ENGLISH
23 މޭ 2026
ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަންކަން ކ. ހުރައަށް
23 މޭ 2026
ސެންޓްރަލް ރީޖަން ލީގުގައި ވާދަކުރި ކ. ހުރާ ޓީމުގެ ކުޅުންތެރިން ކުޅުނު މެޗެއްގެ ކުރީން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ހުރާ ކޮމިއުނިޓީ ކްލަބް
އެންމެ މަޤްބޫލު
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަންކަން ކ. ހުރާއިން ހޯދައިފިއެވެ.
ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަންކަން ހުރައަށް ލިބުނީ ދ. ކުޑަހުވަދޫއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗާ ގުޅުންހުރި ޑިސިޕްލިނަރީ މައްސަލައެއް ބެލުމަށްފަހު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމި ނިންމުމާ ގުޅިގެންނެވެ.
އެގޮތުން، މި މެއި މަހުގެ 21 ވީ ބުރާސްފަތި ދުވަހު ހަވީރު އަމިއްލަ ދަނޑުގައި ހުރާ އަތުން 4-1 އިން މޮޅުވި މެޗުގައި ކުޑަހުވަދޫ ޓީމުން މުބާރާތުގެ ޤަވާއިދާ ޚިލާފަށް ދެ ކުޅުންތެރިއަކު ބޭނުންކޮށްފައިވާތީ، އެފްއޭއެމް ކޮމްޕެޓިޝަން ކޮމިޓީން ވަނީ އެ މައްސަލަ ބެލުމަށްފަހު މެޗުގެ ނަތީޖާ ބާތިލުކަމަށް ކަނޑައަޅައިފައެވެ.
އެފްއޭއެމްއިން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނީ، މި ނިންމުން ނިންމާފައިވަނީ، ބީއެމްއެލް ރީޖަނަލް ލީގު 2025/26 ގެ ޤަވާއިދުގެ 24.1 ވަނަ މާއްދާއާ ޚިލާފަށް، ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ތިބި ދެ ކުޅުންތެރިއަކު ކުޑަހުވަދޫ ޓީމުން އެ މެޗުގައި ބޭނުންކޮށްފައިވާކަން ސާބިތުވުމާ ގުޅިގެން ކަމަށެވެ. އެ ޤަވާއިދުގައިވާ ގޮތުން، މުބާރާތުގެ މެޗުތަކުގައި ދެ ރީނދޫ ކާޑު ހަމަވާ ކުޅުންތެރިއަކު، އޭގެ ފަހުން ކުޅޭ މެޗުގައި ބައިވެރިވުން މަނާވެ، ސަސްޕެންޑުވާނެ ކަމަށް އެފްއޭއެމްގެ ބަޔާނުގައިވެއެވެ.
"މުބާރާތުގެ ޤަވާއިދުގެ 3.3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޝަރުތު ހަމަނުވާ ކުޅުންތެރިއަކު ނުވަތަ ރަސްމީ ޓީމު ލިސްޓުގައި ނުހިމެނޭ ކުޅުންތެރިއަކު މެޗެއްގައި ކުޅުވައިފިނަމަ، އެ މެޗުން އެ ޓީމަކަށް ލިބުނު ޕޮއިންޓާއި ލަނޑުތައް އުނިކުރެވޭނެ. އަދި އިދިކޮޅު ޓީމަށް 3 ޕޮއިންޓާއި 2 ލަނޑު ދެވޭނެއެވެ. އެހެންކަމުން، މި މެޗުން ކ. ހުރައަށް 3 ޕޮއިންޓާއި 2 ލަނޑު ދިނުމަށް ނިންމައި، ދ. ކުޑަހުވަދޫއަށް މި މެޗުން ލިބުނު ހުރިހާ ޕޮއިންޓަކާއި ލަނޑެއް ވަނީ އުނިކޮށްފައި. މީގެ އިތުރުން، ލީގުގެ ތާވަލަށްވެސް މި ބަދަލުތައް ގެނެވޭނެ." އެފްއޭއެމްގެ ބަޔާނުގައިވެއެވެ.
އެފްއޭއެމުން ބުނީ، އެ މައްސަލަ އިތުރަށް ބެލުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެފްއޭއެމްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ފަހު މެޗަށް ނުކުތްއިރު މި ރީޖަންގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ދެ ޓީމަށްވެސް އޮތެވެ. ހުރައަށް އެއްވަރުކޮށްލައިގެން ޗެމްޕިއަންކަން ލިބެން އޮތްއިރު، ކުޑަހުވަދުއަށް މޮޅުވުން ނޫން ގޮތެއްނެތެވެ.
އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމިޓީގެ ނިންމުމާއެކު، ރީޖަން ލީގުގެ ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހުރައަށް ލިބުނީ ހަ މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ކުޑަހުވަދުއަށް ދެވަނަ ލިބުނީ ހަ މެޗުން ލިބުނު 8 ޕޮއިންޓާއެކުއެވެ. މި ނަތީޖާއާއެކު ހުރައަށް ވަނީ ރީޖަންގެ ޗެމްޕިއަންކަމާއެކު، ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ބުރުން ޖާގަ ލިބިފައެވެ.
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުން މިހާތަނަށް ޖާގަ ހޯދާފައިވާ ޓީމުތަކަކީ؛ ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ހުރާގެ އިތުރުން، ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ އާއި، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބެވެ. މިހާތަނަށް ޖާގަ ކަށަވަރުނުވެ އޮތީ ސައުތު ރީޖަންގެ އެކަންޏެވެ.
ރީޖަންތަކުގެ ޗެމްޕިއަނުންގެ އިތުރުން ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަނުގައި ދެން ވާދަކުރާނީ ނިމިދިޔަ ސީޒަނުގެ ލީގުގެ ހަތްވަނައާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ. މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ.
އެފްއޭއެމްއިން އެކުލަވާލި އައު ފޯމެޓާއެކު މިދިޔަ އަހަރު ފެށި އަތޮޅު މުބާރާތުގައި 49 ޓީމަކުން ބައިވެރިވިއެވެ.