ENGLISH

01 މޭ 2026

Advertisement

ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލުން: ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަނީ

01 މޭ 2026

|

އަޙުމަދު ޙަމީދު

ސައިކަލުގައި ރޯކޮށްލާފައި --

ށ. ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާ ހިނގި ހާދިސާއާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ ތަހުޤީޤަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިއީ ފުލުސް އޮފިސަރަށް އަމާޒުކޮށްގެން ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށާ މި ހާދިސާގައި ސައިކަލު ބޭނުންނުކުރެެވޭ ވަރަށް އަންދާލާފައިވާއިރު އެގޭގެ ގޭޓް ހިމެނޭހެން ގޭގެ ބައެއް ސަރަޙައްދުތަކަށް ގެއްލުންވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންދާ ކަމަށާ މި އަމަލު ހިންގި މީހާ ހޯދާ ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި ބުނީ ޤާނޫނު ތަންފީޒުކުރާ މުވައްޒިފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ މިފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވަނީ ބުނެފަ އެވެ. މިއީ މުޅި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ކަމުގައި ދެކޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުށްކުރާ މީހުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ބިރުދެއްކުމަށް ހިންގަ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށްވެސް ބުންޏެވެ. އަދި ފުލުހުންނަށް އަނިޔާކުރުމާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާމެދު ފަސްޖެހުމެއް ނެތި ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި ބުނީ ޤާނޫނު ނަގަހައްޓައި ފުލުހުންގެ ރައްކާތެރިކަން ކަށަވަރުކޮށް އަމާންކަން ޤާއިމުކުރުމުގައި ފުލުހުންގެ ޚިދުމަތުން ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު