ENGLISH
27 އޭޕްރީލު 2026
ހުޅުމާލެ ފޭސް އެކެއްގައި ބިނާކުރާ މިސްކިތުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ
27 އޭޕްރީލު 2026
|
ހުޅުމާލޭ ފޭސް އެކެއްގައި ބިނާ ކުރާ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا "ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ މަޤްބޫލު
ހުޅުމާލޭ ފޭސް އެކެއްގައި ބިނާ ކުރާ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا" ގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
މި މިސްކިތަކީ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދު ބިނާކުރާ މިސްކިތެކެވެ. މި މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި މިސްކިތަކީ ހުޅުމާލޭ ފުތަރަމަ ފިޔަވަހީގެ ރެޑްވޭވް ކައިރި ވަގުތީ މިސްކިތް ހުރިތަނުގައި ބިނާކުރާ މިސްކިތެކެވެ.
މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޝައިހް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި އަދިވަރަށް ގިނަ ދުވަސްވަންދެން ކުރައްވަމުން އައި އުއްމީދެއްގެ ފެށުމެއް ކަމަށެވެ.
ހުޅުމާލޭ ފޭސް އެކެއްގައި ބިނާ ކުރާ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا "ފޮޓޯ: އިސްލާމިކް މިނިސްޓްރީ
"މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ"ގެ ނަމުން ނަން ދީފައިވާ މި މިސްކިތަކީ މަދީނާ އިންވެސްޓްމަންޓުން މެނޭޖްކުރާ މިސްކިތެކެވެ. މި މިސްކިތް ނިސްބަތްކޮށްފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ.
މި މިސްކިތަކީ 2000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ ޖާގަ ތަނަވަސް މިސްކިތެވެ. މި މިސްކިތް ބިނާކޮށް ނިމޭއިރު އޭސީ އާއި ސޯލާ ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން މި މިސްކިތުގައި އަންހެނުން ނަމާދު ކުރުމަށް ޚާއްސަ ޖާގައެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މިސްކިތް ފަރުމާކޮށްފައިވަނީ ދެ ފަންގިފިލާ ހިމެނޭ ގޮތަށެވެ. އެގޮތުން މިސްކިތުގެ މަސައްކަތް ނިމޭއިރު އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާކުދިންނަށް، އެސައިންމަންޓް ހަދައި ފޮތްކިޔަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއެއް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ.
މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ސަރުކާރުން ނިންމާފައިވާއިރު ރޯދައާ ދިމާކޮށްވެސް އެކި ރަށްރަށުގައި ބިނާކުރި މިސްކިތްތައް ވަނީ ހުޅުވާފަ އެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ މާލޭގައި ހުރި ބައު މިސްކިތްތަކުގެ ބަދަލުގައި އައު މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.