ENGLISH

12 މޭ 2026

Advertisement

މަސްވެރިންނަށް މިއަދު 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

12 މޭ 2026

|

މުޙައްމަދު އަދުހަމް

މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނައިރު، 54 ދޯންޏަކަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހުގެ 10 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 2،030،147ރ. (ދެ މިލިއަން ތިރީސް ހާސް އެއްސަތޭކަ ސާޅީސް ހަތް ރުފިޔާ) އެވެ.

މީގެތެރެއިން، އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަސް ކިރުވި 32 ދޯންޏަކަށް 1،998،872ރ. (އެއް މިލިއަން ނުވަ ލައްކަ ނުވަދިހަ އަށްހާސް އަށްސަތޭކަ ހަތްދިހަ ދެ ރުފިޔާ) އެވެ. 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 01 ދޯންޏަށް 1،100ރ. (އެއްހާސް އެއްސަތޭކަ ރުފިޔާ) ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 08 ދޯންޏަކަށް ވަނީ 30،175ރ. (ތިރީސް ހާސް އެއްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ޖަމާކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ. 

އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.

ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށީ ޖަނަވަރީ މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ. ޖަނަވަރީ 11 ވަނަ ދުވަހު މިފްކޯއިން ކިރުވަން ފެށީ 15 ކިލޯއަށްވުރެ މަތީ ކަންނެއްޔެވެ. އޭގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިންވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލިވެސް ކިރުވަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު