ENGLISH

26 މޭ 2026

Advertisement

ފެނަކައިން ތިން ރަށަކަށް ޖަނަރޭޓަރުތައް ފޮނުވައިފި

26 މޭ 2026

|

އާމިނަތު ނުޒްލާ

ޖެން ސެޓް ފ. މަގޫދޫ އަށް ބޭލުމުގެ ތެރެއިން-- ފޮޓޯ: ފެނަކަ

ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުޅިން އައު ތިން ޖަނަރޭޓަރު ގެނެސް، ތިން ރަށަކަށް ފޮނުވައިފި އެވެ.

ފެނަކައިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ޖަނަރޭޓަރުތައް ފޮނުވުމަށް ހަމަޖެހިފައިވާ ތިން ރަށްކަމަށްވާ ފ. މަގޫދޫ، ރ. އިންނަމާދޫ އަދި ރ. ރަސްގަތީމަށް މިހާރު ޖަނަރޭޓަރު ސެޓްތައް ބާލާފައިވާ ކަމަށެވެ. މި ތިން ރަށަށްވެސް ފޮނުވާފައިވަނީ 400 ކިލޯވޮޓުގެ ޖެންސެޓްތަކެވެ.

ޖެންސެޓް ރ. ރަސްގެތީމަށް ބޭލުމުގެ ތެރެއިން-- ފޮޓޯ: ފެނަކަ

ފ. މަގޫދޫ އާއި ރ. އިންނަމާދޫއަށް ޖެންސެޓް އިއްޔެގެ ވަގުތެއްގައި ގެންގޮސް، މިހާރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިއަދުގެ ނިޔަލަށް އިންސްޓޯލްކުރުމުގެ މަސައްކަތް ނިންމާ، ހިދުމަތް ދިނުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

ރ. ރަސްގަތީމަށް ގެންދިޔަ ޖެންސެޓް ބާލާފައިވަނީ މިއަދު އެވެ. މި ޖެންސެޓްވެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރަމުން އަންނަކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ، މަގޫދޫގައި މި ވަގުތު ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ 400 ކިލޯވޮޓް އަދި 150 ކިލޯވޮޓުގެ ޖެންސެޓަކުން ކަމަށެވެ. ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނާތީ، އިތުރުކުރެވޭ ކެޕޭސިޓީއާއެކު، ރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށްވެސް ފެނަކަ އިން ބުނެފައިވެ އެވެ.

އިންނަމާދޫގައި މިވަގުތު ހިދުމަތް ދެމުންދާ ތިން ޖެންސެޓް ހުރިއިރު، އިންސްޓޯލްޑް ކެޕެސިޓީއަކީ ޖުމްލަ 1000 ކިލޯވޮޓެވެ. ރަށަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު ހުރި ހުރިހާ ޖެނެރޭޓަރެއް އެއްފަހަރާ ބޭނުންކުރަން ޖެހޭއިރު، މިއިތުރު ކުރެވުނު ޖެންސެޓާއެކު، ކަރަންޓުގެ ހިދުމަތަށް ބުރޫ ނާރައި، ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ މި ޖެންސެޓްތައް އިންސްޓޯލްކޮށް ހިދުމަތަށް ބޭނުން ކުރަން ފެށުމުން، މި ތިން ރަށުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު