ENGLISH

27 އޭޕްރީލު 2026

Advertisement

ދަޢުވާލިބޭ ފަރާތަށް ލިޔުންތައް ދެއްކުމުގެ އިންތިޒާމު ޕީޖީން ހަމަޖައްސައިފި

27 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ދަޢުވާލިބޭ ފަރާތަށް ލިޔުންތައް ދެއްކުމުގެ އިންތިޒާމު ޕީޖީން ވަނީ ހަމަޖައްސާފައި.

ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ވަކި ޝަރުތުތަކަކާއެކު ދަޢުވާލިބޭ ފަރާތަށް ލިޔުންތައް ދެއްކުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހަމަޖައްސައިފި އެވެ. 

ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިކުރެވޭ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާނަމަ، ކަނޑައެޅޭ ހަރުދަނާ އުޞޫލުތަކާއި، ޝަރުޠުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ނުވަތަ ކޯޓަށް ޤަބޫލުކުރެވޭ ދައުލަތުގެ އިދާރާއެއްގައި އެ އިންތިޒާމު ހަމަޖެއްސުމަށް އެންގުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާކަމަށް ސުޕްރީމް ކޯޓުގެ 2026/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު) ޤަޟިއްޔާގެ ނިންމުމުގައި ބަޔާންކޮށްފައި ވެއެވެ. 

ޕީޖީ އޮފީހުން ބުނީ މި ދެންނެވުނު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މަޤްޞަދު ޙާޞިލުވާނޭހެން، ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން މައްސަލަ ބައްލަވާ ފަނޑިޔާރު ކަނޑައަޅުއްވާ ޝަރުޠުތަކާއެކު ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދިފާއަށް ލިބިދޭ ލިޔުންތައް، ފަސޭހަ އަދި ލުއި އިންތިޒާމެއްގެ ދަށުން ބެލޭނެ އިންތިޒާމު އިއްޔެއިން ފެށިގެން ހަމަޖައްސާފައި ވާކަމަށެވެ.

މިކަން ކުރިއަށްގެންދާނީ ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަތުރުތަކަކާއެކު ޕީޖީ އޮފީހުގައި ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި ބަޔާންވެފައިވާގޮތުގެ މަތިންކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ. 

މި އުޞޫލުގެ ދަށުން، ދަޢުވާލިބޭ ފަރާތަށް ލިޔުންތައް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓަކުން އަމުރުކޮށްފިނަމަ، އެ އިންތިޒާމު ހަމަޖެއްސުމަށް އެދި ހުށަހަޅަން ޖެހެނީ މިކަމަށް ޚާއްޞަކޮށްފައިވާ "ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކި ބަލައި ދިރާސާކުރުމަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ.

ޕީޖީ އޮފީހުން ބުނީ މިކަމުގައި އަމަލުކުރަންޖެހޭ އުޞޫލާއި، ފޯމު އެ އޮފީހުގެ ވެބްސައިޓުން ފެންނާނެ ކަމަށެވެ.

މި އުޞޫލުގެ ދަށުން ދިރާސާކުރުމުގެ ފުރުޞަތު ދޭން ނިންމާފައިވަނީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ހެކިތައް، އެކަމަށް ޚާއްޞަކުރެވިފައިވާ ތަނެއްގައި، އެ އަމުރުގައި ބަޔާންކޮށްފައިވާ މިންވަރަށްކަން ޕީޖީ އޮފީހުން ހާމަކުރެ އެވެ. 

ކިޔުންތެރިންގެ ހިޔާލު