ENGLISH

27 އޭޕްރީލު 2026

Advertisement

ޑެޑިކޭޓެޑް ސާވިސް އެވޯޑް 2026 ހަތަރު ބޭފުޅަކަށް އަރުވައިފި

27 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ޑެޑިކޭޓެޑް ސާވިސް އެވޯޑް 2026 ހަތަރު ބޭފުޅަކަށް އެރުވުން --

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026 ގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހަތަރު ބޭފުޅެއްގެ އަގުވަޒަންކޮށް އެވޯޑް ދީފި އެވެ. 

އެ ބޭފުޅުންނަށް އެވޯޑް ދީފައިވަނީ ހޮޓެލިއާ މޯލްޑިވްސް އިން ރޭ ނިވާ ކުރުނބާ މޯލްޑިސްގައި ބޭއްވި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026 ގަ އެވެ. ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ހުށަހަޅައިދިން މި އެވޯޑް ހަފްލާއަކީ މިފަދަ ތިންވަނަ އެވޯޑް ހަފްލާ އެވެ. މިއީ ރިސޯޓު މުވައްޒަފުންގެ ހުނަރާއި މަސައްކަތްތެރިކަން ގައުމީ ފެންވަރުގައި ބަލައިގަތުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި އެވޯޑެވެ.

"ޑެޑިކޭޓެޑް ސާވިސް އެވޯޑް" އަކީ ހޮޓެލިއާ މޯލްޑިވްސްގެ ޓީމުން ހޮވާ ޚާއްސަ އެވޯޑެކެވެ. ރޭގެ ހަފުލާގައި 23 ފަރާތަކަށް ދިން އެވޯޑާއި 12 ޓީމަކަށް ދިން އެވޯޑުގެ އިތުރުން، މި ޝަރަފުވެރި އެވޯޑަކީ ދިވެހި ފަތުރުވެރިކަން ތަރައްގީކުރުމުގައި ދިގު މުއްދަތަކަށް، ނަމޫނާ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށް ދިން އެވޯޑެކެވެ.

މިއަހަރު މި އެވޯޑް ހާސިލުލުކުރެއްވި ބޭފުޅުންނަކީ: ބަނޑޮސް މޯލްޑިވްސްގެ އާދަމް ސައީދާއި އިކުއޭޓާ ވިލެޖްގެ މުހައްމަދު ވަހީދާއި ބަނިޔަން ޓްރީ ވައްބިންފަރުގެ މުހައްމަދު ނައީމް އަދި ކްލަބް މެޑް މޯލްޑިވްސްގެ އަބްދުއްސަމަދު އިބްރާހީމެވެ.

އާދަމް ސައީދު، ބަނޑޮސް މޯލްޑިވްސް

އާދަމް ސައީދު ވަނީ ހިއުމަން ރިސޯސް އަދި އެޑްމިނިސްޓްރޭޝަން ދާއިރާގައި 34 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. ބަނޑޮސް މޯލްޑިވްސްގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި ގަވާއިދުތަކަށް އަމަލުކުރުމުގައި އޭނާ އަދާކުރައްވާ ދައުރު ފާހަގަކޮށްލެވެ އެވެ. ވަކިން ހާއްސަކޮށް ބިދޭސީ މުވައްޒަފުންގެ ލިޔެކިޔުންތަކާއި ވިސާގެ ކަންކަން އިންތިޒާމުކުރުމުގައި އޭނާއަކީ އިތުބާރުހުރި، ތެދުވެރި ހިދުމަތްތެރިއެކެވެ.

މުހައްމަދު ވަހީދު، އިކުއޭޓާ ވިލެޖް

އިކުއޭޓާ ވިލެޖްގެ ރިސޯޓް މެނޭޖަރުގެ މަގާމުގައި ހުންނެވި މުހައްމަދު ވަހީދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގާތްގަނޑަކަށް 40 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. 1986 ވަނަ އަހަރު ވިލިނގިލި ބީޗް ރިސޯޓުން މަސައްކަތް ފެއްޓެވި ވަހީދަކީ، މިހާރު ރާއްޖޭގައި ތިއްބެވި މަދު ދިވެހި ރިސޯޓް މެނޭޖަރުންގެ ތެރެއިން އެކަކެވެ. އޭނާ އަންނަނީ އައްޑޫ އަތޮޅުގެ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދީ، މުޖުތަމައުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މުހައްމަދު ނައީމް، ބަނިޔަން ޓްރީ ވައްބިންފަރު

2025 ވަނަ އަހަރު ބަނިޔަން ޓްރީ ވައްބިންފަރުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރުގެ މަގާމުން ރިޓަޔާ ކުރެއްވި މުހައްމަދު ނައީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި 40 އަހަރުގެ ތަޖުރިބާއެއް ހުރި ބޭފުޅެކެވެ. 1980 ގެ އަހަރުތަކުން ފެށިގެން އޭނާ ކުރެއްވި މަސައްކަތުން، ތިމާވެށި ހިމާޔަތްކުރުމާއި މުވައްޒަފުންގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރުމުގެ އާ އުސޫލުތަކެއް ސިނާއަތަށް ތައާރަފުވެގެން ދިޔައެވެ.

އަބްދުއްސަމަދު އިބްރާހީމް، ކްލަބް މެޑް މޯލްޑިވްސް

ކްލަބް މެޑް ކަނިގެ ޖެނެރަލް އެފެއާޒް މެނޭޖަރު އަބްދުއްސަމަދު އިބްރާހީމަކީ 40 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި މި ދާއިރާގައި ހިދުމަތް ކުރައްވަމުންދާ ބޭފުޅެކެވެ. 1980 ވަނަ އަހަރު މި ދާއިރާއަށް ނުކުންނެވި ސަމަދަކީ ކްލަބް މެޑް ބްރޭންޑް ރާއްޖޭގައި ފުޅާވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށް ފްރާންސާއި ޗައިނާގެ ކްލަބް މެޑްގެ ފަރާތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ވެސް ވަނީ އެވޯޑްތައް ލިބިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު