ENGLISH

21 މޭ 2026

Advertisement

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ އިސް ވެރިއަކަށް ޑރ. މާހިދު ޝަރީފު ޢައްޔަންކުރައްވައިފި

21 މޭ 2026

|

ޢަލީ ޝަހީމް

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ އިސް ވެރިއަކަށް ހަމަޖެއްސި ޑރ. މާހިދު ޝަރީފު. ފޮޓޯ: އެމްއެމް

އާއްމުން ޝަކުވާ ހުށަހެޅުމަށް އުފެއްދި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ އިސް ވެރިއަކަށް ޑރ. މުޙައްމަދު މާހިދު ޝަރީފް އައްޔަންކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް ޑރ. މާހިދު ޝަރީފް އައްޔަންކުރެއްވީ މިނިސްޓަރުގެ ފެންވަރުގައެވެ. 

މަޤާމަށް ޑރ. މާހިދު ޝަރީފް އައްޔަންކުރެއްވީ 18 މޭ 2026 ގައެވެ. 

ޑރ. މާހިދު ޝަރީފްގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ، މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ މުހިންމު ފިޔަވަޅެކެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެކެވެ.

މި އޮފީސް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އިޢުލާންކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރެވޭނެއެވެ.

ޑރ. މާހިދު ޝަރީފަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރކަން އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. 

މި މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް އެމަނިކުފާނު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ގެ މަޤާމުގައެވެ. ޑރ. މާހިދު ޝަރީފް ވަނީ ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓަރ މެނޭޖްމަންޓްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު