ENGLISH
06 މޭ 2026
ބިދޭސީންގެ މައްސަލަ ހައްލުކުރުން؛ ވަށާޖެހޭ ސިޔާސަތެއް ތަންފީޒުކުރެވި ނަތީޖާ ދަނީ ފެންނަމުން
06 މޭ 2026
|
ބިދޭސިންތަކެއް ދިރިއުޅޭ ތަނެއް ބަލައިފާސްކުރަނީ، ފޮޓޯ: އިމިގްރޭޝަން
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިވެހި ނައުގެ ހުންގާނުގައި ހިއްޕަވައި ގައުމީ އޮޑީގެ މިސްރާބު ބަދަލުކުރެއްވީ ވަށައިގެން ފުނިޖެހިފައި އޮތް މައްސަލަތަކުގެ ކަނޑުގައި ފައްސި ދަތުރެއްކުރައްވައި އެއިން ކޮންމެ މައްސަލައެއް ހައްލުކުރައްވައި ގިރާކުރެއްވުމުގެ ގަދަ އަޒުމާއެކުއެވެ. އެއިން އެއް މައްސަލައަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައެވެ.
މި މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ. 1990 އިން ފެށިގެން 2020 ގެ އަހަރުތަކާ ހަމައަށްވެސް އަޅައިނުލެވި އިހުމާލުވެވިފައި އޮތުމުގެ ސަބަބުން ބޮޑުވަމުން ފުޅާވަމުން އައި މި މައްސަލަަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން އެކި މިންވަރަށް މަސައްކަތްކުރި ނަމަވެސް ވަށާޖެހޭ ސިޔާސަތެއް އެކުލަވައިލެވި ތަންފީޒުކުރެވިފައި ނެތެވެ. ނަތީޖާއެއްގެ ގޮތުން ޒަމާނުގެ ސަފުހާތައް އުކެމުންދިޔައިރު، މައްސަލަ ދިޔައީ ބޮޑުވަމުންނެވެ.
ރައީސް ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ދިވެހި ސަރުކާރަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދެއް ނޭނގެއެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދަކީ ކޮބައިކަން އަދި އެމީހުން މަސައްކަތްކުރަނީ ކޮން ތަނެއްގައިކަން، ރާއްޖެއަށް އެމީހުން ގެނައީ ކޮން ބައެއްކަން ދިވެހި ސަރުކާރަކަށް ނޭނގެއެވެ. މައުލޫމާތުގެ ނެތުމުގެ ހުސްކަންވީ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް އޮތް ބޮޑު ހުރަހަކަށެވެ. އެހެންކަމުން މައްސަލައިގެ ހައްލުގެ މަސައްކަތް ފެއްޓެވީ އެ ހިސާބުންނެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއް ފަހުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު އޮޕަރޭޝަނެއް ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއިން ފެށިއެވެ. އޮޕަރޭޝަނުގެ މަގުސަދަކީ ރާއްޖޭގައި ތިބި ބިދޭސީންގެ ބައޯމެޓްރިކް ޑާޓާ އެއްކުރުމެވެ. ފޮޓޯއާއި ދިހަ އިނގިލީގެ ނިޝާނު ނެގިއެވެ. އެމީހުން ދިރިއުޅޭ ތަންތަނާއި އަދާކުރާ ވަޒީފާއާއި އެމީހުންނާ ޖާމިނުވެގެން ތިބި މީހުންނަކީ ކޮބައިކަން ދައުލަތަށް އެނގޭނެ ގޮތަށް މި މައުލޫމާތު ރައްކާކުރެވުނެވެ. ކޮންމެ ރަށެއްގަައި އެ މައުލޫމާތު ނަގައި ބެލެހެއްޓޭނެ އިންތިޒާމު ގާއިމުކުރެވި އެ މަސައްކަތް ލާމަރުކަޒުކުރެވުނެވެ.
މި މަސައްކަތުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން 2،933 މީހަކު ފިޔަވައި އެންމެންގެ ބައޯމެޓްރިކް ޑޭޓާ އެއްކޮށް ނިންމައިލެވިފައިވެއެވެ. ޖުމްލަ 206،000 އަށްވުރެ ގިނަ ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ ސަރުކާރުން އެއްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަން ފެށިއިރު ރާއްޖޭގައި ހުއްދަ ދީފައިވާ ބިދޭސީންގެ ތެރެއިން ގަވާއިދާ އެއްގޮތަށް ތިބީ އެންމެ 28.9 އިންސައްތަ މީހުންނެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ނިސްބަތް 62 އިންސައްތައަށް އިތުރުވެއްޖެއެވެ.
މިއީ ރެގިއުލަރަައިޒްކުރުން ނުވަތަ ގަވާއިދުގެ ތެރެއަށް ބިދޭސީން ފެއްތުމުގައި ސަރުކާރަކުން މިހާތަނަށް ހާސިލުކުރި އެންމެ ބޮޑު ކާމިޔާބެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.
ބިދޭސީން ރެގިއުލަރައިޒްކުރުމާއެކު ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ބިދޭސީން ހޯދައި ފިޔަވަޅުއެޅުމުގައިވެސް މި ސަރުކާރުން ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްފައި ނެތް މިންވަރަށް މަސައްކަތްކޮށްފިއެވެ. ކުށުގެ ވެށީގައި ޝާމިލުވާ ބިދޭސީން ހޯދައި ރާއްޖެއިން ފޮނުވައިލުމާއި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އެކި ވިޔަފާރިތައް ކުރަމުންއައި ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވައި އެމީހުންވެސް ރާއްޖެއިން ފޮނުވާލާފައިވެއެވެ.
މި މަސައްކަތުގެ ތެރެއިން ނޮވެންބަރު 17، 2023 ވަނަ ދުވަހުން ފެށިގެން ބައޯމެޓްރިކް ޑޭޓާ ނުދީ އުޅުނު 228 ބިދޭސީންނާއި، ގަވާއިދާ ހިލާފަށް އުޅުނު 11،496 ބިދޭސީއެއް ރާއްޖެއިން ފޮނުވައިލެވިފައިވެއެވެ. އޭގެ ކުރީ ފަސް އަހަރު ރާއްޖެއިން ފޮނުވައިލެވިފައިވަނީ އެންމެ 2،649 ބިދޭސީންނެވެ.
އޮޕަރޭޝަން ކުރަނގީގެ ފުރަތަމަ މަރުހަލާ ނިންމައިލެވި، ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވިފައިވާއިރު، ދެން އޮތް މަރުހަލާއަކީ ފުރަތަމަ މަރުހަލާގައި ލިބުނު ފުރުސަތުތައް ބޭނުންނުކުރި ބިދޭސީން ހޯދައި ރާއްޖެއިން ފޮރުވައިލުމެވެ. އެ މަރުހަލާގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރެގިއުލަރައިޒްކުރުމާއި، އެމީހުންނަށް ގާނޫނީ ގޮތުން ކަށަަަވަރުވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އުޅޭ މީހުން ދެނެގަނެ އެމީހުން ރާއްޖެއިން ފޮނުވައިލުމުގެ މަސައްކަތް މިހާރު ކުރެވެމުންދަނީ ލާމެހިފައިވާ ނިޒާމެއްގެ ތެރެއިންނެވެ.