ENGLISH
21 މޭ 2026
މަސްވެރިންނަށް ހަގީގީ މަންފާ ލިބޭ ފަދަ ބަދަލުތަކެއް ގެނެސްދެނީ މި ސަރުކާރުން: މެންބަރު އަސަދުﷲ
21 މޭ 2026
|
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެންބަރު، އަސަދުﷲ ޝިހާބު
އެންމެ މަޤްބޫލު
ރާއްޖޭގެ މަސްވެރިންނަށް ބިނާކުރަނިވި ހަގީގީ މަންފާއެއް ލިބޭ ފަދަ ބަދަލުތަކެއް ގެނެސްދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީިހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު، އަސަދުﷲ ޝިހާބް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްވަމުން މެންބަރު އަސަދުﷲ ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ބިނާކުރަނިވި ހަގީގީ ތަރައްޤީއެއް ގެނެސްދީފައިވާ ކަމަށެވެ. އަދި އެކަން ރައްޔިތުންވެސް ގަބޫލުކުރާ ކަމަށް މެންބަރު ވިދާޅުވިއެވެ.
"މިހާރު މި ފެންނަނީ މިއީ ބިނާކުރަނިވި ތަރައްޤީއަކީ. މިދިޔަ ސަރުކާރުން ދެއްކީ ވަރަށް އަންރިއަލިސްޓިކް ވާހަކަތަކެއް މަސްވެރިންނަށް ބިނާކުރަނިވި ހަގީގީ މަންފާ ލިބޭފަދަ ބަދަލުތަކެއް ގެންނަނީ މި ސަރުކާރުުންކަން ރައްޔިތުން ގަބޫލުކުރޭ" މެންބަރު އަސަދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު ވަނީ ނިމިދިޔަ ސަރުކާރާއި ރައީސް މުއިއްޒުގެ ސަރުކާރާއި އަޅާކިޔައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން މެންބަރު ވިދާޅުވީ މަސްވެރިންނަށް ހެޔޮ ބަދަލުތައް ގެނެސްދޭނެ ކަމަށް ބުނެ ކުރީ ސަރުކާރުން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުން މަސްވެރިންނަށް ކޮށްދެމުން އަންނަ ކަންކަން ފާހަގަކުރައްވައި މެންބަރު ވަނީ ތައުރީފުކުރައްވާފައެވެ.
މެންބަރު ވިދާޅުވީ، މި ސަރުކާރާއި ހަވާލުވިއިރު މަސްވެރިން ތިބީ ވަރަށް ހާލުގައި ކަމަށެވެ. އަދި އެމީހުން މަސްކިރުމަށް ފަހު ފައިސާކޮޅު ލިބޭނެ ކަމުގެ ޔަގީންކަމެއް އޭރުގެ ސަރުކާރުގައި ނެތް ކަމަށް ފާހަގަކުރައްވައި މެންބަރު އިތުރަށް ވިދާޅުވީ، މި ސަރުކާރު އައިސް ގެނައި ބަދަލުތަކާއެކު މިހާރު މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި މަސްކިރުވައި ފައިސާ ލިބިގެންދާ ކަމަށެވެ. މިއީ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން، އެވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންކަން ފާހަގަކޮށްލެވެއެވެ.