ENGLISH

06 މޭ 2026

Advertisement

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މިއަދު

06 މޭ 2026

|

އައިމިނަތު ޝަފާ

އިލެކްޝަން ކޮމިޝަނުގެ އިދާރާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މިއަދު ބޭއްވުމަށް ނިންމައިފި އެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ އެންމެ ބޮޑު ދެ ޕާޓީކަމުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މިއަދު 10:00 ގައި އިންތިޚާބާ ބެހޭ މަރުކަޒު، ޓްރެއިނިންގ ހޯލުގައި އޮންނާނެ ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަަމަ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ 19 އޭޕްރީލުވަނަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށެވެ. ނަމަވެސް ފަހުން މުއްދަތު އިތުރުކޮށް މޭ މަހުގެ ދެވަނަ ދުވަހުގެ 15:00 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ދިނެވެ. 

ޕީއެންސީގެ ފަރާތުން މި ބައި-އިލެކްޝަނުގައި ވާދަކުރައްވާނީ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދެވެ. އެމްޑީީޕީން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އެވެ. 

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެ ބައި-އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ކަނޑައަޅައި އޭނާގެ ކިބައިން މެންބަރުކަމުގެ ޝަރުތު އުނިވެފައިވާކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު