ENGLISH

13 މޭ 2026

Advertisement

ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއް: މިނިސްޓަރު ހީނާ

13 މޭ 2026

|

އަޙުމަދު ޙަމީދު

މިނިސްޓަރު ހީނާ --

ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއް ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ކޯޓްގެ ހުރުމަތް ކެނޑި ދެ ނޫސްވެރިއަކަށް ޖަލު ޙުކުމެއް އިއްވުމުން ހަޤީޤަތް އޮޅުވާލަން އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ހީނާ ވިދާޅުވި ގޮތުގައި މިއަދު މިއުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެންނެއް ނޫން. ނިގުޅައިގަނެގެން އަތުލައިގަނެގެނެއްނޫނެވެ. މިއަދު މިއުޅެނީ އެ ޙައްޤުތައް އޭގެ އެއްވެސް ޙައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކޮށްގެން ކަމުގައި ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާއާއި ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަކަށް ކޯޓަކަށް ނުގެންދޭ. ޖަލަކަށްވެސް ނުލާ. އަދި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތުވެސް ލިބޭ," ހަޤީޤަތް ސާފުކޮށް ދެއްވާ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަކު ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރުއްވާފައި އޮތުމުން އެއަށް ޢަމަލު ނުކުރައްވާ ހިތު ހުރިގޮތަކަށް އެ އަމުރާ ޚިލާފުވާން ފުރުޞަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ލިބިވަޑައެއްނުގަންނަވާ ކަމަށެވެ.

މިޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން ކަމަށްވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާ އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ ކަމަށެވެ. އަދި ވިދާޅުވީ ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔާ ޒިއްމާދާރު ކުރެވޭނެ," ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ފުޅާކޮށް ޖާގަ ދެއްވާކަން ފާހަގަ ކުރައްވާ ކުރީން ރައީސް އޮފީހުގެ ތަރުޖަމާން ކަން ވެސް ކުރެއްވި އަދި މީޑިއާއާ ވަަރަށް އެކުވެރި މިނިސްޓަރު ހީނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު