ENGLISH
26 މޭ 2026
ކުދިންގެ ސިއްހަތާއި އުފާވެރިކަމަށް ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ބޮޑު
26 މޭ 2026
|
ކުދިން ކުޅިވަރު ކުޅުމުގައި-- ފޮޓޯ: ބީބީސީ
އެންމެ މަޤްބޫލު
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން ހަރަކާތްތެރިވެ އުޅޭ މިންވަރު ކުރިއަށްވުރެ މަދުވަމުންއަންނަ ވާހަކައަކީ މިހާރު އެންމެ ގިނައިން ދެކެވޭ ވާހަކަ އެވެ. މީގެ ސަބަބުން ކުދިންގެ ސިއްހަތަށް ދިގު މުއްދަތުގެ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ އިންޒާރު ސައިންސްވެރިން އަންނަނީ ދެމުންނެވެ. މިކަމާ ގުޅޭގޮތުން ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، ކުދިން ގިނައިން ހަރަކާތްތެރިވުމަކީ ހަށިގަނޑުގެ ދުޅަހެޔޮކަމުގެ އިތުރުން އެކުދިންގެ ސިކުނޑީގެ ތަރައްގީއާއި އުފާވެރިކަމަށްވެސް ކޮންމެހެން ބޭނުންތެރި ކަމެއްކަން ހާމަވެފައިވެ އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ 10 ކުއްޖަކުން އެކަކީ ފަލަމަލީގެ ނުވަތަ ބަރުދަންލުއިވުމުގެ ޝިކާރައަކަށްވެފައިވާ ކުއްޖެކެވެ. މިކަމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އެއްތަނެއްގައި އިށީނދެގެން ތިބޭ ވަގުތު ގިނަވުމާއި، ނަފްސާނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި، ކާބޯތަކެތީގެ ފެންވަރު ދަށްވުމުގެ އިތުރުން ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވާ މިންވަރު މަދުވުން ހިމެނެ އެވެ. ސިއްހީ މާހިރުން ލަފާދެނީ ކޮންމެ ކުއްޖަކުވެސް ދުވާލަކު މަދުވެގެން 60 މިނިޓު ހަރަކާތްތެރިވެ އުޅުމަށެވެ. ނަމަވެސް ގިނަ ކުދިން މި މިންގަނޑަށް އަމަލެއް ނުކުރެ އެވެ.
ކުދިން ކުޅިވަރު ކުޅުމުގައި-- ފޮޓޯ: ބީބީސީ
އެމެރިކާގެ ޔުނިވަރސިޓީ އޮފް ރޯޑް އައިލެންޑްގެ އެސިސްޓެންޓް ޕްރޮފެސަރ ނިކޯލް ލޯގަން ބުނެފައިވާ ގޮތުގައި، ކުޑައިރު ހަރަކާތްތެރިވެ އުޅުމަކީ ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށްދީ، ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. އަދި ހަށިގަނޑުގައި ސަރުބީ ޖެހުން މަދުވުމުން ސިކުނޑީގައި އުފެދޭ އިންފްލެމޭޝަން ދަށްވެ، ކިޔެވުމަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭކަން އޭނާ ފާހަގަކޮށްފައިވެ އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ބައިވެރިންގެ މެދުގައި 50 އަހަރު ވަންދެން ކުރިއަށްގެންދިޔަ ދިރާސާއަކުން އެގުނު ގޮތުގައި، ކުޑައިރު ކުޅިވަރު ކުޅޭ ކުދިން ބޮޑުވުމުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ފުރުސަތު ބޮޑެވެ. އަދި އުމުރުން 70 އަހަރުވާއިރުވެސް އެމީހުންނަކީ މާ ހަރަކާތްތެރި ބައެއްގެ ގޮތުގައި ފާހަގަކުރެވިފައިވެ އެވެ.
ކުދިން ހަރަކާތްތެރި ކުރުވުމަށްޓަކައި ސްކޫލްތަކުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވެ އެވެ.
ކުދިން ހެލިފެލިވެ އުޅޭ މިންވަރު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތައް:
ޔޫކޭގެ ސްވަންސީ ޔުނިވަރސިޓީގެ މައިކޭލާ ޖޭމްސް ބުނި ގޮތުގައި، ކުޅިވަރަކީ ހަމައެކަނި ރޭވިގެން ކުރިއަށްގެންދާ ހަރަކާތްތަކަކަށް ވާކަށް ނުޖެހެ އެވެ. ގަހަކަށް އެރުމާއި، ދުވެލުމާއި، އެކަކު އަނެކަކު ފަހާދުވުން ފަދަ ކޮންމެ ހަރަކާތަކީވެސް ކުއްޖާގެ އުފާވެރިކަމާއި އިތުބާރު ބޮޑުކޮށްދޭނެ ކަންކަމެވެ. މުސްތަގުބަލުގެ ޖީލަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި، ކުޑައިރުއްސުރެ މިފަދަ އާދަތައް އަށަގެންނެވުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ.