ENGLISH

01 މޭ 2026

Advertisement

ވޯޓް ދިނީ މިނިސްޓަރު ރަނގަޅުވީމަ، ދެން މުޒާހަރާ ކުރުމުގެ ބޭނުމަކީ ކޮބާ: އަކްރަމް

01 މޭ 2026

|

އަޙުމަދު ޙަމީދު

އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަކްރަމް ކަމާލުއްދީން

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓްގައި ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދިނީ މިނިސްޓަރު ރަނގަޅުވީމަ ކަމަށާ ދެން މުޒާހަރާ ކުރުމުގެ ބޭނުމަކީ ކޮބާތޯ އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމާއިމެދު އިއްޔެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓްގައި ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވޯޓް ދިނުމުން އެ ޕާޓީގެ ދެ ފެކްޝަންގެ މެދުގައި ކޯޅުން ބޮޑުވެ ތަފާތު ތުހުމަތުތަކާއި އެކު އެ މެމްބަރުންނަށް ފުރައްސާރަ ވަނީ އަމާޒުކޮށްފަ އެވެ.

އަކްރަމް މިއަދު ވިދާޅުވީ ޕާޓީގެ ޤަވާއިދުގައި ބުނަނީ ޕީޖީ ގްރޫޕުން މަޖިލިހުގައި ވޯޓުދޭއިރު ޕާޓީގެ ސިޔާސަތުތަކަށް ބާރު އަޅަންވާނެ ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދޭން އެމްޑީޕީން ނިންމިއިރު އެ ޕާޓީގެ ރައީސް ޝާހިދުއާ މަޝްވަރާ ކުރެއްވިތޯ ސުވާލު ކުރެެއްވި އެވެ.

އަކްރަމް ވަނީ ހޯމް މިނިސްޓަރު އިހްސާނަށް ރުހުންދޭން ވޯޓް ދިނުމުން ޑީއެންއާރުގެ ކާޑު މައްސަލަ އާއި އަދަދު ނޫހާމެދު ހޯމް މިނިސްޓަރ ކަންކަން ކުރެއްވީ ރަގަޅަށް ކަމަށް ނިންމެވުނީ ކަމަށެވެ. އެހެން ކަމުން ރޭގަނޑު ނިކުމެ މުޒާހަރާ ކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރެއްވި އެވެ.

އޭނާ ވަނީ އެމްޑީޕީގެ ޗެއަޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމްގެ ޤާބިލު ކަމާ އަދި އިންޓަގްރިޓީ އާއިމެދު ސުވާލު އުފެދޭ ކަަމަށްވެސް ވިދާޅުވެފަ އެވެ.

ވަޒީރުންގެ ވޯޓްގައި މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އާއި ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދާއި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރާއި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވަނީ ގިނަ ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް ވޯޓް ދެއްވާފަ އެވެ.

އެ މެންބަރުން ވޯޓް ދިން ގޮތާއިމެދު ހިތްހަަމަނުޖެހި އެމްޑީޕީގެ ނަޝީދު ފެކްޝަންގެ ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ނަޝީދުގެ ވަފާތެރި މެންބަރުން ދަނީ ވަރަށް ޒާތީކޮށް އަދި ތަފާތު ތުހުމަތުތައް އަމާޒުކޮށް ވާހަކަ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު