ENGLISH
06 މޭ 2026
ރައީސް ލަންކާއިން ފުރާވަޑައިގެންފި؛ ޝުކުރު އަދާކުރެއްވުމާއެކު ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޔަގީންކަން އެރުވި
06 މޭ 2026
|
ސްރީލަންކާގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ސޯޝަލް މީޑިޔާ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެ ގައުމުން ފުރާވަޑައިގަންނަވަމުން، އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އަދި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންގެ މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވުމާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެއްޖެއެވެ.
މޭ މަހުގެ ތިންވަަނަ ދުވަހުން ހަވަނަ ދުވަހަށް ލަންކާއަށް ރައީސް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޑިސަނާޔަކެގެ ދައުވަތުފުޅަކަށް ކުރެއްވި ފުރަމާނަަ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ރައީސުންގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމާއެކު، ރާއްޖެއާއި ސްރީލަންކާގެ މެދުގައި ހަތް ދާއިރާއަކުން އެއްބާރުލުންދިނުން އިތުރުކުރުމަށް މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރެވުނެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސްވަނީ ލަންކާގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ލަންކާގައި ދިރިއުޅޭ ދިވެހިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެމީހުންނަށް ބޮޑުވެފައި ހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އެގޮތުން ލަންކާގައި ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ގާއިމުކޮށްދެއްވާނެ ކަމުގައި ވިދާޅުވުމާއެކު، ލަންކާގައި ހުންނަ ސޯސަންވިލާގެ ހިދުމަތްތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ދަތުރުފުޅު ނިންމަވައިލެއްވިކަން އިއުލާނުކުރައްވައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގަންނަވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމު އައުކުރައްވަމުން ކަމަށެވެ.
އަދި ލަންކާ ސަރުކާރާއި އެގައުމުގެ ރައްޔިތުން އެމަނިކުފާނާއި އަނބިކަނބަލކުނ އަދި އަރިހުގައި ވަޑައިގެންނެވި ވަފުދާމެދު ބެހެއްޓެވި މެހެމާންދާރީއާއި ދެއްކެވި ގާތް ރަހުމަތްތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސް ޑިސަނާޔަކެއާއި އެ ގައުމުގެ ބޮޑުވަޒީރު ޑރ.ހަރިނީ އަމަރަސޫރިޔާއާއެކު އެކި ކަަންކަމުގައި ކުރިއަށްގެންދެވުނު ބިނާކުރަނަވި މަޝްވަަރާތަކުން އިތުބާރާއި ޔަގީންކަން އިތުރުވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ބޭފުޅުންނާާއެކު އެއްބަސްވެވަޑައިގެންނެވުުނު ކަންކަން ދެ ގައުމުގެ ރައްޔިތުންނަަށް އެއިން މަންފާވަނިވި ނަތީޖާތަކަަށް ބަދަލުކުރެއްވުމަށް އެކުގައި މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ލަންކާއަށް ޝުކުރު ބަރުތީލަކުރައްވަމުން ރައީސްވަނީ އަންނާން އޮތް ޒަމާންތަކަަށް ދެގޮތެއްނުވެ ރާއްޖެއާއި ލަންްކާގެ ގުޅުން ދެމިގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.