ENGLISH
01 މޭ 2026
މީހަކަށް ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެއް، އޭގެ ސަބަބުން ނަރަކަވަންތަވެރިއަކަށް ވެދާނޭ: ހުކުރު ޚުޠުބާ
01 މޭ 2026
|
އެންމެ މަޤްބޫލު
މީހަކަށް ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި، އެއީ އޭގެ ސަބަބުން ނަރަކަވަންތަވެރިއަކަށް ވެދާނޭ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ!" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ ނަފުސެއް ޙައްޤަކާނުލައި މެރުމަކީ ޙަރާމްކަމެއް ކަމަށެވެ.
މާތް ﷲ މުޞީބާތްތައް ޖައްސަވަނީ އިންސާނާ އިމްތިޙާނުކުރެއްވުމަށް ޓަކައި ކަމަށާއި، އެ އިމްތިޙާނުން ފާސްވާނީ ކެތްތެރީން ކަމަށް ޚުޠުބާގައި ބުންޏެވެ. މުޞީބާތް ޖެހުމުން ކެތްތެރިނުވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވާއިރު، ކެތްތެރީންނަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ ސުވަރުގެކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
"މާތް ﷲއީ އަހަރެމެންގެ މައްޗަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. އިސްލާމްދީނުގައި އެއްވެސް މީހަކަށް، އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ވެސް އަނިޔާވެރިވުމެއް ނުވެއެވެ. އަހަރެމެންގެ ނަފުސަކީ އަހަރެމެން ބޭނުން ގޮތަކަށް އެއާމެދު ޢަމަލުކުރެވޭނޭ އެއްޗެއް ނޫނެވެ. އޭގެ ވެރިފަރާތަކީ މާތް ﷲއެވެ. ނަފުސަކީ އަމާނާތެކެވެ. އަމާނާތަށް ގެއްލުންދިނުން ޙަރާމްވެގެން ވެއެވެ." ޚުޠުބާގައި ބުންޏެވެ.
އިސްލާމްދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ޙުރުމަތްތެރިވެގެންވާ ކަމަށާއި، އެހެންކަމުން، ހަނގާކޮށް، ފުރައްސާރަކޮށް، ހުތުރު ނަންތަކުން ގޮވައި، މަލާމާތްކޮށް އުޅުން އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ގަނާކުރުމަކީ މިއަދު ފެތުރެމުން އަންނަ ވަބާއެއް ކަމަށާއި، އޭގެ ސަބަބުން މަރުވާ މީހުންނާއި ކުޑަކުދީންގެ ޢަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ. މީހަކަށް ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައަކަށްވީއިރު، އެއީ އޭގެ ސަބަބުން ނަރަކަވަންތަވެރިއަކަށް ވެދާނޭ ކަމެއް ކަމުގައި ވެސް ޚުޠުބާގައި ބުންޏެވެ.
"މިއަދު ގަނާގެ ޝިކާރައަށް ވެފައިވަނީ ކިތައްކިތައް މީހުންހެއްޔެވެ! ބިރުދެއްކުމާއި ބަހާއި ޢަމަލުން ލިބޭ އިންޒާރުތަކުގެ ސަބަބުން، މައިންބަފައިންނާއި، މުދައްރިސުންނާއި ރައްޓެހީންގެ ގާތުގައި އެ ވާހަކަ ބުނާން ނުކެރި ތިބެ، ކުށެއް ނެތް ކިތައް ދަރިވަރުން ދުނިޔެ ދޫކުރޭހެއްޔެވެ! އިސްލާމްދީނުގައި ތިމާގެ އަމިއްލަ ނަފުސުދެކެ ލޯބިވާ މިންވަރަށް، ތިމާގެ އަޚާ ދެކެ ލޯބިވެއްޖައުމަށް ދާންދެން އެއްވެސް މީހަކު ފުރިހަމަ މުއުމިނަކަށް ނުވެއެވެ." ޚުޠުބާގައި ބުންޏެވެ.
ދުނިޔެ ބަވަނަވަމުން އަންނައިރު، ކުރިމަތިވާ ގޮންޖެހުންތަކަށް ޖެހިލުންވެ، ހިމޭންނުވުމަށާއި، ފިސާރި ކެރިގެން އެ ކަންކަމާ ދެކޮޅަށް ތެދުވުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ. ގޯނާކުރާ ބައެއް މީހުން، އެ ކަންކުރަނީ ފަރުދާވެތިބެ ކަމަށާއި، އެ ފަދަ މީހުންނަކީ ކޮންބައެއްކަން ނޭނގި ރައްޓެހިނުވުމަށް ޚުޠުބާގައި ބުންޏެވެ.
"އެއީ ކޮންމެ ފަދަ ކެއްސެއް ވެސް ދީފާނޭ ބައަކުކަން ދަންނާށެވެ! ދީނުގެ އިމުގައި ތިބެ، އެ ފަދަ މީހުންނާ މުޢާމަލާތުކުރާށެވެ! ތިމާ ފަޟީޙަތްވެދާނޭ ފަދަ ޒާތީ ސިއްރެއް އެއިން މީހަކަށް ހާމަނުކުރާށެވެ! ލަހެއްފަހެއް ނުވެ އެމީހަކު ތިބާ ފަޟީޙަތްކޮށްލައިފާނެތީއެވެ. ދެން އޭނާ ތިބާއަށް ބިރުދައްކައި، އިންޒާރުދޭން ފަށައެވެ. އޭރުން މީހެއްގެ ގާތުގައި އެ ވާހަކަތައް ކިޔައިދޭން ވެސް ނުކެރި، އެއިން ސަލާމަތްވާނޭ މަގެއް ނުފެނި، ތިބާއަށް ގޮތްހުސްވެއެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ބެލެނިވެރީން ދަރީންގެ ކަންކަން ގާތުން ބެލުމަށް ހަނދާންކޮށްދެމުން ކެހިވެރީންގެ ނުބައި ރޭވުންތަކުން ރެކޭނޭ މަގުތައް ބުނެދިނުމަށް އިލްތިމާސްކޮށްފައެވެ. ދިމާވާ ހާސްކަމަކާއި ކަންބޮޑުވުމަކާ ގުޅިގެން ވިއަސް އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ އޭގެ ޙައްލުނޫންކަން ބުނެދިނުމަށާއި، ދީނީގޮތުން އެ ކަންކަން އޮތް ގޮތް ބުނެދީ، މުދައްރިސުން ދަރިވަރުންނަށް މަޢުލޫމާތުދީ އެ ކުދީން ހޭލުންތެރިކުރުވުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ. މުނާސަބު ވަގުތުގައި އެކަށިގެންވާ އިރުޝާދުދިނުމަށްފަހު އެ ކުދީންނާ ކުރިމަތިވާ ކަންކަމުގައި އެ ކުދީންނާ އެކުގައިވާނޭކަމުގެ ޔަޤީންކަންދިނުމަށް ވެސް ޚުޠުބާގައި ބުންޏެވެ.