ENGLISH
04 ޖޫން 2026
ގައުމު ސަލާމަތްކުރެއްވީތީ ރައީސަށް ކުރީގެ 3 ރައީސުން ޝުކުރު އަދާކުރައްވާނެނަމައޭ ހިތަށް އަރާ: ފަލާހު
04 ޖޫން 2026
|
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު
އެންމެ މަޤްބޫލު
ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އެއް ބިލިއަނެއްހައި ޑޮލަރު އަނބުރާ ދައްކަވައި ގައުމު ސަލާމަތްކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވަން ކެރިވަޑައިގަންނަވާނެތޯ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ލީޑަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ކުރީގެ ތިން ރައީސުންގެ އަރިހުން ސުވާލުކުރައްވައިފިއެވެ.
ފަލާހު މިފަދައިން ވިދާޅުވީ ދިވެހިރާއްޖެއިން އަދާކުރަން އޮތް ބޭރުގެ ދަރަނީގެ ބޮޑު މިންވަރެއް ފާއިތުވި އޭޕްރީލުމަހު ސަރުކާރުން ދައްކައި ހަލާސްކުރުމާ ގުޅިގެން ރާއްޖޭގެ ކްރެޑިޓް ރޭޓީން "ސީސީ" ގިންތިން "ސީސީސީ-"ގެ ގިންތިއަށް މަތިކުރުމަށް ފިޗް ރޭޓިންސް އެޖެންސީން ނިންމުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.
ފަލާހު ސިފަކުރެއްވި ގޮތުގައި ރައީސް ޑރ.މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖެއަކީ ކުރީގެ ވެރިންގެ އިހުމާލާއި ނާގާބިލުކަމުގެ ސަބަބުން ސަލާމަތްނުވާނެފަދަ ނުބައި ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި އޮތް ގައުމެކެވެ. އޭނާ ވިދާޅުވީ އެ ހާލަތަށް ރާއްޖެ ގެންދެވީ ރާއްޖޭގެ ވެރިކަން ކުރިން ކުރެއްވި ބޭފުޅުން ކަމަށެވެ.
އަދި އެފަދަ ނުރައްކާތެރި ހާލަތެއްގައި އޮއްވައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހިރައްޔިތުންނަށް ގައުމު އަނބުރާ ހޯއްދަވައިދެއްވިކަން ފާހަގަކުރައްވަމުން ފަލާހުވަނީ ރައީސް ޑރ.މުޢިއްޒަށް "ފަށްފަށުން" މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ.
އިތުރަށް ފަލާހު ވިދާޅުވީ ކުރީގެ ރައީސުންކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީނާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިއްބެވީ އެބޭފުޅުންގެ ވެރިކަމުގައި ނެންގެވި އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ދަރަނި ރައީސް ޑރ.މުޢިއްޒަށް އަދާނުކުރެއްވޭނެ ކަމުގައި ހީކުރައްވައިގެން ހިނިފުޅުވަޑުވަން ކަމަށެވެ.
ނަމަވެސް މާތްﷲގެ ރަހުމަތްފުޅާއެކު އެ ދަރަނި ރައީސް އަދާކުރައްވައި، އަންނަން އޮތް ޖީލަށްޓަކައި މިގައުމު ސަލާމަތްކޮށްދެއްވާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މިވަގުތު ހުރިހާ ލޮބުވެތި ދިވެހިރައްޔިތުން ރައީސް މުޢިއްޒަށާއި ސަރުކާރަށް ޝުކުރު އަދާކުރަމުންދާ ކަމަށެވެ.
އިތުރަށް ވިދާޅުވީ ގައުމު ދަރަނިން ސަލާމަތްކުރައްވައި އަންނަން އޮތް ޖީލުތަކަށް ސަލާމަތާއި ރައްކާތެރިކަމާއެކު ރައްދުކޮށްދެއްވީތީ ރައީސަށް ރައްޔިތުން ޝުކުރު އަދާކުރަމުންދާ މިދަނޑިވަޅުގައި ކުރީގެ ތިން ރައީސުންނަށް އެމަނިކުފާނަށާއި ދިވެހި ސަރުކާރަށް ޝުކުރުގެ ބަހެއް ވިދާޅުވާނެނަމައޭ ހިތްޕުޅަށް އަރާކަމަށެވެ.
"ސާބަސް، ސާބަސް، ސާބަސް، ރައީސް މުޢިއްޒުތީ މިޤައުމު އެދޭފަދަ ވަރުގަދަ ލީޑަރެއް،" އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓު ނިންމަވައިލައްވަމުން ފަލާހު ވިދާޅުވިއެވެ.