ENGLISH

10 މޭ 2026

Advertisement

އައްޑޫ ބިޒްނަސް ޑައިލޮގް؛ ދެކުނުގެ ވިޔަފާރިތަކަށް އައު އުދަރެސްތަކެއް ހުޅުވައިދޭނެ ބައްދަލުވުމެއް

10 މޭ 2026

|

ޝިފްޒާން އަޙްމަދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ހިނގަމުންދާ މޭ މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިސްނަގައިގެން އައްޑޫ ސިޓީގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ އައްޑޫ ބިޒްނަސް ޑައިލޮގަކީ އައްޑޫ ސިޓީގެ އިތުރަށް ދެކުނުގެ ހަތަރު އަތޮޅުގެ ތަރައްގީއާއި ކުރިއެރުމަށް މުހިއްމު ގިނަ މަޝްވަރާތަކެއް ކުރެވި، މަގުތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ބައްދަލުވުމެކެވެ. 

އިގުތިސާދީ ވުޒާރާއިން އިއުލާނުކޮށްފައިވާ ގޮތުން މި ބައްދަލުވުމުގައި ސަރުކާރުގެ މުހިއްމު ވުޒާރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިތުރަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި މާލީ ވުޒާރާ ހިމެނެއެވެ. 

މި ވުޒާރާތަކުުން ސަރުކާރުގެ ސިޔާސަތުތައް ތަފުސީލުކޮށް ކިޔައިދޭނެއެވެ. ދެކުނުގެ އަތޮޅުތަކުގެ ތަރައްގީއާމެދު ސަރުކާރުން ކުރަހާފައިވާ ތަސައްވުރު ހުށަހަޅައިދީ އެ ސަރަހައްދުގައި އިގުތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ބުނެދޭނެއެވެ. އަދި އެމަށްޓަކައި ފަހިކުރެވެމުންދާ ފުރުސަތުތަކާއި، ވިޔަފާރިތަކަށް ދެވޭނެ އިނާޔަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެވޭނެއެވެ. 

ދައުލަތުގެ ވުޒާރާތަަކާއި އިދާރާތަކުގެ އިތުރަށް އައްޑޫއާއި ދެކުނުގެ ވިޔަފާރިތަކުގެ އިތުރަށް އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިތަކާއި އިންވެސްޓަރުން މި ފޯރަމުގައި ބައިވެރިވާނެއެވެ. އެހެންކަމުން ވިޔަފާރި ފެށުމާއި ފުޅާކުރުމުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި، ސިޔާސަތުތަކަށް ގެނެވިދާނެ ބަދަލުތަކާއި، އިތުރަށް ވިޔަފާރި ފުޅާކޮށް އިގުތިސާދީ ފުރުސަތުތައް ފަހިކުރުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަަޅުތަކާ ގުޅޭ ގޮތުން އެ ވިޔަފާރިވެރިންނާއި ވުނޭރުންނަށް ދައުލަތުގެ އިދާރާތަކާއެކު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު މި މަންސައިން ލިބޭނެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން އައްޑޫ ސިޓީގައި ވިޔަފާރިތައް ކުރިއެރުވުމަށް 2027 ވަނަަ އަހަރުން ފެށިގެން 2029 ވަނަ އަހަރުގެ ނިޔަލަށް މުހިއްމު ލުއިތަކެއް ދެއްވާނެކަން އެމަނިކުފާނު އިއުލާނުކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގައެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ލުއިތައް ދެއްވުމުގެ މައިގަނޑު މަގުސަދަކީ އައްޑޫ އަދި ދެކުނުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކޮށްް، ދެކުނުގައި އިގުތިސާދީ ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރުމުގެ ފުރުސަތުތައް އުފަންކުރުމެވެ. 

މި ފޯރަމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އެގޮތުން މިހާރުވެސް ގިނަ އަދަދެއްގެ ވިޔަފާރިވެރިން މި ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ. އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާއި އިންވެސްޓަރުންނަށް ލިބޭ ލުއިތަކާ ގުޅޭ މައުލޫމާތުތައް ހޯދުމަށް މި ފޯރަމަކީ އަގުހުރި ފުރުސަތެކެވެ. 

އައްޑޫގައި ބާއްވަން ނިންމާފައިވާ ފޯރަމަކީ ފެށުމެކެވެ. ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމަށްް އެ ސަރަހައްދުތަކުގެ ވިޔަފާރިވެރިންނާއި ސަރުކާރުގެ އިދާރާތައް އެއްތަނަކަށް ޖަމާވެ ހިޔާލު ބަދަލުކޮށް މަޝްވަރާކުރެވޭނެ މިފަދަ ފޯރަމްތަކެއް ސިލްސިލާ ގޮތެއްގައި ބޭއްވުމެވެ. 

ރާއްޖޭގެ ތަރައްގީގައި ސަރުކާރުން އަމާޒު ހިފާފައިވަނީ ސަރަހައްދީ ތަރައްގީގެ ތެރެއިން ޖުމްލަ ގައުމީ ތަރައްގީއާއި ކުރިއެރުން ހާސިލުކުރުމަށެވެ. އެކަމަށްޓަކައި ވަކިވަކި ސަރަހައްދުތައް ހާއްސަ ސަމާލުކަމެއްދީގެން ތަރައްގީކުރުމާއި ސަރަހައްދުތަކުގެ ތަރައްގީގެ ނާރެހުގެ ގޮތުގައި އާބަން މަރުކަޒުތައް ގާއިމުކޮށް އެތަންތަން ކުރިއެރުވުމަކީ ރައީސް ޑރ.މުޢިއްޒުގެ ގައުމީ ތަރައްގީގެ ތަސައްވުރުގައި ހިމެނޭ މުހިއްމު ބައިތަކެވެ. 

ކިޔުންތެރިންގެ ހިޔާލު