ENGLISH
10 މޭ 2026
ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އަގުވަޒަންކުރެވޭ ކުއްޖަކަށް ހެދުމަށް ތައުލީމީ ވަޒީރު އިލްތިމާސްކުރައްވައިފި
10 މޭ 2026
|
ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އަގުވަޒަންކުރެވޭ ކުއްޖަކަށް ހެދުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައި. ފޮޓޯ؛ ތައުލީމީ ވުޒާރާ
އެންމެ މަޤްބޫލު
ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އަގުވަޒަންކުރެވޭ ކުއްޖަކަށް ހެދުމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު އިލްތިމާސްކުރައްވައިފި އެވެ.
ރާއްޖޭގެ އެންމެހައި ކިޔަވާކުދިންނަށާއި، އެކުދިންގެ ހިތްތަކުގައި އުންމީދު އާލާކޮށްދެއްވާ މުދައްރިސުންނާއި، ބެލެނިވެރިންނަށް ކުޑަކުދިންގެ ދުވަހުގެ އިހުލާސްތެރި ތަހުނިޔާ ފޮނުއްވައި އެމަނިކުފާނު ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ، މުޖުތަމައުގެ ޒިންމާއަކީ އެކުދިންގެ ސިކުނޑިތައް އިލްމުން މުއްސަނދިކުރުމުގެ އިތުރުން، އެކުދިންގެ ހިތްތައް ހިތްހަމަޖެހުމާއި އަމާންކަމުން ފުރާލަދިނުން ކަމަށެވެ.
ހިކުމަތްތެރިކަމާއެކު ކަންކަން ދަސްކޮށްދީ ހެޔޮ ނަމޫނާ ދެއްކުމަކީ ކުއްޖާގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުބޮޑު އިންވެސްޓްމަންޓްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިންގެ ދުވަހު އަޅުގަނޑުމެން އާކުރަންވީ އަޒުމަކީ، ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އަގުވަޒަންކުރެވޭ، ރައްކާތެރިކަން ލިބިގެންވާ، އަދި އުފާވެރިކަމާއެކު ހެދިބޮޑުވާ ކުއްޖަކަށް ހެދުން ކަމަށެވެ.
"އަޅުގަނޑުމެން މިއަދު އެކުދިންނަށް ދައްކާ ނަމޫނާއަކީ، މާދަމާގެ ދިވެހި ގައުމުގެ އުޖާލާ ތަސްވީރު،". ވަޒީރު ވިދާޅުވިއެވެ.
ޑރ. ޝަފީއު ވިދާޅުވީ، ކުޑަކުދިންގެ ދުވަހަކީ ހަމައެކަނި އުފާފާޅުކުރުމުގެ މުނާސަބަތެއް ނޫން ކަމަށާއި އެއީ މާތްﷲ އެންމެންނާ ހަވާލުކުރެއްވި އެންމެ މާތް އަމާނާތް ކަމުގައިވާ، އަހަރެމެންގެ ލޯބިވާ ދަރިންގެ ހައްގުތަކާއި، އެކުދިންގެ ހުވަފެންތަކާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއް ކަމަށެވެ.
"ކުޑަކުދިންނަކީ މުޖުތަމައުގެ "ލޯގަނޑެވެ. އެކުދިންނަކީ އަޅުގަނޑުމެންގެ ބަސްމަގާއި، އަގުތަކާއި، އަދި އަހުލާގީ މިންގަނޑުތައް އެންމެ ފުރިހަމައަށް ނަކަލުކުރާ މައުސޫމް ފުރާނަތަކެއް،". ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ކުއްޖަކު ހެދިބޮޑުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެކުއްޖަކު އުޅޭ މާހައުލު ކަމަށްވާއިރު، ހިތްހަމަޖެހުމާއި، ތަރުހީބާއި، އަދި ރައްކާތެރިކަން ލިބޭ "ހިތްފަސޭހަ" މާހައުލެއްގައި ބޮޑުވާ ކުއްޖަކީ، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލާން ކެރޭ، ހިކުމަތްތެރި މީހަކަށް ވާނެ އެވެ.
އަހަރެމެންގެ ޒިންމާއަކީ އެކުދިންގެ ސިކުނޑިތައް އިލްމުން މުއްސަނދިކުރުމުގެ އިތުރުން، އެކުދިންގެ ހިތްތައް ހިތްހަމަޖެހުމާއި އަމާންކަމުން ފުރާލަދިނުންކަމަށާއި ހިކުމަތްތެރިކަމާއެކު ކަންކަން ދަސްކޮށްދީ ހެޔޮ ނަމޫނާ ދެއްކުމަކީ ކުއްޖާގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުބޮޑު އިންވެސްޓްމަންޓްކަން ވަޒީރު ހަނދާންކޮށްދެއްވާފައި ވެއެވެ.
ޕޯސްޓު ނިންމާލައްވަމުން ވަޒީރު ވިދާޅުވީ ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އަގުވަޒަންކުރެވޭ، ރައްކާތެރިކަން ލިބިގެންވާ، އަދި އުފާވެރިކަމާއެކު ހެދިބޮޑުވާ ކުއްޖަކަށް ހެދުމަށް މިއަދު އަޒުމް ކަނޑައަޅަންޖެހޭކަމަށެވެ.