ENGLISH
12 މޭ 2026
އިންޝުއަރެންސްއަކީ ކުޅިވަރުގެ އޮނިގަނޑަށް ލިބިގެން އައި އިތުރު ފުރިހަމަކަމެއް: ވަޒީރު ރާފިޢު
12 މޭ 2026
|
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ކުޅުންތެރިންނަށް ދެމުން އަންނަ ޚާއްސަ ހެލްތު އިންޝުއަރެންސްއަކީ މުޅި ކުޅިވަރުގެ އޮނިގަނޑަށް ލިބިގެން އައި އިތުރު ފުރިހަމަކަމެއް ކަމަށް ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅުންތެރިންނަށް ޚާއްސަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން ފެށިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ މި އަހަރުގެ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހެވެ. ސަރުކާރުގެ މި ނިންމެވުމާއެކު، ކުޅިވަރު އެތުލީޓުންނަށް އިންޝުއަރެންސްއަކީ އެ މީހުންގެ ކެރިއަރާއި، މާލީ ރައްކާތެރިކަމާއި، އަދި ސިއްހަތު ހިމާޔަތްކުރުމަށްޓަކައި ލިބޭ ޚިދުމަތަކަށް ވެގެންދިޔައެވެ. ކުޅިވަރުގެ ތެރޭގައި ދިމާވާ އަނިޔާތަކަކީ އެތުލީޓެއްގެ މުޅި ކެރިއަރު ނިމުމަކަށް ގެނުވަފާނެ ކަންކަމަށް ވާތީ، މިފަދަ ހާލަތްތަކުގައި ސަރުކާރުގެ އެހީތެރިކަން ލިބެން ފެށުމަކީ އެތުލީޓުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ. އެތުލީޓުންގެ އަތުގައި ހިފައިގެން ސަރުކާރުން ކުރިމަގަށް ކޮށައިދިން މަގެކެވެ.
އެމްއެމް ޓީވީން ގެނެސްދިން "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ގައުމީ އެތުލީޓުންނާއި އޮފިޝަލުންނަށް އިންޝުއަރެންސް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޚާއްސަކޮށް މީގެ މުހިންމުކަން ފާހަގަކުރެވިގެންދިޔައީ ރާއްޖެއިން ބޭރުގައި ކުޅޭ ބޮޑެތި މުބާރާތްތަކުން ލިބޭ އަނިޔާއާ ގުޅިގެން ކަމަށާއި، މިފަދަ މުބާރާތްތަކުގައި ރާއްޖޭގެ ސީނިއަރ ކުޅުންތެރިންނަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިގެން ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެހެންނަމަވެސް އެ ގައުމުތަކުގައި އެކަމަށް ކުރަން ޖެހޭ ފަރުވާއަކީ ވަރަށް އަގުބޮޑު ފަރުވާއެއް. އެމަރޖެންސީކޮށް އޮޕަރޭޝަންވެސް ކުރަން ޖެހިދާނެ. އެހެންކަމުން އެ ޚަރަދު ކުރެވޭނެ ނިޒާމެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް." - ވަޒީރު ރާފިޢު ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ 385 ބޭފުޅުންނަށް (އެތުލީޓުންނާއި އޮފިޝަލުން ހިމެނޭ ގޮތަށް)، 18 ކުޅިވަރު އެސޯސިއެޝަނަށް އިންޝިއަރެންސް ލިބޭނެ ގޮތް ހަމަޖައްސައިދީފައެވެ.
ވަޒީރު ވިދާޅުވީ މިއީ ކުޅިވަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އެ ކުޅުންތެރިންނަށް އަނިޔާއެއް ލިބުނު ނަމަވެސް، އެކަމަށް ފަރުވާ ކުރެވޭނެ ނިޒާމެއް ހަމަޖެހިފައި އޮތްކަން އެނގުމުގެ ސަބަބުން އެތުލީޓުންނަށް ވަރަށް ބޮޑު ކޮންފިޑެންސެއް ލިބިގެންދާނެ ކަމަށެވެ.
"މިސާލަކަށް ކުޅިވަރު ކުޅޭ ކުއްޖަކަށް އަނިޔާއެއް ލިބިގެން އޮޕަރޭޝަނެއް ކުރަން ޖެހުނީ، އެ ކުއްޖާ ސްކޮޑުން ބޭރުވި ކަމުގައި ވިޔަސް، އެ ކުއްޖާއަށް އިންޝުއަރެންސް ސްކީމުގެ ތެރެއިން ލިބެންޖެހޭ ފަރުވާ (އެއީ އަޮޕަރޭޝަނެއް ކަމުގައި ވިޔަސް، ފިޒިއޮތެރަޕީ ކަމުގައި ވިޔަސް، އަދި އެހެނިހެން ކަމެއް ކަމުގައި ވިޔަސް) އަޅުގަނޑުމެންނަށް ފަހިކޮށްދެވޭނެ." - ވަޒީރު ރާފިޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މީގެ ސަބަބުން ލިބުނު ފައިދާތައް ވަރަށް ގިނަ ކަމަށާއި، އަދި މިއީ ކުޅިވަރުގެ އޮނިގަނޑަށް ލިބިގެން އައި އިތުރު ފުރިހަމަކަމެއް ކަމަށެވެ.
ކުޅުންތެރީންނަށް ޚާއްސަ މި ހެލްތު އިންޝުއަރެންސްގެ ތެރޭގައި ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެއެވެ.