ENGLISH
04 ޖޫން 2026
މާޅޮހު ކައުންސިލާއި ރައްޔިތުންނަށް ވަޒީރުގެ ޝުކުރު؛ "އަވަހަށް ޕޮލިސް ސްޓޭޝަން ނިމުނީ އެހީތެރިކަމުގެ ސަބަބުން"
04 ޖޫން 2026
|
ބ.މާޅޮހު ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވުމަށްފަހު ވަޒީރު އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަދި އެރަށު ކައުންސިލުގެ ރައީސް، ފޮޓޯ: ފުލުހުން
އެންމެ މަޤްބޫލު
ބ.މާޅޮހުގައި ގާއިމުކުރި ފުލުހުންގެ ސްޓޭޝަނުގެ މަސައްކަތް އަވަހަށް ނިންމައިލެވުނީ އެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކުރައްވައި، އެ ރަށު ރައްޔިތުންނާއި ކައުންސިލަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އިހުސާން ޝުކުރު އަދާކުރައްވައިފިއެވެ.
މާޅޮހުގައި ގާއިމުކުރި ޕޮލިސް ސްޓޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމަށް ފެއްޓެވި މަސައްކަތްތަކުގެ ތެރެއިން ނިންމައިލެވުނު ތިންވަނަ ޕޮލިސް ސްޓޭޝަނެވެ. ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތްކުރީ އެމްޓީސީސީންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމާއެކު، ފުލުހުންގެ އަމިއްލަ އިމާރާތްތައް ނެތް ހުރިހާ ރަށެއްގައި އިމާރާތްތައް ތަރައްގީކުރުމަކީ ރައީސް ޑރ.މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫއެކެވެ. މިހާރު ފުލުހުންގެ އަމިއްލަ އިމާރާތެއް ނެތް ހުރިހާ ރަށެއްގައިހެން އިމާރާތްތައް ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެގޮތުން މިއަދު ހުޅުވިގެންދާ މި މަރުކަޒަކީ މިސަރުކާރުގެ ތާރީހުގެ ތެރޭގައި ހުޅުވިގެންދާ ތިންވަނަ މަރުކަޒު. މިކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން.،" އިހުސާނު ވިދާޅުވިއެވެ.
މި މަރުކަޒާއެކު ދިވެހި ފުލުހުންގެ އަމިއްލަ އިމާރާތެއްގައި، އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ޒަމާނީ ފެންވަރުގެ ރަނގަޅު ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި ޕޮލިސް ސްޓޭޝަނުގެ މަސައްކަތް ކުރެވިގެންދިޔައީ އެ ރަށުގެ ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަން ފާހަގަކުރައްވަމުން ކައުންސިލާއި ރައްޔިތުންނަށް އިހުސާނު ޝުކުރު އަދާކުރެއްވިއެވެ.
"އަޅުގަނޑުމެން ގާތްްގަނޑަކަށް 154 ވަރަކަށް ޕްރޮޖެކްޓު ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާއިރު ޕްރޮޖެކްޓުތައް އަވަސްވުމާއި ލަސްވުން އާއްމުކޮށް އެކި ކަންކަމުގެ މައްޗަށް ބިނާވޭ. އޭގެ ތެރެއިން އެއްކަންތައް އެރަށެއްގެ ކައުންސިލަކުން މިކަަމަކަށް ދޭ އަހަންމިއްޔަތާއި އެރަށެއްގެ ރައްޔިތުން ކޮންޓްރެކްޓަރުންނަށް ދޭ އެހީތެރިކަމާއި އެއްބާރުލުމަކީ. މިއަދު މާޅޮހުގައި މިތަން ނިމި ހިދުމަތްދޭން މިހާ އަވަހަށް ފެށިގެންދިއުމަކީ އެ ރައްޔިތުންނާއި ކައުންސިލުން ދައުރު ފުރިހަމައަށް އަދާކުރިކަމުގެ ހެއްކެއް،" އިހުސާން ވިދާޅުވިއެވެ.
އިހުސާނު އިތުރަށް ވިދާޅުވީ ބައެއް ރަށްރަށުގެ ކައުންސިލުތަކާއި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ނުލިބުމުގެ ސަބަބުން ބައެއް މަޝްރޫއުތަކުގެ މަސައްކަތް އަދިވެސް ނުފެށި އެބަހުއްޓެވެ. ބިން ހަމަނުޖެހުމާއި މަސައްކަތްކުރަން ރަށްރަށަށް ދާ މީހުން ތިބޭނެ ތަންތަން ހަމަނުޖެހުމާއި، މަޝްރޫއު ހިންގުމަށް ބޭނުންވާ ސާމާނު ރަށްރަށަށް ގެންދިއުން ފަދަ ކަންކަމުގައި ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ލިބޭ ރަށްރަށުަގއި ވަރަށް އަވަހަށް މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން ރައްޔިތުންނާއި ކައުންސިލުތަކުގެ ކިބައިން އެންމެ ބޮޑަށް އެދެނީ މާޅޮހުން ލިބުނު އެއްބާރުލުން ކައުންސިލާއި ރައްޔިތުން ފޯރުކޮށްދިނުމަށްކަމަށާއި، އެގޮތަށް އެއްބާރުލުން ލިބޭނަމަ ސަރުކާރުގެ މަޝްރޫއުތަކުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްގެންގޮސް އަވަހަށް ނިންމައިލެވޭނެ ކަމަށެވެ.
މާޅޮހުގައި ގާއިމުކުރެވުނު ޕޮލިސް ސްޓޭޝަނުގެ ސަބަބުން ރައްޔިތުންނާ ގާތުން ހިދުމަތްކުރުމުގެ ފުރުސަތު ލިބި، އެ ރަށަކީ ކުށުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް މަގުފަހިވާނެ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ ރަށަކީ ފަތުރުވެރިކަމުގެ މަންޒިލަކަށްވާތީ ރަށުގެ ރައްކާތެރިކަމާއި އަމާންކަން އިތުރުވުމަކީ ރަށްރަށުގެ އިގުތިސާދު ބިނާކުރުމަށް ލިބިގެންދާ ބާރެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.