ENGLISH

04 ޖޫން 2026

Advertisement

އައްޑޫ ސިޓީ ކައުންސިލުގެ މާލީ އިހުމާލު؛ އެއްބަސްވުމެއް ނެތި ސެކިއުރިޓީ ބެލެހެއްޓުމަށް 782،942 ރުފިޔާ ހަރަދުކުރި

04 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އައްޑޫ ސިޓީގެ މޭޔަރު ނިޒާރު

އައްޑޫ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް އެއްބަސްވުމެއް ނެތި ބަޔަކު ލައްވައި ކުރިއަށްގެންގޮސް އެފަރާތަށް ޖުމްލަ 782،942 ރުފިޔާ ކައުންސިލުން ދީފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. 

ސިޓީ ކައުންސިލުގެ 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުން ދައުލަތުގެ އިދާރާއަކުން ހޯދަމުންދާ ހިދުމަތެއް ހޯދުމަށް ގާއިމުކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ދެ މަސް ކުރިން ނުވަތަ އެ ހިދުމަތެއް މެދުނުކެނޑި ކުރިއަށްގެންދެވޭނެ ވަގުތު އޮއްވައި އަލުން އިއުލާނުކޮށްގެން އެ ހިދުމަތް ދޭނެ ފަރާތެއް ހޯދަންވާނެކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވެއެވެ. 

ނަމަވެސް އައްޑޫ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު އިތުރު ފަރާތެއް ހޯދުމަށް ކައުންސިލުން އިއުލާނުކޮށްފައި ނެތްކަން އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ. 

އިތުރަށް ރިޕޯޓުގައި ފާހަގަކުރި ގޮތުން ސިޓީ ކައުންސިލުންވަނީ އެއްބަސްވުމެއް ނެތި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 782،942 ރުފިޔާ ހަރަދުކޮށްފައެވެ. އެފައިސާ ހަރަދުވި ގޮތުގެ ތަފުސީލުތައް އޮޑިޓު ރިޕޯޓުގައި ހިމަނާފައިވެއެވެ. އަދި އެގޮތަށް އެއްބަސްވުމެއް ނެތި ހަރަދުކުރި މުއްދަތުތަކުގެ ތަފުސީލުވެސް ހާމަކޮށްފައިވެއެވެ. 

އެގޮތުން ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އެއްބަސްވުމުގެ މުއްދަތު މޭ 19، 2023 ވަނަ ދުވަހު ހަމަވުމަށްފަހު 15 މަހާއި ދިހަ ދުވަހުގެ މުއްދަތަކަށް އެއްބަސްވުމެއް ނެތި ޖުމްލަ 261،135 ރުފިޔާ ކައުންސިލުން ހަރަދުކުރިއެވެ. އަދި ހުޅުދޫ އަވަށު ފުލެޓުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އެއްބަސްވުން އޮކްޓޯބަރު 5، 2023 ގައި ނިމުމަކަށް އައުމަށްފަހު އެއްބަސްވުމަކާ ނުލައި ދިހަ މަހާއި 25 ދުވަހު 260،000 ރުފިޔާ ކައުންސިލުން ހަރަދުކޮށްފައިވެއެވެ. 

މަރަދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އެއްބަސްވުން މާޗު 31، 2024 ވަނަ ދުވަހުގައި ނިމުމަކަށް އައުމަށްފަހު، އަށް މަސްދުވަހުގެ މުއްދަތަކަށް 125،932 ރުފިޔާ އެއްބަސްވުމެއް ނެތި ހަރަދުކުރިއެވެ. އަދި މަރަދޫފޭދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އެއްބަސްވުން ސެޕްޓެންބަރު 26، 2024 ވަނަ ދަވަހު ހަމަވުމަށްފަހު ދެ މަހާއި ހަތަރު ދުވަހު އެއްބަސްވުމެއް ނެތި 97،838 ރުފިޔާ ހަރަދުކުރިއެވެ. ކޯގަންނު ގަބުރުސްތާނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އެއްބަސްވުން މޭ 20، 2023 ގައި ނިމުމަކަށް އައުމަށްފަހު ހަތަރުމަހާއި 22 ދުވަހު އެއްބަސްވުމަކާ ނުލައި ހިދުމަތް ހޯދުމަށް 97،838 ރުފިޔާ ހަރަދުކުރިއެވެ. 

އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ފަދައިން ދައުލަތުގެ އިދާރާއަކުން އެއްވެސް ފަރާތެއްގެ ކިބައިން ހިދުމަތެއް ހޯދައި، އެ ހިދުމަތަށް ފައިސާ ދައްކަންވާނީ މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ އުސޫލުތަކުގެ މަތިން ގާއިމުކުރާ އެއްބަސްވުމެއްގެ ދަށުންނެވެ. 

އޮޑިޓު އޮފީހުންވަނީ ހިދުމަތް ހޯދުމަށް ހަދާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމުގެ ކުރިން އަލުން ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރުމަށާއި، އެއްބަސްވުމެއް ނެތި މަސައްކަތްނުކުރުވުމަށާއި، ސެކިއުރިޓީ ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތަކަށް އެކަށީގެންވާ ގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރެވޭނެ އިންތިޒާމުތަކެއް ގާއިމުކުރުމަށް ލަފާދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު