއްބަސްވުން ބާތިލުކޮށް ނޮވެންބަރު 13، 2025 ގައި އެހެން ފަރާތަކާއެކު އެ މަޝްރޫއު ހިންގުމުގެ އެއްބަސްވުން ގާއިމުކޮށްފައިވެއެވެ.
ހުޅުމީދޫ މަސް ކާރުހާނާއަށް ބަލާއިރު ޖުލައި، 22، 2020 ގައި މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 12.6 މިލިއަން ރުފިޔާގެ އަގަކަށް 330 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. 2.08 މިލިއަން ރުފިޔާ މި މަޝްރޫއަށް ހަރަދުވިއިރު މިހާރު ތަނުގެ މަސައްކަތް ނިންމައި، މަސް ޕްރޮސެސްކުރުމުގެ ޓެސްޓުތައް ފުރިހަމަކުރުމަށްފަހު، މަސްވިއްކުމަށް ސަރުކާރުގެ އިދާރާތަކުން ހުއްދަ ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.